ޓީޓީ ވޯލްޑް ކަޕްގައި ދީމާގެ ފުރަތަމަ މެޗުން މޮޅުވެއްޖެ
ޓީޓީ ވޯލްޑް ކަޕްގައި ދީމާގެ ފުރަތަމަ މެޗުން މޮޅުވެއްޖެ

ޕޯޗްގަލްގައި މިހާރު ކުރިއަށްދާ ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ މިކްސް ޑަބަލްސް ކެޓެގެރީގައި ރާއްޖޭގެ ފާތިމަތު ދީމާ އާއި ޗެކްރިޕަބްލިކްގެ މާޓިން ސިޕްގެ ޕެއާ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.

ޓީޓީ ވޯލްޑް ކަޕްގައި ދީމާގެ ފުރަތަމަ މެޗުން މޮޅުވެއްޖެ
ޓީޓީ ވޯލްޑް ކަޕްގައި ދީމާގެ ފުރަތަމަ މެޗުން މޮޅުވެއްޖެ

ރާއްޖޭގެ ގައުމީ ޗެމްޕިއަން ދީމާ އާއި ޕޯޗްގަލްގެ ޒުވާންކުޅުންތެރިޔާ ވޯލްޑް ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ ކެޓެގެރީގައި މިއަދު އޮސްޓްރޭލިއާގެ ނީ ޗުލޯންގް އާއި ސައިހޯޖިއޯސް ކޮންސްޓަންޓީނާގެ ޕެއާ ބަލިކުރީ 3-1 ސެޓުންނެވެ.

ފުރަތަމަ ގޭމް ނުވަތަ ފުރަތަމަ ސެޓް ދީމާ އާއި ސިޕްގެ ޕެއާ ކާމިޔާބު ކުރީ 11-4 ންނެވެ. ދެވަނަ ސެޓުން 11-7 ން މޮޅުވި އެވެ. އެކަމަކު ތިން ވަނަ ސެޓްގައި ބަލިވީ 11-9 ންނެވެ. ފަހު ސެޓް ކާމިޔާބުކޮށް ދީމާ އާއި ސިޕްގެ ޕެއާ މެޗު ކާމިޔަބު ކުރި އެވެ. އެ ޕެއާ ފަހު ސެޓް ހޯދީ 11-3 އިންނެވެ.

ދީމާ އާއި އޭނާގެ މިކްސް ޑަބަލްސް ޕާޓްނާ މާޓިން ސިޕް ހޯދި މޮޅާއެކު ދިމާ ވެފައި ވަނީ ޓީވީގެ ވޯލްޑް ޗެމްޕިއަންޝިޕް މެޗެއް ކާމިޔާބު ކުރި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިންޔާ އަށެވެ. ރާއްޖޭގެ ގައުމީ ޓީޓީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ ދީމާ އާއި ސިޕް ވަނީ މެޗުން މޮޅުވެ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފަ އެވެ. އެބުރުގައި އެ ދެ ކުޅުންތެރިން ނުކުންނާނީ ރޮމޭނިއާގެ ރިޗްޓާ ޔޫލިއާން އާއި ބިއަންކާ މެއި ރޯސޫއާ ދެކޮޅަށެވެ. އެމެޗުން މޮޅުވާ ޕެއާ އަކަށް އަނެއް ބުރަށް ދެވޭނެ އެވެ. އެމެޗު އޮންނާނީ ރާއްޖޭ ގަޑިން މިރޭ 9 ޖަހާއިރު އެވެ.

ދީމާ ވާދަ ކުރާ ޑަބަލްސް އިވެންޓްގެ މެޗު ވެސް މިއަދު ކުރިން އޮތީ ކުޅޭ ގޮތަށެވެ. ދީމާގެ ޑަބަލްސް ޕެއާ އަކީ ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން އެވެ. ދީމާގެ ކޯޗެއްގެ ގޮތުގައި ދިޔަ ޓީޓީއޭއެމްގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ ނައިޖީރިއާގެ ކުޅުންތެރިޔާ އަށް މުބާރާތަށް ނާދެވުުން ދީމާ ބައިވެރިވާން އޮތް ޑަބަލްސް މެޗު ކުޅެވޭ ގޮތް ނުވި ކަމަށެވެ.

"ނައިޖީރިއާގެ ކުޅުންތެރިޔާ އަށް މައްސަލަ ޖެހިގެން އާދެވޭ ގޮތެއް ނުވި. އިއްޔެ މިކޮޅަށް އަންނަ ގޮތަށް އޮތީ،" މިވަގަުތު ޕޯޗްގަލްގައި ހުރި ޝިއުރީ ވިދާލުވި އެވެ. "ޕީސީއާރް ކޮންމެ ވެސް މައްސަލައެއް ޖެހިގެން ކަމަށް ވަނީ. ފްލައިޓަށް އެރި ފަހުން މައްސަލަ ދިމާވިކަން އެނގިފަ ވަނީ."

ޕޯޗްގަލްގެ ވިލަ ނޮވާ ޑި ގަޔާގައި ކުރިއަށްދާ ޖޫނިއާ ވޯލްޑް ކަޕަށް ދީމާ ކޮލިފައިވީ ވޯލްޑް ރޭންކިންގެ ކުރީ ސަފުން ޖާގަ ހޯދައިގެންނެވެ. ދީމާ އަކީ 15 އަހަރުން ދަށުގެ ދުނިޔޭގެ ރޭންކިންގެ 18 ވަނަ އެވެ. އޮކްޓޯބަރު މަހު އޭނާ އޮތީ 20 ވަނައިގަ އެވެ. އޭޕްރީލް މަހު ރޭންކިންގެ، އަށް ވަނަ އަށް ވެސް ދީމާ ޖެހިލި އެވެ. ދީމާގެ މެނޭޖަރެއްގެ ގޮތުގައި ޕޯޗްގަލް އަށް ދިޔަ ޓީޓީއޭއެމްގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ ދީމާގެ ފުރުސަތަކީ އޭނާ އަށް އެކަނި ލިބުނު ފުރުސަތެއް ނޫން ކަމަށާއި މިއީ މުޅި ރާއްޖޭގެ ޓީޓީ އަށް ލިބުނު ފުރުސަތެއް ކަމަށެވެ.

އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދި ދީމާ ވަނީ މިދިޔަ މަހު އޮމާންގެ މަސްކަޓްގައި ބޭއްވި ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ މުބާރާތުގެ ކުއާޓާއާ ހަމައަށް އޭނާ ދަތުރުކުރީ ޕާކިސްތާނާއި އުޒްބެކިސްތާންގެ ކުޅުންތެރިން ބަލި ކުރުމަށް ފަހު އެވެ.