ހިތަދޫ ގޮނޑުދޮށުން ވެެއްޔެއް ނުނަގާ: އީޕީއޭ
ހިތަދޫ ގޮނޑުދޮށުން ވެެއްޔެއް ނުނަގާ: އީޕީއޭ

އައްޑޫ ހިތަދޫގެ ގޮނޑުދޮށުން އިންޑިއާ ކުންފުންޏަކުން ގަވާއިދާ ހިލާފަށް ވެލި ނަގާކަމުގެ ޝަކުވާ ލިބިގެން އެކަން އިންސްޕެކްޓު ކޮށްފައިވާ ކަމަށާއި، ވެލި ނަގާކަން ފާހަގަވެފައި ނުވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އައްޑޫ ހިތަދޫ ހަންކެޑެ ސަރަހައްދުގައި މަސައްކަތް ކުރާ އިންޑިއާގެ ކުންފުންޏަކުން ގަވާއިދާ ހިލާފަށް އެ ސަރަހައްދުން ވެލި ނަގައި، އިންޑިއާ އަށް އެކްސްޕޯޓު ކުުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ބައެެއް ވީޑިއޯތައް އާއްމު ވެފަ އެވެ.

އެކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް މިއަދު "މިހާރު" އަށް ވިދާޅުވީ އައްޑޫ ގޮނޑުދޮށުން ގަވާއިދާ ހިލާފަށް ވެލި ނަގާ ކަމުގެ ޝަކުވާ ލިބިގެން އީޕީއޭ އިން ދެތިން ފަހަރަކު އެތަނަށް ގޮސް އިންސްޕެކްޓު ކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދުން ވެލި ނަގާކަން ފާހަގަވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގޮނޑުދޮށުން ވެލިނަގާ ގޮތަކަށް ނޯންނާނެ. ވެލި ނަގާ ކަމެއް އަޅުގަނޑުމެންނަކަށް ފާހަގައެއް ނުކުރެވޭ. މިހާރު ދެތިން ފަހަރު ގޮސް ބަލަން ވެސް ބަލައިފިން އެކަހަލަ ޝަކުވާ ލިބިގެން،" ނައީމް ވިދާޅުވި އެވެ.

އެކަމަކު އެ ސަރަހައްދުގައި މި ވަގުތު ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އަތިރިމަތި ކޮނެގެން ކުރާ މަސައްކަތްތަކެއް ވެސް ހިމެނެ އެވެ. އަދި އެ ވެލި ބޭނުންކޮށްގެން އެ މަޝްރޫއުތަކުގެ މަސައްކަތް ވެސް ކުރަމުން ދެ އެވެ.

"އެތަނުގެ ހަންކެނޑެ ކައިރީގައި ވަކިން ބްރިޖެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުން އެބަދޭ. އަދި އެތާނގައި ފާލަމެއް އެޅުމަށް ބޭނުންވާ ބޯ ހޯލް ހެދުމާއި އެކަން ކުރުމަށް ތޮރުފާ ހަދާނެ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވަނީ އެ ސަރަހައްދުން ވެލި ނަގައިގެން އިންޑިއާ އަށް އެކްސްޕޯޓު ކުރާކަމަށް ބުނާ ވާހަކަ ވެސް ދޮގު ކުރައްވައިފަ އެވެ. އެގޮތަށް ހަބަރު ފަތުރައި ދައްކަނީ "ހޮޅި ވާހަކަ" ކަަމަށް އޭނާ ވިދާޅުވި އެވެ.

"ޓުވީޓާގައި އެގޮތަށް ވީޑިއޯތައް ދައުރު ވިޔަސް އަޅުގަނޑުމެންނަށް އެނގިގެން އެގޮތަށް އިންޑިއާ އަށް ވެލި އެކްސްޕޯޓު ކޮށްފައެއް ނުވޭ،" ނައީމް ވިދާޅުވި އެވެ.