18 ކިލޯގެ ކޮކެއިންއާ އެކު ހައްޔަރުކުރި ބްރެޒިލްގެ އަންހެން މީހާ ދޫކޮށްލައިފި
18 ކިލޯގެ ކޮކެއިންއާ އެކު ހައްޔަރުކުރި ބްރެޒިލްގެ އަންހެން މީހާ ދޫކޮށްލައިފި

ލަގެޖުގައި 18.8 ކިލޯގެ ކޮކެއިން ފޮރުވައިގެން ރާއްޖެ ގެނައި މައްސަލައިގައި ހައްޔަރުކުރި ބްރެޒިލްގެ ދެ މީހުންގެ ތެރެއިން އަންހެން މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

މި މަހުގެ ކުރީކޮޅު ޑްރަގާ އެކު ރާއްޖެ އައިތަނުން އެއާޕޯޓުން ހައްޔަރުކުރީ ބްރެޒިލް ދެ މީހުން ކަމަށްވާ ކްރިސްޓިއާނޯ ސިލްވާ، 28، އަދި ނައިރު ނޫނޭސް ޑިސޫޒާ، 37 އެވެ. މި ދެ މީހުންގެ ތެރެއިން ޑްރަގް ފެނުނީ ކްރިސްޓިއާނޯގެ ލަގެޖުންނެވެ.

ލަގެޖުގައި ޑްރަގް ހުރިކަން ނޭނގޭ ކަމަށް ނައިރު ބުނަމުން ދިޔަ އިރު އެކަމަށް ކްރިސްޓިއާނޯ ބާރު ދިނަސް ނައިރު ހައްޔަރުކޮށް އެކި ފަހަރު މަތިން އޭނާގެ ބަންދު އިތުރު ކުރި އެވެ. އެކަމަކު، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ނައިރުގެ ބަންދު އަޑުއެހުމުގައި ފުލުހުން ބުނެފައި ވަނީ ލަގެޖުގައި ޑްރަގް ހުރީ ނައިރުގެ އެނގުމާއި ރުހުމުގައި ކަމަށެވެ. އެގޮތަށް ތުހުމަތު ކުރެވެނީ ދެ މީހުން ދަތުރުކުރީ އެކީގައި ކަމަށް ވާތީ އާއި އެއް ލަގެޖެއްގައި ދެ މީހުންގެ އަންނައުނު ހުރުމުންނާއި މިއީ އޭނާގެ އެއްޗެއް ނޫން ކަމަށް ދެން މި މައްސަލައިގައި ހިމެނޭ ކްރިސްޓިއާނޯ ބުނާތީ ކަމަށް ފުލުހުން ބުނެ އެވެ.

ނައިރުގެ ފަރާތުން ބުނެފައި ވަނީ ކްރިސްޓިއާނޯ ސިލްވާ އިތުރު ލަގެޖެއް ގެންގުޅުނަސް އޭގައި ޑްރަގް ހުރިކަން ނޭނގޭ ކަމަށެވެ. އެއް ލަގެޖެއްގައި ދެ މީހުންގެ ވެސް އަންނައުނު ހުރި ސަބަބު ކިޔައިދެމުން ބުނީ، އެގޮތަށް ހެދީ ދިގު ދަތުރެއް ކުރާއިރު އެހާ ގިނަ ލަގެޖު ގެންދަން ދަތިވާނެ ކަމަށް ކްރިސްޓިއާނޯ ސިލްވާ ބުނުމުން ކަމަށެވެ. އަދި ހަމައެކަނި އެކުގައި ދަތުރު ކުރުމަކީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ނައިރުގެ ފަރާތުން ބުނެފައިވެ އެވެ.

ލަގެޖު ބަލައި ފާސްކުރީ އޭނާގެ ހާޒިރުގައި ނޫން ކަމަށާއި އޭނާގެ ޣައިރު ހާޒިރުގައި ބަލައިފާސްކުރި ލަގެޖަކުން ފެނުނު ޑްރަގަށް އޭނާ ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. ކަސްޓަމްސްގެ އޮފިސަރުން ޑްރަގް ފެނުނު ލަގެޖު ބެލީ ކްރިސްޓިއާނޯ ސިލްވާގެ ހާޒިރުގަ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އޭނާ ދޫކޮށްލި އަމުރުގައިވާ ގޮތުން އެކުގައި ދަތުރު ކުރުމާއި އެއް ލަގެޖެއްގައި އަންނައުނު ހުރުމަކީ ކޮންމެވެސް ވަރަކަށް ތުހުމަތެއް އުފެދޭ ކަމެކެވެ. އެކަމަކު، ޑްރަގް ހުރީ އޭނާއަށް އެނގިގެން އޭނާގެ ރުހުމުގައި ކަމަށް ބެލެވޭ ހެކި ހުންނަން ޖެހޭ އިރު، އެކަމަށް ތުހުމަތު ކުރެވޭ އިތުރު އެއްވެސް ހެއްކެއް އަދި ގަރީނާއެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށް އެ އަމުރުގައިވެ އެވެ.

ތަހުގީގުގައި އަދި ނުނިމި ހުރި މަސައްކަތްތައް ފުރިހަމަ ކުރުމުން ވެސް ނައިރުގެ ރުހުމެއް އަދި އެނގުމެއް އޮތް ކަމަށް ބެލެވޭ ފަދަ ހެއްކެއް ހޯދިދާނެ ކަމަށް ނުބެލެވޭ ކަމަށް އަމުރުގައިވެ އެވެ.

ކޯޓުން ނިންމީ ޑްރަގް ހުރި ލަގެޖު ބަލައި ފާސް ކުރީ އޭނާގެ ހާޒިރުގައި ނޫންކަމުން އޭގައި ހުރި ޑްރަގްއާ މެދު އޭނާ ޒިންމާވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ނައިރުގެ ފޯނު އޮތީ ފުލުހުންގެ އަތުގަ އެވެ. އެކަމަކު އެ ފޯނު ހުޅުވައި ތަހުލީލެއް ހެދުމަށް ފޯނު ހުޅުވުމަށް އޭނާ ގާތުގައި ފުލުހުން އޭރު އެދިފައި ނުވެ އެވެ. އަދި ކޯޓުގައި ވެސް ފޯނު ހުޅުވުމުގެ އަމުރަކަށް ނޭދެ އެވެ. އެކަމަކު، ނައިރު ކޯޓުގައި ބުނެފައި ވަނީ ތަހުގީގަށް އެއްބާރުލުންދީ ފޯނު ހުޅުވަދޭން ތައްޔާރަށް ހުރި ކަމަށެވެ.

މި މައްސަލައިގައި އަތުލައިގަތް ޑްރަގްގެ މަގުމަތީ އަގު 94 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މީގެ ކުރިން ވެސް މިފަދަ ގޮތަކަށް އެއާޕޯޓުން ޑްރަގާ އެކު ސައުތު އެމެރިކާގެ އެކި ގައުމުތަކުގެ މީހުން ހައްޔަރުކޮށްފައި އެބަ ހުއްޓެވެ. ފުލުހުން ބުނާ ގޮތުގައި މިފަހަކަށް އައިސް މިކަން އާންމުވެފައި ވަނީ އެހެން ގައުމުތަކަށް ޑްރަގް އެތެރެ ކުރަން، ރާއްޖެ ޓްރާސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކުރާތީ އެވެ.