05 ޑިސެމްބަރ 2021 - 06:04

ކޮވިޑް ވެކްސިން ޖަހަން ހުރަސް އެޅުމުގެ ގޮތުން ވެކްސިން ސެންޓަރެއްގެ މައި ދޮރުގެ ތަޅުގެ ތެރެއަށް ތަކުރާރުކޮށް ތެރަސް އެޅި މީހަކު 12 ހަފުތާ އަށް އިނގިރޭސިވިލާތުގައި ޖަލަށް ލައިފި އެވެ.

މީޑިއާތަކުން ބުނީ ނޯފޮކްގެ ގޯލެސްޓަންގައި ފާމަސީއެއް ހިންގާ މީހަކު ހަދާފައި ހުރި ވެކްސިން ސެންޓަރުގެ ދޮރުގެ ތަޅުގެ ތެރެއަށް ތެރަސް އެޅި މައްސަލާގައި ޖަލަށްލާފައި ވަނީ ނޯފޮކްގެ ގްރޭޓް ޔާމައުތަށް ނިސްބަތްވާ ހޭޑެން ބްރައުން، 53، ކަމަށެވެ. ތިން ފަހަރެއްގެ މަތިން އޭނާ މިކަންކޮށްފައިވާ އިރު، އެންމެ ފަހުން ތަޅުގެ ތެރެއަށް ތެރަސް އެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހި އެވެ. އަދި ސީސީޓީވީ ފުޓޭޖްގެ އެހީގައި އޭނާ އަތުލައިގަތީ މިދިޔަ އަންގާރަ ދުވަހު އެވެ.
ވެކްސިން ސެންޓަރުގެ މައި ދޮރުގެ ތަޅުގެ ތެރެއަށް ތެރެއަށް ތެރަސް އެޅުމުން އެތަނަށް ވަދެވޭނެ އިތުރު ގޮތެއް ގޮތެއް ނެތިގެން ވަގުތީ ގޮތުން ވެކްސިން ޖެހުން މެދުކަނޑާލަން ޖެހުނެވެ. އަދި އެކަމާ ހުރެ 26 ވަނަ ދުވަހު ވެކްސިން ޖަހަން އޮތް 504 މީހަކަށް ވެކްސިން ޖެހޭ ގޮތެއް ވެސް ނުވި އެވެ.
ވެކްސިން ސެންޓަރު ހިންގާ "ފާމަސީ އެކްސްޕްރެސް" ގެ ވެރިޔާ ވަހީދަތު އޮވޮޑީޔީ ބުނީ ގަސްތުގައި ބަޔަކަށް ގެއްލުން ދިނުމުގެ މަގުސަދުގައި ވެކްސިން ސެންޓަރުގެ ތަޅަށް ތެރަސް އެޅި މީހާ ޖަލަށްލުމަކީ އެފަދަ ކަންކަން ކުރާ މީހުންނަށް ލިބުނު ރަނަގަޅު ފިލާވަޅަކަށް ވާނެ ކަމަށެވެ.
"މިކަމުން ދައްކުވައި ދެނީ ހިތަށް އެރިހާ ކަމެއްކޮށްފައި ރެކިނުގަނެވޭނެކަން." އޭނާ ބުންޏެވެ.
ވަހީދަތު ބުނި ގޮތުގައި ކޮވިޑް ފަދަ ފަސޭހައިން ޖެހޭ ބައްޔަކުން ރައްކާތެރިކަން ހޯދަން ޖަހާ ވެކްސިނަކަށް ހުރަސް އަޅަން މަސައްކަތް ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެފަދަ ކަންކަން ކުރާ މީހުންނަކީ މުޖުތައުއަށް ހުރި ނުރައްކަލެއް ވެސް ކަމަށް ބުންޏެވެ.
"އޭނަ އަހަރެމެންގެ މަސައްކަތަށް ހުރަސް އަޅަން ތަކުރާރުކޮށް މަސައްކަތްކުރުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް. މިއީ ހަގީގަތުގައި ބައެެއްގެ ފުރާނަ ނުރައްކަލަށް ގަސްތުގައި ވައްޓާލުމުގެ އަމަލެއް." ވަހީދަތު ބުންޏެވެ.