ދާރާ ސިންގްގެ ހަޔާތުގެ ފިލްމު ކުޅެން އަކްޝޭ ޝައުގުވެރި
ދާރާ ސިންގްގެ ހަޔާތުގެ ފިލްމު ކުޅެން އަކްޝޭ ޝައުގުވެރި

ކުރީގެ މަޝްހޫރު ރެސްލިން ތެޅުންތެރިޔާ އަދި އެކްޓަރު ދާރާ ސިންގްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި އޭނާގެ ބައި އަދާކުރުމުގެ ޝައުގުވެރިކަން އަކްޝޭ ކުމާރު ފާޅުކޮށްފި އެވެ.

ދާރާ ސިންގްގެ ހަޔާތުގެ މައްޗަށް ސީމާ ސޯނިކް އަލިމްޗަންދު ލިޔެފައިވާ "ދީދާރާ އަކާ ދާރާ ސިންގް" ނެރެދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަކްޝޭ ބުނީ ދާރާ ސިންގުގެ ދިރިހެން ދަރިފުޅު ވިންދޫ އެދޭ ނަމަ އެ ރޯލު ކުޅެދޭން ޝައުގުވެރިވާ ކަމަށެވެ.

އަކްޝޭ ބުނި ގޮތުގައި ދާރާ ސިންގް އަކީ ވަރަށް ވަރުގަދަ ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. އެހެންކަމުން އޭނާގެ ރޯލު ކުޅޭ ނަމަ އެގޮތަށް ބިޔަވެ ރެސްލިން ތަޅާ މީހެއްގެ ސިފަ ޖައްސަން ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ދާރާ ސިންގް ވަނީ 2012 ގައި މަރުވެފަ އެވެ. ނަމަވެސް އޭނާގެ ހައިބަތާއި ގަދަރު އިންޑިއާގެ ގިނަ ބައެއްގެ ހިތުގައިވެ އެވެ. އަކްޝޭ އަކީ ވެސް ވަރަށް ކުޑައިރުއްސުރެ ދާރާ ސިންގްގެ ސަޕޯޓަރެއް ކަމަށް އޭނާ ބުންޏެވެ.

އަކްޝޭގެ ދެން އެންމެ އަވަހަށް ރިލީޒްވާން އޮތީ ސައިންސް ފިކްޝަން ފިލްމެއް ކަމަށްވާ "2،0" އެވެ، މިއީ މަޝްހޫރު ތަމަޅަ ޑައިރެކްޓަރު ޝަންކަރް ލިޔެ ޑައިރެކްޓްކުރި ފިލްމެކެވެ. މި ފިލްމުގެ ބަތަލަކީ ރަޖްނީކާންތެވެ. ބަތަލާ އަކީ އެމީ ޖެކްސަން އެވެ. އަކްޝޭ ކުޅެނީ ވަރަށް ނުލަފާ މީހެއްގެ ބަ އެވެ.