03 ޑިސެމްބަރ 2021 - 14:10

ހއ. މަރަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި މުރައިދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން އިއްޔެ ފަށައިފި އެވެ.

މި ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި މި މަސައްކަތްތައް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.
މާރަންދޫ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވާއިރު ފެން ހޮޅި ވަޅުލުމުގެ މަސައްކަތާއި ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން އެ ރަށުގައި 5.37 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅައި، އާރުއޯ ފެސިލިޓީއެއް އިމާރާތް ކުރާނެ އެވެ. އަދި އެ ރަށުގައި ދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާކުރަން ތިން ތާނގި ވެސް ބަހައްޓާނެ އެވެ.
މި މަޝްރޫގައި ހިމެނޭ ނަރުދަމާގެ މަސައްކަތުގެ ދަށުން 4.86 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވީކެއް ގާއިމްކޮށް 1.59 ކިލޯ މީޓަރުގެ ޕަމްޕިން ލައިނެއް އަޅާނެ އެވެ. އަދި ހަތަރު ޕަމްޕން ސްޓޭޝަން ބަހައްޓައި ސީއައުޓްފޯލް އެއް ވެސް ހަދާނެ އެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ، ފެން މީޓަރުތައް ބެެހެއްޓުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ޖަނރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލް ކުރުމަށް ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.
މުރައިދޫގެ ފެނުގެ ނިޒާމުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެ ރަށަށް ވަނީ ގެންގޮސްފަ އެވެ. އަދި މިހާރު ދަނީ ފެން ޕްލާންޓް ބަހައްޓާ ފެސިލީޓީ ބިލްޑިންގެ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން އެ ރަށުގައި 9.1 ކިލޯ މީޓަރުގެ ފެން ހޮޅިގެ މައި ނެޓްވޯކެއް ގާއިމުކޮށް، އާރުއޯ ފެސިލީ އިމާރާތް ކުރުމާއި ފެން އުފައްދަން ދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާ ކުރުމަށް ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީ ފެން މީޓަރުތައް ވެސް އެމްޑަބްލިއުއެސްސީން ބަހައްޓާނެ އެވެ.
މީގެ އިތުރުން އެ ރަށުގެ ފެނުގެ ނިޒާމް ބަލަހައްޓަން ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލް ކުރަން ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދޭނެ އެވެ.
މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ 72.80 މިލިއަން ރުފިޔާއަށް ހަވާލު ކޮށްފައިވާއިރު މުރައިދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ 46.85 މިލިއަން ރުފިޔާ އަށެވެ.