މަސައްކަތަށް ނުކުޅެދޭ މީހުންނަށް އެހީވުން
މަސައްކަތަށް ނުކުޅެދޭ މީހުންނަށް އެހީވުން

އިސްލާމްދީނަކީ މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ދީނެކެވެ. އެއީ ކޮންމެ ފަރުދެއްވެސް އެމީހެއްގެ ބޭނުންތައް އެމީހެއްގެ އަމިއްލަ ނުވަތަ އެ މީހަކު ބަލަހައްޓަން ޝަރުޢީގޮތުން ލާޒިމުވާ މީހެއްގެ މަސައްކަތުން ހޯދާ އެއްޗަކުން ފުއްދުމަށްޓަކަ އެވެ. ޞަދަޤާތާއި އެހެނިހެން ގޮތްގޮތުން ލިބޭ އެއްޗެއްގެ މައްޗަށް އެކަނި ބަރޯސާ ނުވުމަށްޓަކައެވެ. އަދި ސަލާންޖަހައިގެން ދިރިއުޅުމުގެ ބޭނުންތައް ފުއްދުން މުޅިން ހުއްޓާލުމަށްޓަކަ އެވެ.

އަނަސް ބުނު މާލިކު ގެ ކިބައިން ރިވާވެގެންވާ ނަބަވީ ޙަދީޘަކުން އެނގޭ ގޮތުގައި އަންޞާރިއްޔަ ބޭކަލަކު ކީރިތިރަސޫލާ ﷺ ގެ އަރިހުން ޞަދަޤާތަކަށް އެދި ވަޑައިގަތުމުން އެނާގެ ގޭގައި އެއްވެސް (އަގުހުރި) އެއްޗެއް ހުރިތޯ އެކަލޭގެފާނު ބެއްލެވި އެވެ. އެއަށްފަހު އެ އެތި ގެންނަވައި ދެ ދިރުހަމަށް ވިއްކަވާލެއްވި އެވެ. ދެން އެކަލޭގެފާނު އެ އަންޞާރިއްޔަ ބޭފުޅާއަށް އެ ދެ ދިރުހަމް ދެއްވާފައި ޙަދީޘް ކުރެއްވިއެވެ. "ތިބާ މިއިން އެއްބަޔަށް ކާއެއްޗެތި ބައްލައިވައިގަނެ އަނެއްބަޔަށް ކޮށާރު ހޯދަން ބޭނުންކުރައްވާނެ އާލަތެއް ބައްލަވައިގެން ގެނެސްދެއްވުމަށް އަމުރު ކުރެއްވެވި އެވެ. މި އާލަތު އިތުރަށް ފުރިހަމަ ކުރެއްވުމަށް ފަހު ޞަޙާބީ އަށް ދެއްވާފައި ޙަދީޘް ކުރެއްވީ އެ ބޭނުންކުރައްވައިގެން ދަރު ހޮއްވަވައި އެ ވިއްކެވުމަށެވެ. އަދި މި މަސައްކަތުގައި ފަނަރަ ދުވަސް ވަންދެން އުޅުއްވުމަށް ފަހު މެނުވީ ރަސޫލާ ﷺ އަށް އެ ބޭފުޅާ ފެނިވަޑައި ނުގަތުމަށެވެ. މި ހާދިސާއިން އެނގިގެން ދަނީ ސަލާން ޖެހުމާއި މީހުންގާތަށް ގޮސް އެއްޗެއްސަށް ކިޔުމަށް ވުރެ ކިތަންމެ އާދައިގެ ވިއަސް މަސައްކަތެއް ކުރުން އިސްލާމްދީނުގައި މާ އައުލާވެގެންވާ ކަމެވެ.

ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ މިހާ މުހިންމު އަދި ލާޒިމު ކަމެއް ކަމުގައި ވިއަސް، ދިރިއުޅުމުގެ މަސައްކަތްތައް ކުރުމުގައި ހުރިހާ އިންސާނުންނަކީ އެއްވަރުގެ ބައެއް ނޫނެވެ. މިގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ބައެއް މީހުންނަށް ނުލިބި ދެ އެވެ. ނުވަތަ މަސައްކަތެއް ލިބުނު ނަމަވެސް ބައެއް މީހުން ކިތަންމެ ބުރަކޮށް މަސައްކަތް ކުރިއަސް އެއިން އާމްދަނީއެއް ނުލިބޭ ފަހަރުތައް ވެސް ދެ އެވެ. އަދި ބައެއް މީހުންނަކީ އެއްވެސް ކަހަލަ މަސައްކަތެއް ކުރުމުގެ ގާބިލުކަން ނެތް މީހުން ކަމުގައި ވެދެ އެވެ. މިފަދަ މިފަދަ މީހުން ހިމެނެނީ ފަގީރުން ނުވަތަ މިސްކީނުންގެ ތެރެއިންނެވެ. މިފަދަ ހާލަތްތަކުގައި އިންސާނާ މާޔޫސްވެ ނުދިއުމަށްޓަކައި އީމާންތެރިކަން ވަރުގަދަކޮށް ލިބޭ މިންވަރަށް ރުހިގެން ދިރިއުޅުމަކީ ބޭނުންތެރި ކަމެކެވެ. ނަމަވެސް މިއީ މި ދެންނެވި މައްސަލައަށް އޮތް ހަމައެކަނި ހައްލެއް ނޫނެވެ.

