ހަށިވިއްކަނިކޮށް ލޯބިވެރިޔާ ގޮސް ބިރު ދައްކައި ފޭރިއްޖެ
ހަށިވިއްކަނިކޮށް ލޯބިވެރިޔާ ގޮސް ބިރު ދައްކައި ފޭރިއްޖެ

ހަށިވިއްކާ އަންހެނެއް ގާތަށް ފިރިހެނަކު ވަދެ އޮއްވައި އަންހެން މީހާގެ ލޯބިވެރިޔާ އާއި އިތުރު މީހަކު އެތަނަށް ވަޅި ހިފައިގެން ވަދެ ބިރު ދައްކައި އަނިޔާކުރުމަށް ފަހު 12،000ރ. ފޭރިއްޖެ އެވެ.

މި މައްސަލާގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 20 އަހަރުގެ އަންހެނަކާއި އޭނާގެ 31 އަހަރުގެ ލޯބިވެރިޔާގެ އިތުރުން މި މީހުންނާ ގުޅުން އޮންނަ 35 އަހަރުގެ އެހެން ފިރިހެނެކެވެ. ބިރު ދެއްކުމާއު ފޭރުމާއި ޖެހުމުގެ ތުހުމަތު މި މީހުންގެ މައްޗަށް ވަނީ ކޮށްފަ އެވެ.

ހަށި ވިއްކި ކަމަށް ކޯޓުގައި ބުންޏަސް އަންހެން މީހާގެ މައްޗަށް ވެސް ހަށި ވިއްކުމުގެ ތުހުމަތެއް ފުލުހުން ކޮށްފައެއް ނެތެވެ.

ހަށިވިއްކާ މީހާ ގާތަށް ދިޔަ މީހާގެ އަތުން ފޭރިފައި ވަނީ ރާވައިގެން ހިންގި އަމަލެއްގެ ތެރެއިން ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް މި ތިން މީހުން ވެސް ވަނީ މިއީ ދުރާލައި ރާވައިގެން ކުރި ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އަނިޔާ ލިބުނު މީހާ އަކީ ފުލުހެއް ކަމަށް ބުނެ، ހައްޔަރުކުރި އިރު ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް މި މީހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

މައްސަލާގައި ހިމެނޭ އަންހެން މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި މަޖިލީހުގައި ބުނީ އޭނާ ކައިރިއަށް އައި މީހާ އައީ ޖިންސީ ގުޅުން ހިންގަން ކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުން 1،000ރ. ދޭން އޮތީ އެއްބަސްވެފައި ކަމަށެވެ. އަންހެން މީހާ އަށް އިސްވެ ގުޅީ ވެސް އެ މީހާ ކަމަށާއި ފޭރުމުގެ ހާދިސާ ހިނގީ ދެ މީހުން އެއްކޮށް ތިއްބާ "ބިޓަށް ބަސްޓް ވެގެން" ރުޅި އައިސްގެން ކަމަށް ވެސް ބުންޏެވެ.

އަންހެން މީހާ ވަނީ އޭނާގެ ނުވަ މަހުގެ ދަރިއެއް އޮންނަ ކަމަށާއި ހިނގި ހަމަނުޖެހުމުގެ ތެރޭގައި އަނިޔާވެ، ސިޒޭރިއަން ހަދާފައިވާ ތަނަަށް ތަދުވާތީ އާއި ދަރިފުޅު ބަލަން ޖެހޭ ކަމަށް ބުނެ ބަންދުން ދޫކޮށްލަން އެދިފަ އެވެ. އެކަމަކު ފުލުހުން ބުނި ގޮތުގައި މި އަންހެން މީހާގެ ތިން އަހަރުގެ ދަރިއެއް ފިޔަވައި އިތުރު ކުއްޖަކު ހުންނަކަން އެނގިފައެއް ނެތެވެ. ދަރިފުޅު ބަލަނީ ވެސް މި އަންހެން މީހާކަން ހޯދިފައި ނެތް ކަމަށް ވެސް ފުލުހުން ކޯޓުގައި ބުންޏެވެ.

އަންހެން މީހާގެ ލޯބިވެރިޔާ ވެސް ކޯޓުގައި ބުނީ މިއީ ރާވައިގެން ހިންގި އަމަލެއް ނޫން ކަމަށާއި އޭނާގެ ލޯބިވެރިޔާ ވަގަށް އެހެން މީހަކު ގޮވައިގެން ގޮސް ތަނަކަށް ވަންނަ ތަން ފެނިގެން ފަހަތުން ގޮސް ވަނީ ކަމަށެވެ. ލޯބިވެރިޔާއާ އެކު އޮތީ ފުލުހެއްކަން ވެސް ކުރިން ނޭނގޭ ކަމަށާއި ފޭރުނު ކަމަށް ބުނާ ފައިސާ އަކީ ވެސް އަނިޔާ ލިބުނު މީހާ ސަލާމަތުން ދޫކޮށްލައިފި ނަމަ ދޭނެ ކަމަށް ބުނެ ޓްރާންސްފާކުރި ފައިސާ ކަމަށް ވެސް ބުންޏެވެ.

މި މީހާ ބުނި ގޮތުގައި ދެ މީހުން ތިބި ތަނަށް ވަދެ ފޯނުން ވީޑިއޯކުރާ ކަމަށް ދައްކަން ފޯނު ނަގައިގެން ހުއްޓާ، އަނިޔާ ލިބުނު މީހާ ވަނީ ފޯނު އަތުލައި ހަލާކުކޮށްލައިފަ އެވެ. އަނިޔާ ލިބުނު މީހާ ޓްރާންސްފާކުރި 12،000ރ. އަނބުރާ ދިނުމަށް ފަހު މީނާ ވަނީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނެ ބަންދަށް ލުޔެއް ދޭން އެދިފަ އެވެ.

ހައްޔަރުކުރި ތިން ވަނަ މީހާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ، އެކަމަކު އޭނާ ބުނީ މިއީ އޭނާ ބައިވެރިވެރިވެގެން ރާވައިގެން ކުރި ކަމެއް ނޫން ކަމަށާއި ހާދިސާ ހިނގި އިރު އެތަނުގައި ހުރެވުނީ ކަމަށެވެ. މަންމަ އަކީ ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމަށާއި އަދި މީނާ އަކީ ވަރަށް ފަހުން އެމްޕީއެލްގައި ވަޒީފާ އަދާކުރަން ފެށި މީހަކަށް ވާތީ ވަޒީފާ ގެއްލިއްޖެ ނަމަ މަންމަ އަށް ވެދާނެ ގޮތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެ ބަންދަށް ލުޔެއް ދޭން އެދުނެވެ.

މި ތިން މީހުންގެ ބަންދަށް ވެސް މިއަދު ވަނީ ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްދީފަ އެވެ.

އެކި ކަންކަމުގައި މީހުން ތަންތަނަށް ގެންގޮސް ހިފެހެއްޓުމަށް ފަހު ބިރު ދައްކައި ފޭރުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.