މާހިރާއާ އެކު "ރައީސް"ގެ ދެ ލަވަ ޝޫޓްކުރަން ޝާހްރުކް ފުރައިފި
މާހިރާއާ އެކު "ރައީސް"ގެ ދެ ލަވަ ޝޫޓްކުރަން ޝާހްރުކް ފުރައިފި

ޕާކިސްތާނު ބަތަލާ މާހިރާ ޚާންއާ އެކު ޝޫޓްކުރަން ޖެހޭ "ރައީސް"ގެ ދެ ލަވައެއް ނަގަން ޝާހްރުކް ޚާނާއި ފިލްމު ކުރޫ ޑުބާއީ އަށް ފުރައިފި އެވެ.

ޕާކިސްތާނު އެކްޓަރުން ބޮލީވުޑް ފިލްމުތަކުގައި ބޭނުންކުރާތީ އިންޑިއާގެ ބައެއް ހިންދޫން ރުޅިއަންނާތީ ޝާހުރުކް ފުރީ ވެސް ސިއްރުން ކަމަށް މީޑިއާ އިން ބުނެ އެވެ.

އިންޑިއާގެ މަހަރަޝްތުރާގެ ޗީފް މިނިސްޓަރާއި އެ ސަރަހައްދުގައި އެންމެ ނުފޫޒު ގަދަ ސިޔާސީ ޕާޓީ އެމްއެންއެސް އަދި ޕްރޮޑިއުސާސް ގިލްޑް އެކުވެގެން މިހާރު ނިންމާފައިވަނީ ޕާކިސްތާނުގެ އެއްވެސް ފަންނާނެއް ލައްވާ ބޮލީވުޑްގެ އެއްވެސް ފިލްމެއްގައި މަސައްކަތް ނުކުރުވުމަށެވެ.

"ރައީސް"ގެ ޕްރޮޑިއުސަރުން ބުނަނީ މާހިރާއާ އެކު ފިލްމުގެ ޝޫޓިން ފެށީ، ކަޝްމީރުގެ ހަމަނުޖެހުންތަކާ ހެދި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މައްސަލަ އުފެދުމުގެ ކުރިން ކަމަށެވެ.

ދެ ގައުމުގެ މަސްރަހު ހޫނުވުމުގެ ކުރިން މަސައްކަތް ފެށި ތިން ފިލްމެއް، ފަހުން ނިންމި ނިންމުމުން އިސްތިސްނާވެ އެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އާއި ޝާހްރުކް ޚާންގެ "ޑިއާ ޒިންދަގީ" މިހާރު ވަނީ ރިލިޒްކޮށްފަ އެވެ. ދެން އޮތީ "ރައީސް" އެކަންޏެވެ.

"ރައީސް"ގެ ވަރަށް މުހިއްމު ދެ ލަވައެއްގެ ޝޫޓިން އޮތީ ނުނިމި އެވެ. ޝާހްރުކް އާއި މާހިރާ ބައިވެރިވާ މި ދެ ލަވަ ޝޫޓްކުރާނެ ތަނަކާ މެދު ފިލްމުގެ ޑައިރެކްޓަރު ރާހޫލް ޑޯލަކިއާ އާއި ޕްރޮޑިއުސަރުން ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި މި ދެ ލަވަ ޝޫޓްކުރާ ނަމަ ދިމާވެދާނެ މައްސަލަތަކާ މެދު ވެސް މި މީހުން ކަންބޮޑުވި އެވެ.

ނަމަވެސް "ރައީސް"ގެ ފުރަތަމަ ޓްރެއިލާ ރިލީޒްކުރުމާ އެކު އެ އިޝްތިހާރަށް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބި، ގިނަ މަންޒަރުތަކުން މާހިރާ ފެނުނަސް ބެލުންތެރިން މައްސަލަ ޖައްސާފައި ނުވާތީ، ނުނިމި އޮތް ދެ ލަވަ އިންޑިއާ އިން ބޭރުގައި ފުރިހަމަ ކުރަން ނިންމީ އެވެ.

ކަންދިމާކުރި ގޮތުން މި ޓްރެއިލާ ބެލި ގިނަ ބަޔަކަށް މާހިރާ ވެސް ވަނީ ވަރަށް ކަމުގޮސްފަ އެވެ.

"ރައީސް"ގެ އެއް ލަވަ ޝޫޓްކުރާނީ ޑުބާއީ ނުވަތަ ބަހްރެއިންގަ އެވެ. ދެވަނަ ލަވަ ޝޫޓްކުރަން ދާނީ މޮރޮކޯއަށެވެ.