05 ޑިސެމްބަރ 2021 - 08:41

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ސޯޝަލް ހައުސިން މަޝްރޫއު "ހިޔާ"ގެ ދަށުން ފްލެޓް ލިބުނު ބައެއް މީހުން ފްލެޓްތަކުގައި މިހާރު ދިރިއުޅެން ފަށައިފި އެވެ. އެއާ އެކު ދެން ފެންނަން ފެށީ އެހެން މަންޒަރެކެވެ. ބައެއް ފްލެޓްތައް ވަރަށް ލަގްޒަރީކޮށް، އެތައް ލައްކަ ރުފިޔާއެއް ހޭދަކޮށްފައި އެތަންތަނަކު ދިރިއެއް ނޫޅެ އެވެ. އޭގެ ބަދަލުގައި އެތަންތަން ބޭނުންކުރަނީ މާލޭގައި އުޅޭ އެ މީހުން ހަމައެކަނި ޗުއްޓީ ހޭދަކޮށްލަން ވީކެންޑް ހަދާލަން ދާ ތަނެއްގެ ގޮތުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ އާންމުކުރި ފްލެޓް ލިބުނު މީހުންގެ ލިސްޓަށް އޮތް ޝަކުވާތައް ބޮޑުވެ، މި ސަރުކާރުން އެ ލިސްޓު "ފުރާނާލި" އެވެ. އެންމެ ހައްގުވެރިންނަށް ފްލެޓް ދިނުމަށް ކޮމިޝަނެއް އުފައްދައި، އާ ލިސްޓެއް އާންމުކުރި އެވެ. އެވަރުން ވެސް ޝަކުވާއަކަށް ނިމުމެއް ނައެވެ.
ފްލެޓް ލިބުނު ބައެއް މީހުންނަކީ މާލޭގައި ގެދޮރު ހުރި މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނެވެ. އެކަމަކު ފްލެޓް ލިބުމުން އެ މީހުން ރަށުގައި އުޅޭ ކޮންމެ ވެސް ތިމާގެ މީހަކަށް، އެތަން ދިރިއުޅެން ދޭއިރު، އަނެއް ބަޔަކު ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމާލައި އެތަނުގައި އުޅެމުންނެއް ނުދެ އެވެ.
ނުކުޅެންދުންތެރިކަން ހުންނަ ކުއްޖަކު ހުންނާތީ ލިބިފައިވާ ފްލެޓް ވެސް އެބަ ހުއްޓެވެ. އެކަމަކު އޭގެ ތެރޭގައި އެ ކުދިންގެ މައިންބަފައިންގެ ބޮޑެތި ގެދޮރު ހުންނަ މީހުން ވެސް އެބަ ހުއްޓެވެ. މައިންބަފައިން ވަކި ނުވާ ހާލަތެއްގައި ކުއްޖާ ހާލުގައި ވެސް ނުޖެހޭ ފަދަ ހާލަތެއްގައި ތިބި ކުދިންނަށް ފްލެޓް ދީފައި ހުރިއިރު މިއީ މިހާރުގެ ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދީފައި ހުރި ތަންތަން ނޫންކަން ޔަގީނެވެ.
ސޯޝަލް ހައުސިންގެ ދަށުން ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނުނިންމާ އެތަންތަން ހަވާލުކުރުމުން ފްލެޓް ކުއްޔަށް ދެވިދާނެ ކަމަށް ފްލެޓް ލިބުނު މީހުން ގަބޫލުކުރެ އެވެ. އެ މީހުން ފްލެޓް ހެދުމަށް ހަރަދުކުރި ފައިސާ އަނބުރާ ހޯދޭނެ ކަމަށް ގަބޫލުކޮށްގެން ފާޅުގައި ފްލެޓް ކުއްޔަށް ދިނުމުގެ ވިޔަފާރި ވެސް ކުރަމުން އެބަދެ އެވެ.
ފްލެޓްތަކުގެ މަހު ކުއްޔަށް ކަނޑައެޅި 7،500ރ. ބޮޑުވެގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ގޮސް އެ އަށް ވުރެ ބޮޑު އަގުގައި އެހެން މީހުން ފްލެޓް ކުއްޔަށް ދޫކުރަމުން އަންނައިރު ފްލެޓްތައް ހައްގު ނޫން ބަޔަކަށް ދޫކުރުމުން އެތަންތަން އަތުލަން ޖެހެ އެވެ. އެކަމަކު ކުރިން އެޅި މަޝްރޫއުތަކުގައި ވެސް މުޅި ފްލެޓްތައް ކުއްޔަށް ދީގެން އާމްދަނީ ހޯދަމުން އައި ނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރުން ފްލެޓް އަތުލައިފައެއް ނުވެ އެވެ. މިފަހަރު ވެސް ފްލެޓްތަކުގައި ހައްގު ނޫން މީހުން އުޅެމުން އައި ނަމަވެސް އެތަންތަން އަތުލެވޭނެ ކަމާ މެދު ސުވާލު އުފެދެ އެވެ.
ދަތި ހާލުގައި އުޅޭ ކަމަށް ބުނެ ފްލެޓް ހޯދުމަށް ފަހު އެތަން ކުއްޔަށް ދޭތީ އާންމުން ފާޑުކިޔައި ޝަކުވާކުރަމުން އަންނައިރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް ހިޔާ ފްލެޓް ލިބުނު މީހުން ވެސް އެތަނުގައި ދިރިނޫޅެ، ތަން ކުއްޔަށް ނުދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ތަކުރާރުކޮށް ވިދާޅުވެ އެވެ.
ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ލިބޭ ފްލެޓްތައް ކުއްޔަށް ދޭ މައްސަލައިގައި މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި އަސްލަމް ވިދާޅުވެފައި ވަނީ ފްލެޓްތައް ލިބޭ މީހުން އެތަން ކުއްޔަށް ދޫކުރުން މަނާވާނެ ކަމަށާއި ނަމަވެސް މިހާރު ވެސް އެކަން ހިނގާ ކަމަށެވެ. އެކަން ސާބިތުވެއްޖެ ނަމަ، ފްލެޓް އަތުލުމުގެ ބާރު ސަރުކާރަށް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ޖޫރިމަނާ ކުރުން ފިޔަވައި އެހެން ފިޔަވަޅެއް އަދި ނާޅަ އެވެ.
"ބޯހިޔާވަހި ކަމަށް ޖެހިފައި" ތިއްބައި ލިބުނު ހިޔާ ފްލެޓުގައި ހައްގު ނޫން މީހުން އުޅެމުން އަންނަ ކަމަށް މި ސަރުކާރުން ވެސް އެއްބަސްވެ އެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި ގޮތުގައި ހިޔާ ފްލެޓްތަކަކީ ސޯޝަލް ހައުސިން ތަނެއް ނަމަވެސް ވަރަށް ކެރިފޯރުންތެރިކަން ހުރި މީހުން ވެސް އެތަނުގައި ދިރިއުޅެމުން އެބަދެ އެވެ.
"ހިޔާ ފްލެޓަކީ ސޯޝަލް ހައުސިން ކެޓަގަރީ އަށް ދާނެ ތަނެއް، ސޯޝަލް ހައުސިން ނަމުގައި އެތަންތަން ދިނީ. އެކަމަކު ވަރަށް ކެރިފޯރުންތެރިކަން ހުރި މީހުންނަށް އެބަ ހިމެނޭ އެތާނގައި. އެތަނުގެ އިންޓީރިއާ މަސައްކަތް ހަދަން އެބަ ހަތަރު ލައްކަ ރުުފިޔާ ހަރަދުކުރޭ. އެހެންވީމަ އެއީ ލާރި ނުލިބޭ މީހުންނެއް ނޫން އެތަންތަނަށް ވަދެ އެ ތިބަ ގިނަ މީހުންނަކީ،" އަކްރަމް ވިދާޅުވި އެވެ.
ވަރަށް ހާލުގައި އަދި ވަރަށް ދަތީގައި އުޅޭ ބޮޑެތި ކުލި ނުދެއްކޭނެ މީހުންނަށް ހިޔާ ފްލެޓް ހާއްސަވި ނަމަވެސް އެތަނުގައި ރަނގަޅު އާމްދަނީއެއް ލިބޭ މީހުން އުޅެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް ދިމާވަނީ ކުރީ ސަރުކާރުން ހެދި ގޮތެއްގެ ސަބަބުން ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
އެކަމަކު ކުރީ ސަރުކާރުގެ ފްލެޓް ލިސްޓު ބަދަލުކުރުމަށް ފުރުސަތު ލިބުނު ނޫންތޯ ދެންނެވުމުން އަކްރަމް ވިދާޅުވީ މި ސަރުކާރަށް ވެސް ބެލޭނީ "ވަކި ވަރަކަށް" ކަމަށެވެ.
"ހައްގުވެރިންނަށް އެކަނި ދީފަ އެހެރީ، ދީފަ ހުރި މައުލޫމާތުތަކަށް ބަލައިފަ ރަނގަޅަކަށް އަޅުގަނޑަކަށް ހިޔެއް ނުވޭ އެ ބެލޭނެހެންނެއް ވެސް. އަނެއްކާ ދީފަ ހުރި ލިޔުމަށް ބަލައިފަ ދީފަ ހުރި އެއްޗެހި ހުރީ. މުޅިން ބަރާބަރަށް އެ 7،000 ފްލެޓް 12،000 އެއްހާ މީހުން ލާފަ އޮއްވާ، ހުރިހާ އެއްޗެއް އެހާ މުއްދަތުގައި ރަނގަޅަށް ބެލިފަ ހުންނާނެހެން ވެސް ހީިއެއްނުވޭ. އަނެއްކާ ކެޓަގަރީތައް ބަހައިފަ އޮތް ގޮތުން ވެސް އެބަ ލިބޭ ރަށުގަ އުޅޭ މީހަކަށް ވެސް،" އަކްރަމް ވިދާޅުވި އެވެ.
ހައްގު ނޫން ބަޔަކު ފްލެޓްތަކުގައި އުޅެމުން އަންނަކަން ސަރުކާރަށް އެނގުނު ނަމަވެސް އެކަމަށް މިހާތަނަށް ވެސް މާބޮޑު ފިޔަވަޅެއް އެޅި މަންޒަރެއް ނުފެނެ އެވެ. އެކަމަކު 25،000އެއްހާ އާއިލާ ގެދޮރުގެ ބޭނުމުގައި ކިޔޫގައި ތިބިއިރު، ހައްގު ނޫން ބަޔަކަށް ފްލެޓް ދިނުމަކީ އިންސާފެއް ނޫނެވެ. ދިން ފްލެޓްގައި ލަގްޒަރީ އެޕާޓްމެންޓް ހަދައި، އެއީ ހަމައެކަނި ވީކެންޑްގައި ޗުއްޓީ ހޭދަކޮށްލަން ހުރި ތަނަކަށް ވާ ނަމަ، މަޝްރޫއުގެ ބޭނުން ހާސިލެއް ނުވި އެވެ.