02 ޑިސެމްބަރ 2021 - 16:23

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމުގެ ލަގަބު އަރުވާފައިވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ ހަރަދުގައި ފުވައްމުލަކުގައި މިސްކިތެއް ބިނާކޮށްދެއްވައިފި އެވެ.

ޕަބްލިކް ވޯކްސް މިނިސްޓަރުކަމާއި ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އުމަރު ޒާހިރު "މިހާރު" އަށް މިއަދު ވިދާޅުވީ، ފުވައްމުލަކަކީ އޭނައާ ހާއްސަ ގާތް ގުޅުމެއް އޮންނަ ސިޓީއަކަށް ވާތީ މިސްކިތެއް ބިނާކޮށްދެއްވީ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފުވައްމުލަކުގައި ބަނދަރު ހެދުމުގައި އިސް ދައުރެއް އަދާކުރެއްވި އުމަރު ޒާހިރާ ފުވައްމުލަކާ ގުޅިފައި ވަނީ އެ ދުވަސްވަރުގަ އެވެ. އެ މަޝްރޫއު ހިންގި މިނިސްޓްރީގެ މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ވަރަށް ގިނައިން އޭރު ފުވައްމުލަކަށް ވަޑައިގެން އުޅުއްވި އެވެ.
ފުނާޑު އަވަށުގައި، އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ވެސް އެހީއާއެކު އިމާރާތްކުރި މިސްކިތަށް ދީފައިވަނީ، އެ ތަނުގައި ކުރިން ހުރި މިސްކިތަށް ވެސް ކިޔާ ނަން، "މަސްޖިދުއް ސިއްދީގު" އެވެ.
ކުރިން އެ ތަނުގައި ހުރީ 100 އެއްހާ މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ ބާ އިމާރާތް ތަޅާލައި، ހަމަ އެ ތަނުގައި އުމަރު ޒާހިރު އިމާރަތް ކޮށްދެއްވީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ ތަން އިއްޔެ ހުޅުވައިދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
"މިސްކިތް ކުޑަވުމުން އެ ބޭފުޅުން އެދިވަޑައިގަތީ ޖާގަ ތަނަވަސް މިސްކިތެއް ހަދައި ދިނުމަށް. ފަސް މަސް ދުވަހުގެ ތެރޭގައި އާ މިސްކިތެއް މި އިމާރާތް ކުރެވުނީ،" އުމަރު ޒާހިރު ވިދާޅުވި އެވެ.
އުމަރު ޒާހިރަކީ މައުމޫންގެ ވެރިކަމުގައި ރާއްޖޭގެ ތަރައްގީގައި ގިނަ މަސައްކަތްތަކެއް ކުރެއްވި، އަދި އަމަލީ ގޮތުން ކަންކަން ގާތުން ބެއްލެވުމުގައި ފާހަގަކުރެއްވުނު ދައުލަތުގެ އިއްޒަތްތެރިއެކެވެ. ޚާއްސަކޮށް ހުޅުމާލެ ހިއްކައި އެ ތަން ތަަރައްގީ ކުރުމާއި ކުނި އަންދައިގެ ކުނި ނައްތައިލަން ތިލަފުށި ހެދުމާއި މާލޭގެ މަގު ހެދުން ފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔައީ ސީދާ އުމަރު ޒާހިރުގެ މޭސްތިރިކަމުގެ ދަށުންނެވެ.