02 ޑިސެމްބަރ 2021 - 10:19

ރާއްޖޭގައި ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ، ވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން އިއްޔެ ފޮޓޯ އާންމުކުރި ދެ މީހުން ރޭ ހައްޔަރުކޮށްފި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ މުހައްމަދު އިގްބާލު ހޮސައިން އާއި ޝޮހެލް، އުސޫލުތަކާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާކަމުގެ ތުހުމަތު ކުރެވުމުން ފޮޓޯ އާންމުކޮށް އެ މީހުން ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދުނެވެ. އޭގެ ފަހުން އެ ދެ މީހުން ވަނީ ރޭ ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވެފަ އެވެ.
ފުލުހުން ބުނީ އަމިއްލައަށް ހަވާލުވުމާ އެކު ދެ މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ދެ މީހުން އައީ ގަވާއިދާ ހިލާފަށް ބޭރުފައިސާ ގަނެ ވިއްކުމުގެ އިތުރުން ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވަމުންނެވެ.
މި ދެމީހުން ހޯދުމަށް އާންމުކުރުމުގެ ކުރިން ފުލުހުން ވަނީ ޑޮލަރުގެ ކަޅު ބާޒާރުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެ ބާޒާރުގައި ޑޮލަރުގެ ރޭޓް ކަނޑައެޅުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާ ވެސް ހިމެނޭ ކަމަށްވެ އެވެ. އޭނާ އަކީ ވެސް ބަންގްލަދޭޝް މީހެކެވެ.