04 ޑިސެމްބަރ 2021 - 12:52

ލަންޑަން (ޑިސެމްބަރު 4) - މިއަހަރު ޖެނުއަރީގައި ޗެލްސީއަށް ގެނައި ޕީއެސްޖީގެ ކުރީގެ ކޯޗު ޖަރުމަންގެ ތޯމަސް ޓުޗެލް ޗެލްސީއަށް އާދެވުމުން އުފާވާ ކަމަށާއި، މި މަގާމަށް އޭނާ ނޫނަސް އެހެން ކޯޗުންނާ ޗެލްސީން ވާހަކަ ދައްކާފައި އޮވެދާނެ ކަމަށް އޭނާ ބުނެފި އެވެ.

މިރޭ، ލީގުގައި ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ޕްރެސް ގައި ޓުޗެލް މިހެން ބުނީ، މި ފަހުން މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވި ޖަރުމަންގެ ރާލްފް ރަންގްނިކް، އޭނާއަށް ޗެލްސީގެ މަގާމާ ހަވާލުވާން މަޝްވަރާކުރި ކަމަށް ބުނުމުން އެކަމާ ގުޅިގެން އަމާޒުވި ސުވާލަކަށް ޖަވާބު ދެމުންނެވެ.

"ފުޓުބޯޅައިގެ ދުނިޔޭގައި ޗެލްސީގެ ކޯޗުގެ މަގާމަކީ ރަނގަޅު ވަޒީފާއެއް. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ (ޗެލްސީގެ ކޯޗުކަމާ ހަވާލުވާން) ފޯންކޯލެއް ލިބޭ ހިސާބުން ވިސްނެން ވާނެ ތިމަންނާއާ އެކަނި ނޫން ކަން (ކުލަބުން) ގުޅާނީ،" ޓުޗެލް ބުންޏެވެ. "މިހާރު އަހަރެން މި ހުރީ (ޗެލްސީގައި) އުފަލުން."
ޓުޗެލް އޭނާގެ އިންސްޕިރޭޝަނެއް ގޮތުގައި ދެކޭ ރަންގްނިކް ޔުނައިޓެޑާ ހަވާލުވި ފަހުން، ރަންގްނިކާ ވާހަކަ ނުދައްކާ ކަމަށާއި، ނަމަވެސް އޭނާއަށް މަރުހަބާ ކިޔާ ކަމަށް ޓުޗެލް ބުންޏެވެ. "އަހަރެންނަށް ބުނެވޭނެހާވެސް އެއްޗަކީ 'މަރުހަބާ' އޭ. އެއްވެސް މީހަކަށް ބޭނުމެއް ނުޖެހޭނެ އަހަރެންގެ ނަސޭހަތެއް. އަހަރެންގެ ބައިވަރު މަސައްކަތް އެބަހުރި މި ކުލަބު ދާ މިސްރާބުން ކައްސާނުލާ ވޭތޯ، އެކަމަށް ހުރިހާ ފޯކަސް އެއް ހުރީ،" ޓުޗެލް ބުންޏެވެ.
"ހާލަތު ތަފާތު ވާނެ، ކޮންމެ މީހަކު ވެސް އެމީހަކު މަސައްކަތް ކުރާނީ ވަކި ގޮތަކަށް. މިހާރު އޭނާ (ރަންގްނިކް) އަށް ސާބިތު ކޮށްދެވޭނޭ އެންމެ ބޮޑު ލީގުގައި މޮޅު ކުލަބަކާ އެކު މަސައްކަތް ކުރަން ލިބުނީމައި."
ޖެނުއަރީގައި ޗެލްސީއާ ހަވާލުވެ ޓުޗެލް ވަނީ އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ. މި ސީޒަނުގެ ޔޫއެފާ ސުޕަ ކަޕް ވެސް ކާމިޔާބު ކުރިއިރު މި ސީޒަނުގައި އަދި ލީގު އެއްވަނައިގައި ލީޑު ކުރަނީ ވެސް ޗެލްސީ އެވެ.
ރަންގްނިކް ބުނީ އޭނާއަށް ޗެލްސީގެ އޮފާއެއް ލިބުނަސް ވާހަކަ ދެކެވުނީ އެންމެ ހަތަރު މަހުގެ ވަގުތީ ވަޒީފާއެއްގެ ވާހަކަ ކަމަށެވެ. އެއާ ހިލާފަށް ޔުނައިޓެޑާ އެކު ވެވުނީ ހަމަސް ދުވަހުގެ ވަގުތީ ވަޒީފާއެއްގެ އިތުރުން، ދެ އަހަރުގެ އެޑްވައިޒަރީ މަގާމެއްގެ އެއްބަސްވުން ކަމަށް ވެސް ރަންގްނިކް ވަނީ ބުނެފަ އެވެ.
"މިތާނގަ (ޔުނައިޓެޑުގައި) ވާހަކަ ދެކެވުނީ ހަ މަހާ ބައިގެ އިންޓެރިމް ކޯޗެއްގެ ވަޒީފާއަކަށް ފަހު، އިތުރު ދެ އަހަރުގެ އެޑްވައިޒަރީ ރޯލެއްގެ ވާހަކަ. ޔުނައިޓެޑުން އޮފާ ކުރީމަ ފުރަގަސް ދޭން އުނދަގޫ ވާނެ." ރަންގްނިކް ބުނެފައި ވެއެވެ.
ޗެލްސީން މިއަދު ހަވީރު ރާއްޖެ ގަޑިން 5:30 ގައި ޗެލްސީން ވެސްޓް ހޭމް އާ ދެކޮޅަށް ނުކުންނައިރު، ފޯވަޑް ރޮމެލޫ ލުކާކޫ ވަނީ މުޅިން ފިޓު ވެފައި ކަމަށް ޓުޗެލް ބުންޏެވެ. އަދި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުމަށް ފަހު އެނބުރި އައިސް ހަކީމް ޒިޔެޝް ދައްކަމުން އަންނަ ކުޅުމަށް ވެސް ޓުޗެލް ވަނީ ތައުރީފު ކޮށްފަ އެވެ. މީގެ އިތުރުން ޖޯޖީނިއޯ އާއި މަޓެއޯ ކޮވަސިޗް އަދި އެންގޯލޯ ކާންޓޭ އަށް އަނިޔާވެ، ރުބެން ލޮފްޓަސް ޗީކް ވެސް އަންނަނީ ޓީމުގައި މުހިއްމު ދައުރެއް އަދާ ކުރަމުންނެވެ.
ކޮވަސިޗާއި ކާންޓޭ އަދި ވަޓްފޯޑް މެޗުގައި އަނިޔާވި ޑިފެންޑަރު ޓްރެވޯ ޗަލޮބާ އަށް ނުކުޅެވޭ އިރު، ޖޯޖީނިއޯ އާއި ރީސް ޖޭމްސް ވަނީ ޓީމުގައި ހިމަނައިފަ އެވެ.
ރަންގްނިކުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑު ނުކުންނާނީ މާދަމާރޭ 7 ޖަހާއިރު އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.