ސްރީ ލަންކާ އިން ވެސް އޮމިކްރޯން ވޭރިއަންޓް ފެނިއްޖެ
ސްރީ ލަންކާ އިން ވެސް އޮމިކްރޯން ވޭރިއަންޓް ފެނިއްޖެ

ކޮލަމްބޯ (ޑިސެމްބަރު 3) - ކޮވިޑުގެ އާ ވޭރިއަންޓް އަދި އެންމެ ހަލުވިކޮށް ފެތުރޭނެ ކަމަށް ބެލެވޭ އޮމިކްރޯން ސްރީ ލަންކާ އިން ފެނިއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވީ އޮމިކްރޯން އަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހު 23 ވަނަ ދުވަހު ނައިޖީރިއާ އިން ދިޔަ މީހެއް ކަމަށެވެ.

ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސާވިސަސް ނެރުއްވި ޚާއްސަ ބަޔާނެއްގައި ބުނެފައި ވަނީ އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވް ނަތީޖާ މިއަދު ހެދުނު ލިބިފައި ވަނީ ލަންކާގެ ލެބޯޓްރީތަކުގައި ހެދި ޓެސްޓްތަކަށް ފަހު ކަމަށެވެ.

"ބަލި އިތުރަށް ނުފެތުރޭނެ ފިޔަވަޅުތައް ވަނީ އަޅާފައި. އާއްމުން ބިރު ގަންނަންވީ އެއްވެސް ސަބަބެއް ނެތް،" ބަޔާނުގައި ބުނެފައިވެ އެވެ.

ސްރީ ލަންކާގެ އިތުރުން ދިވެހިން އެންމެ ގިނައިން ދަތުރުކޮށް އަދި ދިރިއުޅޭ ދެ ގައުމު ކަމަށްވާ އިންޑިއާ އާއި މެލޭޝިއާ އިން ވެސް ވަނީ އޮމިކްރޯން ވޭރިއަންޓް ފެނިފަ އެވެ. އިންޑިއާ އިން އެ ވޭރިއަންޓް ފެނިފައި ވަނީ ބެންގަލޫރުންނެވެ.

ޑެލްޓާ ވޭރިއަންޓަށް ފިޓްނުވާ ބާވަތެއް ކަމަށް ޝައްކު ކުރެވިގެން ދެކުނު އެފްރިކާގެ ސިއްހީ އޮފިޝަލުންގެ ސަމާލު ކަމަށް އެކަން އެންމެ ފުރަތަމަ ގެނައީ މިދިޔަ މަހު 18 ވަނަ ދުވަހު އެވެ. އޭގެ ފަހުން ސައުތު އެފްރިކާގެ ސައެންޓިސްޓުން އެ ވޭރިއަންޓަށް B.1.1.529 ގެ ނަންދީ އެކަން އިއުލާން ކުރީ މިދިޔަ މަހު 25 ވަނަ ދުވަހު ކަމަށެވެ. އަދި އެ ވޭރިއަންޓަށް އޮމިކްރޮންގެ ނަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ކޮވިޑުގެ އާ ވޭރިއަންޓް އޮމިކްރޮން ޖެހިފައިވާ ބަލި މީހުންގެ ފަރާތުން ފެންނަނީ ވަރަށް އާދައިގެ އަލާމާތްތައް ކަމަށް އެ ވޭރިއަންޓް ހޯދި ސައުތު އެފްރިކާގެ ޑޮކްޓަރު ވަނީ ވިދާޅުވެފަ އެވެ.