02 ޑިސެމްބަރ 2021 - 11:55

ޔޫކްރޭނާ މެދުގައި އުދުވާނީ އަމަލުތަކެއް ހިންގުމުގެ ރޭވުންތަކެއް ރަޝިޔާ އިން ގެންގުޅޭ ކަމަށް، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އިއްޔެ ވިދާޅުވެއްޖެ އެވެ.
ދެ ގައުމުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމެއް މި ހަފުތާއަށް ތާވަލުކޮށްފައިވަނިކޮށް، ބްލިންކެން މި މޭރުމުން ވާހަކަދައްކަވަމުން ވިދާޅުވީ، ރަޝިޔާގެ ރޭވުން ތަންފީޒު ކުރުމަށް އަމަލީ ގޮތުން މަސައްކަތް ކުރަމުންދާ ކަމުގެ އިޝާރާތްތަކެއް ވެސް ލިބެމުންދާ ކަމަށެވެ. ލެތުވިއާގައި ބޭއްވި ނޭޓޯގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ފަހު، ބްލިންކެން ވިދާޅުވި ގޮތުގައި، ރަޝިޔާގެ މި ރޭވުމާ މެދު އެމެރިކާ ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ.
ޔޫކްރޭނުން ބުނާ ގޮތުގައި ރަޝިޔާ އިން މިހާރު އަންނަނީ، ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރި އަށް ބަރު ހަތިޔާރާއި ހަނގުރާމައާ ގުޅޭ އިލެކްޓްރޯނިކް އާލާތްތަކާއި އެތައް ހާސް ސިފައިންނެއް ޖަމާކުރަމުންނެވެ. މިއީ ދެ ގައުމުގެ ސަރަހައްދީ އިމުގެ ކައިރިއަށް، މި އަހަރުގެ ތެރޭގައި ރަޝިޔާގެ ބަރު ހަތިޔާރާއި ސިފައިން ޖަމާކުރާ ދެ ވަނަ ފަހަރެވެ.
ރަޝިޔާގެ މި ހަރަކާތްތަކާ ގުޅޭ ގޮތުން ބްލިންކެން ވިދާޅުވީ ޔޫކްރޭނަށް އުދުވާނީ ހަމަލާއެއް ދިނުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ނިންމަވާފައިވާ ކަން އަދި އެމެރިކާ އަށް ނޭނގޭ ކަމަށެވެ.
"އެކަމަކު އަހަރެމެންނަށް އެނގޭ ކަމަކީ، އެފަދަ ނިންމެވުމެއް ޕުޓިން ނިންމަވައިފި ނަމަ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ނިންމުމެއް ތަންފީޒު ކުރެވޭ ވަރަށް، ކަންތައް ހަމަޖައްސަމުން އަންނަކަން،" ބްލިންކެން ވިދާޅުވި އެވެ.
ރަޝިޔާ އާއި ޔޫކްރޭންގެ މި ތުހުމަތުތަކާ ގުޅޭ ގޮތުން ރަޝިޔާ އިން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް ޔޫކްރޭނާ މެދު ރަޝިޔާ އިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން، ވިލާތުގެ ގައުމުތަކާއި ރަޝިޔާއާ ދެމެދު އޮންނަ ގުޅުމަށް ދަނީ ވަރަށް ބޮޑަށް ހިޔަނި އެޅެމުންނެވެ.
ސްވިޑްންގައި މިއަދު އޮންނަ، އޯގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕްގެ މަހާސިންތާގެ ހަވާސާގައި، ބްލިންކެން އާއި ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް މިއަދުގެ ވަގުތެއްގައި ބައްދަލުކުރައްވާނެ އެވެ.
ރަޝިޔާ އާއި އެމެރިކާގެ ޑިޕްލޮމެޓިކް ގުޅުން ހީނަރުވެ، އެމެރިކާގައި ހުންނަ ރަޝިޔާ އެމްބަސީގައި މަސައްކަތްކުރާ ރަޝިޔާގެ 27 މުވައްޒަފަކު އެމެރިކާ އިން ފޮނުވައިލުމަށް އެމެރިކާ ސަރުކާރުން ނިންމުމާ ގުޅިގެން، ރަޝިޔާ އިން ވެސް ވަނީ ރައްދުގައި ހަމަ އެގޮތަށް ކަންތައް ކުރުމަށް ނިންމައިފަ އެވެ. އެގޮތުން، ރަޝިޔާގެ ހާރިޖިއްޔާގެ ތަރުޖަމާނު މާރިއާ ޒަކަރޯވް އިއްޔެ ވިދާޅުވި ގޮތުގައި ރަޝިޔާގައި ހުންނަ އެމެރިކާގެ އެމްބަސީގައި ވަޒީފާ އަދާކުރާތާ ތިން އަހަރުވެފައިވާ އެމެރިކާ މީހަކު، ގައުމު ދޫކޮށް ދިއުމަށް މިހާރު ވާނީ އަންގައިފަ އެވެ.
ރަޝިޔާ ސިފައިން ބާރުގެ ބޭނުންކޮށްގެން، ޔޫކްރޭންގެ ކްރީމިއާ ސަރަހައްދު ހިފުމަށް ފަހު، 2014 ވަނަ އަހަރު ވަނީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އޭގެ އިތުރުން، ޔޫކްރޭންގައި ތިބި ރަޝިޔާގެ މަދަދު ލިބޭ ހަނގުރާމަވެރިންގެ ބަޔަކު، ޔޫކްރޭންގެ އިރުމަތީ ސަރަހައްދެއް ހިފުމާ ގުޅިގެން، ރަޝިޔާ އާއި ޔޫކްރޭންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިހަފުތާގެ ކުރީކޮޅު ވިދާޅުވެފައި ވަނީ މިހާރު ޔޫކްރޭންގައި އޮތް ނޭޓޯގެ އަސްކަރީ ބާރު އިތުރަށް ފުޅާކޮށްފި ނަމަ އެއީ، ނޭޓޯ އިން ރަތް ރޮނގު ހުރަސްކުރުން ކަމަށް ވާނެ ކަމަށެވެ. އަދި އެފަދަ އަމަލެއް ނޭޓޯއިން ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.