05 ޑިސެމްބަރ 2021 - 14:49

އެމްއޭސީއެލްގެ ޑިސެބިލިޓީ އެޑްވޮކޭޓްގެ ގޮތުގައި މުއާވިޔަތު މުހައްމަދު ދީދީ ކަނޑައަޅައިފި އެވެ.
އެ ކުންފުނީގައި މީގެ ހަތަރު އަހަރު ކުރިން ފެށިގެން މަސައްކަތް ކުރަމުން އަންނަ މުއާވިޔަތަކީ މިހާރު އެމްއޭސީއެލްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ސީނިއާ ޕްރޮޖެކްޓް އޮފިސަރެވެ.
ޑިސެބިލިޓީ އެޑްވޮކޭޓުގެ ދައުރާ އެކު، މުއާވިޔަތު މަސައްކަތް ކުރާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މަސައްކަތުގެ މާހައުލާއި މުޖުތަމައުގައި ލިބެންޖެހޭ ހައްގުތަކަށް ވަކާލާތު ކުރުމުގަ އެވެ.
އެމްއޭސީއެލް އިން ބުނީ މިފަދަ މީހުންނަށް މިހާރު ހުރި ގޮންޖެހުންތައް ދެނެގަތުމާއި މި ގޮންޖެހުންތައް ކުރިމަގުގައި ނައްތާލައި ހަމަހަމަކަން ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކާ އެކު މުއާވިޔަތު މަސައްކަތްކުރާ ކަމަށެވެ.
މުއާވިޔަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމަށް މިހާރު ވެސް މަސައްކަތް ކުރާ މީހެކެވެ. އދ. އާ ގުޅިގެން އެކިއެކި މަސައްކަތްތައް ކޮށްފައިވާއިރު، ފާއިތުވީ ހަ އަހަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސެބިލިޓީސްގައި ވެސް މުހިއްމު ދައުރެއް އަދާކުރި އެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި، ރާއްޖޭގައި އެންމެ ގިނަ މީހުންނަށް ވަޒީފާދޭ އެއް ކުންފުނީގެ ހައިސިއްޔަތުން އެތަނުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން ހިމެނޭ ގޮތަށެވެ. އަދި މި ސިޔާސަތުތައް ހަރުދަނާކޮށް، ތަންފީޒު ކުރުމަށް އދ. އާއި އެހެން އިދާރާތަކާ އެކު ގިނަ މަސައްކަތްތަކެއް މިހާރު ވެސް އަންނަނީ ކުރަމުން ކަމަށް އެމްއޭސީއެލުން ބުނެ އެވެ.