ޗެމްޕިއަން ބީއެމްއެލް ކަޓުވާލައި އާރްޑީސީ ދެވަނަ ބުރަށް
ޗެމްޕިއަން ބީއެމްއެލް ކަޓުވާލައި އާރްޑީސީ ދެވަނަ ބުރަށް

އެންމެ ފަހުގެ ޗެމްޕިއަން ބީއެމްއެލް ކަޓުވާލުމަށް ފަހު، ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ޗެމްޕިއަން ބީއެމްއެލް ކަޓުވާލައި އާރްޑީސީ ދެވަނަ ބުރަށް
ޗެމްޕިއަން ބީއެމްއެލް ކަޓުވާލައި އާރްޑީސީ ދެވަނަ ބުރަށް

ބީއެމްއެލްގެ މައްޗަށް އާރްޑީސީ ކުރި ހޯދީ 2-1 އިންނެވެ. އާރްޑީސީގެ ލަނޑުތައް ޖެހީ އިބްރާހިމް އަޝްވަދު އާއި އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އެވެ. އޭގެ ފަހުން ބީއެމްއެލްގެ ހަމައެކަނި ލަނޑު ޖެހީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ.

ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް އެ ގުރޫޕްގެ އެއްވަނަ ހޯދި، އެޗްޑީސީ ވަނީ ގުރޫޕް ސްޓޭޖުގައި އެ ޓީމުގެ ފަހު މެޗުގައި ގައުމީ ފެން ކުންފުނި (އެމްޑަބްލިއު) އެސްސީ 6-1 އިން ބަލިކޮށްފަ އެވެ.

އެޗްޑީސީގެ ލަނޑުތައް ޖެހީ މުހައްމަދު ލިޔާހް، ހުސައިން ޝުހައިލް، އިބްރާހިމް ރިމާހް، މުހައްމަދު ރިފްއަތު، މުހައްމަދު ސޫޖަން އަހްމަދު އަދި އިސްމާއީލް ވިފާގެވެ. ފެން ކުންފުނީގެ ލަނޑު ޖެހީ އަހްމަދު ރައްޔާން އެވެ.

އެޗްޑީސީ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު އެވެ. އާރްޑީސީ އަށް ހަ ޕޮއިންޓެވެ. ބީއެމްއެލްއަށް ތިން ޕޮއިންޓެވެ. ފެން ކުންފުންޏަށް ޕޮއިންޓެއް ނުލިބެ އެވެ.

ގުރޫޕް އީގައި ފިއުލް ސަޕްލައި އިން ދިރާގާ ދެކޮޅަށް ކުޅެން ނުކުތް އިރު ވެސް، ފިއުލް ސަޕްލައި އޮތީ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ރޭގެ މެޗު ދިރާގުން ކާމިޔާބުކޮށް އެ ޓީމު ވަނީ ގުރޫޕް އީގެ އެއްވަނައިގައި، ދެވަނަ ބުރަށް ދަތުރުކޮށްފަ އެެވެ. މެޗު ދިރާގުން ކާމިޔާބު ކުރީ 1-0 އިންނެވެ. އެ ޓީމުގެ ލަނޑު ޖެހީ އަލީ ހައިޝަމް (ޗުމްޕް) އެވެ.

އެ ގުރޫޕްގައި ހިމެނޭ އިމިގްރޭޝަނަށް، ހައުންސިން މިނިސްޓަރީ އަތުން 5-4 އިން މޮޅު ވެވުނަސް ދެވަނަ ބުރުން ޖާގައެއް ނުލިބުނެވެ. އިމިގްރޭޝަންގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އާދަމް އަޒްމީން އެވެ. އަނެއް ތިން ލަނޑު ޖެހީ ހުސައިން ނިޔާޒް، އަހްމަދު ފައްރާހް (ފައްރަ) އަދި އަހްމަދު އަޝްފާން އެވެ.

ހައުސިން މިނިސްޓްރީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ހުސައިން ނަޒީރް އެވެ. އަނެއް ދެ ލަނޑު ޖެހީ އިބްރާހިމް ނޫރައްދީން އާއި މުހައްމަދު މައުރޫފް ހުސައިން އެވެ.

މުބާރާތުގައި މިއަދު ހަވީރު 5 ޖަހާއިރު އޮންނާނީ ގުރޫޕް އެފްގެ ޕޮލިސް ކްލަބާއި ރާއްޖެ އޮންލައިން ކުޅޭ މެޗު އަދި އޭވިއޭޝަން އާއި ފެނަކަ ކުޅޭ މެޗެވެ. މިރޭ ކުޅޭނީ ގުރޫޕް ޖީގައި އެމްޕީއެލް އާއި ޕީޖީ އޮފީސް އަދި ސިފައިންގެ ކްލަބާއި ސިވިލް ކޯޓް ކުޅޭ މެޗެވެ. އެ ދެ މެޗު ފަށާނީ މިރޭ 8:15 ގަ އެވެ. މިރޭ 9:30 ގައި އޮންނާނީ ގުރޫޕް އެޗްގައި އެސްޓީއޯ އާއި މޯލްޑިވް ގޭސް އަދި އެމްޓީސީސީ އާއި އެމްއެމްއޭ ކުޅޭ މެޗެވެ.