02 ޑިސެމްބަރ 2021 - 11:24

ޖެނޯއާ (ޑިސެމްބަރު 2) - އިޓާލިއަން ސެރީ އާގައި އެއްވަނައިގައި ލީޑު ކުރަމުން ދިޔަ ނަޕޯލީ މޮޅުވިޔަ ނުދީ ސަސުއޯލޯ އިން ހިފެހެއްޓިއިރު، އޭސީ މިލާނުން މުހިއްމު މޮޅެއް ހޯދައި، ނަޕޯލީއާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފި އެވެ.
އަމިއްލަ ދަނޑުގައި ސަސުއޯލޯ އިން ނަޕޯލީއާ އެއްވަރުކުރީ 2-2 އިންނެވެ. ނަޕޯލީން ދެ ލަނޑު ޖަހާފައި ވަނިކޮށް ސަސުއޯލޯ އިން ވަނީ ފަހަތުން އަރައި، ފަހު ވަގުތުގައި ދެ ލަނޑު ޖަހައިފަ އެވެ.
ލީގު އެއްވަނައިގައި ނަޕޯލީ އާއި އޭސީ މިލާން ޕޮއިންޓުގެ ގޮތުން އެއްވަރުވެފައި ވަނިކޮށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ސަސުއޯލޯ އިން ވަނީ މިލާނުގެ ދަނޑުގައި އެޓީމު ބަލިކޮށްފަ އެވެ.
ސަސުއޯލޯގެ ފުރަތަމަ ލަނޑު 72 ވަނަ މިނިޓުގައި ޖެހީ ޖިއާންލޫކާ ސްކަމާކާ އެވެ. އަދި އެއްވަރުކޮށްދިނީ 89 ވަނަ މިނިޓުގައި ޖިއާން މާކޯ ފެރާރީ އެވެ
މި ނަތީޖާއާ އެކު ނަޕޯލީ އެއްވަނައިގައި އޮތީ 36 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 35 ޕޮއިންޓް ލިބިފަ އެވެ.
އޭސީ މިލާން މޮޅުވީ ރަށުން ބޭރުގައި ޖެނޯއާއާ ވާދަކޮށް 3-0 އިންނެވެ. މިލާނުގެ ލަނޑުތައް ޖަހައިދިނީ ޒްލަޓާން އިބްރަހިމޮވިޗާއި ޖޫނިއާ މެސިއަސް އެވެ. މެސިއަސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.