ކްރިތީ އަށް "ލަކްނޫ ސެންޓަރަލް" ކުޅެވޭކަށް ނެތް
ކްރިތީ އަށް "ލަކްނޫ ސެންޓަރަލް" ކުޅެވޭކަށް ނެތް

ކްރީތީ ސަނަން އަކީ ފިލްމު އިންޑަސްޓްރީގައި އަލަށް ވިދަމުން އަންނަ ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ އުންމީދީ އެއް އެކްޓަރެވެ. ދާދި ފަހުން އޭނާ ވަނީ "ބަރޭލީ ކީ ބަރްފީ"ގެ ޝޫޓީން ފުރިހަމަކޮށްފަ އެވެ. އަދި ގިނަ ޕްރޮޖެކްޓްތަކެއްގައި ދަނީ މަސައްކަތް ކުރަމުންނެވެ.

ކްރީތީގެ ހުނަރުވެރިކަމުން އޭނާ ލައްވާ ފިލްމު ކުޅުވަން މިހާރު ވަރަށް ގިނަ ޕްރޮޑިއުސަރުން ބޭނުންވެ އެވެ. އެގޮތުން ޑައިރެކްޓަރު ނިކިލް އަދުވާނީގެ "ލަކްނޫ ސެންޓްރަލް"ގައި ވެސް ބަތަލާގެ ރޯލު އަދާކުރާ ގޮތަށް އޮތީ ކްރީތީ އެވެ. ނަމަވެސް މި ފިލްމަށް ބޭނުންވާ ތާޜީހުގައި ދެވެން ނެތުމުން މިހާރު ކްރީތީ ވަނީ އެ ފިލްމު ނުކުޅެން ނިންމާފަ އެވެ.

މި ފިލްމުގައި ބަތަލުގެ ރޯލު ކުޅޭ ފަރްހާން އަޚްތަރު ބުނި ގޮތުގައި ކްރީތީ މިހާރު ކުޅޭ ފިލްމުގެ ޝޫޓިން ނިމުން ލަސްވުމުން އޭނާއަށް "ލަކްނޫ ސެންޓްރަލް" ކުޅެވޭ ގޮތް ނުވީ އެވެ. ނަމަވެސް ކްރީތީގެ ބަދަލުގައި ފިލްމުގެ ބަތަލާއަކަށް ހަމަޖެއްސި އެކްޓަރެއް އެނގޭނީ ޑައިރެކްޓަރަށް ކަމަށް ފަރްހާން ބުންޏެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މި ރޯލަށް ކްރީތީގެ ބަދަލުގައި "މިރްޒިޔާ" އިން ފިލްމީ ދުނިޔެއަށް ނުކުތް ސައިމީ ކޭރް ވަނީ ހަމަޖައްސާފަ އެވެ.

ކްރީތީ ގެ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްވާނީ ސުޝާންތު ސިންގް ރާޖްޕޫތާ އެކު އޭނާ ކުޅެފައިވާ "ރާބްތާ" އެވެ. ދިނޭޝް ވިޖަން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރާނީ އަންނަ ޖޫން 9 ވަނަ ދުވަހު އެވެ.