ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް މީގެ ދެ އަހަރު ކުރިން ނޮވެމްބަރު 28، 2019 ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމާއެކު އިދިކޮޅު ހަރަކާތްތައް ކޮންމެވެސް ވަރަކަށް ވަޅުޖެހުނެވެ. އިދިކޮޅު ލީޑަރު ޖަލަށްލާފައި ހުރުމުން ސިޔާސީ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ.

ނަމަވެސް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ޔާމީނަށް ލިބުނު ކާމިޔާބީއާއެކު ދެން އޮތީ އިދިކޮޅު ހަރަކާތް ވަރުގަދަ ކުރުމެވެ. ޔާމީންގެ ހުރިހާ ވަގުތެއް މިހާރު ހުސްކުރައްވަނީ އެ މަސައްކަތަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވާ ގޮތުން މި ސަރުކާރަށް "ކަޅު އެގްރީމަންޓް" ތަކުގައި ސޮއިކުރުމުގެ ފުރުސަތު ލިބުނީ ޔާމީން ޖަލު ހުކުމުގައި ހުންނެވުމުން ކަމަށް ވާތީ ގެއްލުނު ތަން ޔާމީން ފޫބައްދާނެ އެވެ.

ދެން އޮތީ 2023 ގެ ރިޔާސީ އިންތިހާބެވެ. އެ އިންތިހާބުގެ ޓިކެޓް ޔާމީނަށް ދޭން ޕީޕީއެމުން ފާސްކޮށްފައިވާއިރު، ޔާމީން އެ ނިންމުމަށް ނޫނެކޭ ވިދާޅު ނުވާނެކަން ޝިޔާމަށް ކަށަވަރެވެ. ނޫނެކޭ ވިދާޅުވެއްޖެ ނަމަ އޭގެ ގެއްލުން ގައުމަށް އިންތިހާ އަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

މާޔޫސް ވާ ކަމަކަށް ވިއްޔާ އޮންނާނީ ރައީސް ޔާމީން ކުރިމަތި ނުލެއްވުން. އެކަމަކު އެއީ ރައީސް ޔާމީން ކުރައްވާނެ ކަމެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ.