ރާއްޖޭގެ އެކި ހިސާބުތަކުގެ މޫދުގައި ފެހި ގިނަވާތީ ރިޕޯޓްކުރަން އެދިއްޖެ
ރާއްޖޭގެ އެކި ހިސާބުތަކުގެ މޫދުގައި ފެހި ގިނަވާތީ ރިޕޯޓްކުރަން އެދިއްޖެ

ރާއްޖޭގެ އެކި ހިސާބުތަކުގެ މޫދުގައި ވަރަށް ބޮޑަށް ފެހި ގިނަވަމުން އަންނާތީ އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް އެންގުމަށް އެދިއްޖެ އެވެ.

ފެހި މާބޮޑަށް ގިނަވަމުގެ ސަބަބުން މަސްތައް މަރުވުމުގެ ފުރުސަތު އޮވެ އެވެ. ފޮޓޯއާ އެކު މޫދުގެ ކުލައަށް ބަދަލު އަންނަމުންދާ ސަރަހައްދުގެ މައުލޫމާތު ހިއްސާކުރުމާ އެކު މަސްތައް މަރުވާކަމަށް ފާހަގަކުރެވޭ ނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ވެސް އެ އިންސްޓިޓިއުޓް އިން އެދެ އެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓުން އާންމުކޮށްފައިވާ ފޮޓޯތަކުން ރަށެއްގެ ގޮނޑުދޮށުގައި އާދަޔާ ހިލާފަށް ފެހި ގިނަވެފައިވާ މަންޒަރު ފެނެ އެވެ. އަދި ކަނޑާއި ވިލު ގުޅޭ ސަރަހައްދުގައި ވެސް މި ގޮތަށް ފެހި ގިނަވަމުން އެބަދެ އެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނަރަލް ޝާފިޔާ ނައީމް، "މިހާރު" އަށް ވިދާޅުވީ މިހާތަނަށް މޫދުގެ ކުލައަށް ބަދަލު އައިސްގެން ރިޕޯޓްކޮށްފައި ވަނީ މެދު ރާއްޖެ ތެރޭގެ އެކި ސަރަހައްދުތަކުން ކަމަށެވެ. އެގޮތަށް ގިނައިން ރިޕޯޓްކުރަމުން ދަނީ ރިސޯޓްތަކުންނެވެ.

މޫދުގައި އުޅޭ އަލްގީތައް ގިނަވެ މިގޮތަށް ވަރަށް ބޮޑަށް ފެހިވުމަށް ދިމާވަނީ މޫސުމީ ގޮތުން އަންނަ ބަދަލުތަކުގެ ސަބަބުން ނުވަތަ އެ ހިސާބެއްގައި ހުންނަ ނިއުޓްރިޝަން މާބޮޑަށް މަތިވުމުންނެވެ.

"އަޅުގަނޑުމެންނަށް މިފަހަރު ފެނިގެން މިއުޅޭ ތަންތަނުގައި ވަރަށް އަވަހަށް ކުލަ ފިލައިގެން އެބަދޭ. ރޭގައި ބެލިއިރު ހުރި ތަންތަނުގައި މިހާރު ކުލަ ފިލައިގެން ހިނގައްޖެ،" ޝާފިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މޫދުގެ ކުލަ ބަދަލުވެފައި ވަރަށް ގިނައިރު އޮންނަ ނަމަ، އޭގެ ސަބަބުން މަސްތައް މަރުވެދާނެ އެވެ. އެކަމަކު މިހާތަނަށް ފާހަގަކުރެވުނު ތަންތަނުން މިފަދަ ބިރުވެރިކަމެއް އަދި ނުފެނެ އެވެ.