އިސްލާމް ދީނުގެ ފުރިހަމަ ކަމުގެ ތެރެއިން ހިމެނޭ އެއް ކަމަކީ މިދެންނެވި ފަދަ ނިކަމެތިންނަށް އެމީހުންގެ އެންމެ ކުޑަމިނުން އަސާސީ ބޭނުންތައް ނަމަވެސް ފުއްދޭނެ މަގުތަކެއް ރޭވިފައިވުމެވެ. މީގެ ތެރެއިން އެންމެ މުހިންމު ކަމަކީ މުއްސަނދިން ކަމަށް އިސްލާމް ދީން ކަނޑައަޅާ މިންގަނޑުތަކެއް ފުރިހަމަވާ މީހުންގެ އަތުން އެމީހުން ދީނީގޮތުން އަދާކުރާ ފަރުޟެއްގެ ގޮތުގައި ނަގާ ޒަކާތް ނެގުމާއި މި ޒަކާތުގެ ބެހެނިވެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ފަގީރުންނާއި މިސްކީނުން ހަމަޖައްސާފައި ވުމެވެ. ޒަކާތަކީ އެ ޒަކާތް ދައްކާ މީހާ އޭނާގެ ހެޔޮކަމުން ދޭ ޞަދަޤާތެއް ނޫނެވެ. އެހެންނަމަވެސް އެއީ އޭނާގެ މުދަލުގައި ހުންނަ އެހެން ބައެއްގެ ހައްގެކެވެ. އޭނާގެ ހައްގެއް ނޫނެވެ. ޒަކާތްދިނުމުން ޒަކާތް ދޭ މީހާގެ މުދާ ތާހިރު ވަނީވެސް އެހެންވެގެންނެވެ. އޭނާގެ މުދަލުގެ ތެރޭގައި ހުރި އޭނާއަށް ހައްގު ނޫން އެއްޗެއް އެއިން ވަކިކޮށްލެވޭތީ އެވެ. މިސަބަބަށްޓަކައި ޒަކާތް ނުދައްކާ މީހުންގެ އަތުން ގަދަކަމުން ވެސް އެ އަތުލުމުގެ ހައްގު އިސްލާމްދީނުގައި ހާކިމަށް (ވެރިންނަށް) ދެއެވެ. އެއީ އިޖުތިމާޢީ ހަމަހަމަކަމާއި އަމަން އަމާންކަން ގާއިމު ކުރުމަށްޓަކައެވެ.

ޒަކާތް ނެރެން ލާޒިމުވާ މީހުން އަހަރުން އަހަރަށް އެ ނެރެ އޭގެ ބެހެނިވެރިންނަށް ޢަދުލުވެރިކަމާ އެކު ބެހެވިގެންދާ ނަމަ އިސްލާމީ މުޖުތަމަޢުތަކުން ފަގީރުކަން ނެތިދިއުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. ހަގީގަތުގައި ޒަކާތް ނެރުން ވާޖިބު ކޮށްފައި އޮތުމުން އެއިން ދޭހަވަނީ އިސްލާމީ މުޖުތަމަޢުގައި ފަގީރުކަން އޮންނަން ޖެހޭނެއެކޭ ނޫނެވެ. އެހެންނަމަވެސް އިސްލާމީ އުސޫލަކީ ފަގީރުކަން ނައްތާލުމެވެ. ފަގީރުކަން ނެތް އިސްލާމީ މިސާލީ މުޖުތަމަޢަކަށް އިސްލާމީ މުޖުތަމަޢު ބައެއް ފަހަރު ވާސިލު ވެފައިވެފައިވެސްވެ އެވެ. އޭގެ އެންމެ ރީތި މިސާލަކީ ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ގެ ޚަލީފާ ކަމުގެ ދުވަސްވަރެވެ.

