02 ޑިސެމްބަރ 2021 - 15:40

އިންޑިއާގެ ފުލުހުން ތަހުގީގު ކުރަމުންދާ ޑްރަގް މައްސަލައެއްގައި ތުހުމަތުވާ ދިވެއްސަކު ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފި އެވެ.
އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން އެދިގެން އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައި ވަނީ އަލީ ރަޝީދު ކިޔާ މީހަކު ހޯދުމަށެވެ. އުމުރުން 31 އަހަރުގެ އެ މީހާ އަށް އަޒްލީފް މުހައްމަދު ކިޔާ ކަމަށް ވެސް ނޯޓިސްގައި ލިޔެފައިވެ އެވެ. މި ރެޑް ނޯޓިސް ނެރުނު ތާރީހު ކަށަވަރެއް ނޫނެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ގިނަ އަދަދަކަށް ކެނަބިސް އުފައްދައި ވިޔަފާރި ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.
އޭނާ ހޯދަން ނެރުނު ރެޑް ނޯޓިސްގައި ވަނީ އިންޑިއާގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ކަމަށްވާ "ދަ ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޯޕިކް ސަބްސްޓެންސް އެކްޓް 1985"އާ ހަވާލާދީފަ އެވެ. އެ ގާނޫނުގެ ދެ މާއްދާއަކާ ހަވާލާދީފައިވެ އެވެ.
ރެޑް ނޯޓިސްގައި ހަވާލާދީފައިވާ ފުރަތަމަ މާއްދާ އާއި އެ މާއްދާގެ ހަވާލާދިން އަކުރުތަކުގައިވާ ގޮތުން އިންޑިއާގައި ކެނަބިސް އުފެއްދުމާއި ގެންގުޅުމާއި ވިއްކުމާއި ގަތުމާއި ޓްރެފިކް ކުރުމާއި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް އިމްޕޯޓު ކުރުމާއި އެކްސްޕޯޓު ކުރުމާއި ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އަދި އެ އަތުލައިގެނެވެނީ ވިޔަފާރި ކުރަން ބޭނުންކުރެވޭ ވަރުގެ އަދަދުތަކެއް ނަމަ 10 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމަކާ އެކު އަދި އެއް ލައްކަ ރުޕީސް އާއި ދެ ލައްކަ ރުޕީސްއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.
ދެން ހަވާލާ ދީފައިވާ މާއްދާއަކީ ކުށެއް ކުރުމަށް އެހީތެރިވުމާ ގުޅޭ މާއްދާއެކެވެ. އެ މާއްދާގައިވާ ގޮތުން އެ ގާނޫނުގައިވާ ކުށްތައް ކުރުމަށް އެހީތެރިވުމަށް ވެސް ދެވޭނީ އެމީހަކު އެހީތެރިވި ކުށަށް ކަނޑައެޅިފައިވާ އަދަބެވެ.
މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ދިވެހީން ހޯދަން ރެޑް ނޯޓިސް ނެރެފައި އެބަ ހުއްޓެވެ. އެގޮތުން ސީލައިފް ގްލޯބަލް ކުންފުނީގެ އެމްޑީ އަހުމަދު މޫސާ (އައްމަޓީ) އާއި ރާއްޖޭގެ އައިއެސް ލީޑަރު ކަމަށް ފުލުހުން ބުނާ މުހައްމަދު އަމީން އާއި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުންހުރި ބައެއް މީހުން ހޯދަން ވެސް ރެޑް ނޯޓިސް ނެރުނެވެ.