02 ޑިސެމްބަރ 2021 - 10:15
ކޯލިޝަނަކުން ވެރިކަންކުރާ މި ސަރުކާރަށް ވޭތުވެދިޔަ ތިން އަހަރު އައި ސިޔާސީ މާ ބޮޑު ޕްރެޝަރެއް ނެތެވެ. ވެރިކަމުގައި ހުންނެވި އިރު ހިންގެވި ކަމަށް ތުހުމަތުކުރި މައްސަލަތަކުގައި އުފުލި ދައުވާއެއް ސާބިތުވެ އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން ހުންނެވީ ޖަލުގަ އެވެ. އެމަނިކުފާނުގެ ސިޔާސީ މަސްރަހަށް ހިޔަނިއެޅިފައި އޮތުމާ އެކު އިިދިކޮޅު ޕާޓީއަށް ވެސް ކުރިއަށް ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ތިބެން ޖެހުނީ ސަރުކާރުން ބޭތިއްބި ހިސާބުގަ އެވެ.
އެކަމަކު ޔާމީނަށް އިއްވި ފަސް އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ އެކު އެމަނިކުފާނު މިނިވަން ވެއްޖެ އެވެ. އިންތިހާބުގައި ވާދަކުރަން އަދި ސިޔާސީ މަސައްކަތަށް އޮތް ހުރަސް ވެސް ނެތިއްޖެ އެވެ. ދެން އޮތީ އިދިކޮޅު ހަރަކާތްތައް ވަރުގަދަކޮށް ސަރުކާރަށް ޕްރެޝަރު ކުރުން ކަމަށް ޕީޕީއެމުން ބުންޏަސް ސަރުކާރުން ބުނަނީ މާ ބޮޑު ހާސްކަމެއް ނެތް ކަމަށެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޔާމީން މިނިވަންވުމަކުން މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.
އިދިކޮޅު ލީޑަރެއްގެ ގޮތުގައި ޖަލުގައި ހުންނެވި އިރު ނުގެންނެވުނު ގޮންޖެހުންތަކެއް، އުނދަގޫތަކެއް، ޖަލުން ނުކުމެވަޑައިގަތުމަކުން ސަރުކާރަށް އަމާޒު ކުރެއްވޭނެ ކަމަކަށް އެ ބޭފުޅުން ދެކެވަޑައިނުގަންނަވަ އެވެ.