ދިރިއުޅުމަށް މަސައްކަތް ކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހުންނަށް އެމީހުންގެ ބޭނުންތައް ފުއްދުމަށް އިސްލާމްދީނުގައި އޮންނަ ދެވަނަ މަގަކީ ޞަދަޤާތެވެ. ޞަދަޤާތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޞަދަޤާތަކީ ފިޠުރު ޒަކާތެވެ. ބައެއް ފިޤުހުވެރިން ދެކެލައްވާ ގޮތުގައި އެއީ ވާޖިބެކެވެ. ނުވަތަ އެންމެ ކުޑަމިނުން އެއީ ސުންނަތްކަން ގަދަވެގެންވާ ސުންނަތެކެވެ. މިނޫނަސް ހެޔޮ ޢަމަލު ކުރުމުގެ ގޮތުން މިނިވަން ކަމާއެކު އެމީހަކު ބޭނުން ވަރަކަށް (އޭނާގެ ވާޖިބުތަކަކަށް ބުރޫ ނާރާ ގޮތެއްގެ މަތިން) ޞަދަޤާތް ކުރުމަކީ އިސްލާމްދީން އެކަމަށް ވަރަށް ބޮޑަށް ހިތްވަރުދޭ ކަމެކެވެ. ޞަދަޤާތުގެ އިތުރުން އުޟުޙިޔާ އާއި އެކިއެކި ފާފަތައް ކުރެވުމުން ދޭން ޖެހޭ ކައްފާރާގެ ތެރޭގައިވެސް ފަގީރުންނަށް ދޭ ދިނުންތައް އޮވެ އެވެ. މިއީ އެމީހުންގެ ފަގީރުކަން ނައްތާލުމަށް ވެވޭ އެހީއެކެވެ. މި ހުރިހާ ކަމެއްގެ އިތުރުން ކޮންމެ އަވަށެއް ނުވަތަ ރަށެއްގެ ބަޔަކު އެބައެއްގެ ތެރެއިން ފޯރާ މީހުން އެހެން މީހުންނަށް އެހީތެރިވެ ދިނުމަކީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ޚާއްޞަކޮށް އަވަށްޓެރިން ހައިކަން މަތީ ތިބެ ތިމާގެ ބަނޑު ފުރާލައިގެން ހުރުމަކީ އިސްލާމްދީން ވަރަށް ބޮޑަށް އިންކާރު ކުރާ ކަމެކެވެ.

މިފަދަ ގޮތްގޮތަށް ފަގީރުންނާއި މިސްކީނުން އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުވުމުން މަސައްކަތް ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ ނުވަތަ މަސައްކަތް ކޮށްގެން ކާމިޔާބު ނުވާ މީހާއަށް އެހީތެރިކަން ފޯރުކޮށްދެވެ އެވެ. އެކަމަކު މީގެ ފައިދާ އަކީ ހަމައެކަނި މިއެއް ނޫނެވެ. އިތުރަށް ލިބޭ މަންފާތަކުގެ ތެރޭގައި މިދެންނެވި ފަދަ އެހީތެރިކަން ފޯރުވާ މީހަކަށް ލިބޭ ގިނަ ފައިދާތަކެއް ވެސްވެ އެވެ. މިގޮތުން އެމީހެއްގެ އަމިއްލަ މުދަލާއި ނަފްސު ޠާހިރު ވުމާއި އެހެން މީހުން އެ މީހަކާމެދު ބާއްވާ ގުޅުންތައް ބަދަހިވުން ހިމެނެ އެވެ. މިގޮތަށް މިފަދަ ގިނަ މީހުންތައް މުޖުތަމަޢުގައި ތިބުމުގެ ސަބަބުން ހަސަދަވެރިކަމާއި ރުޅިވެރިކަން ފަދަ ނަފްސާނީ ބަލިތަކުން މުޖުތަމަޢު ސަލާމަތް ކުރެވޭނެ އެވެ. އިޖުތިމާޢީ ހަމަހަމަ ކަމާއި ކަފާލަތު ގާއިމު ކުރެވޭނެ އެވެ. އަދި މި ހުރިހާ ކަމެއްގެ އިތުރަށް ޒަކާތް ދޭ މީހުންނަށް އާޚިރަތުގެ ޢަޛާބުން މިންޖުވެ ﷲ ގެ ރުހިވޮޑިގަތުމާއި ފުއްސެވުން ލިބޭނެ އެވެ. އެކިއެކި ޞަދަޤާތްތައް ކުރާ މީހުންނަށް އާޚިރަތުގައި ލިބޭނެ ޘަވާބާއި ދަރުމަ މަތިވެރި ވެގެންދާނެ އެވެ. ވީއިރު މަސައްކަތެއް ކުރުމުގެ ގާބިލުކަން ލިބިފައިނެތް މީހުންނަށް އަޅާލައި އެމީހުންނާ މެދު ސަމާލުވުން ވަރަށް މުހިންމެވެ.