ގައުމީ މުބާރާތަކީ ބިލިއާޑުގެ ކުރިމަގަށް އެޅި ބިންގަލެއް: ނާސިފް
ގައުމީ މުބާރާތަކީ ބިލިއާޑުގެ ކުރިމަގަށް އެޅި ބިންގަލެއް: ނާސިފް

ގައުމީ ބިލިއާޑް މުބާރަތަކީ ބިލިއާޑުގެ ކުރިމަގަށް އެޅި ބިންގަލެއް ކަމަށް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ޗެއާޕާސަން އަހްމަދު ނާސިފް ވިދާޅުވެއްޖެ އެވެ.

ގައުމީ މުބާރާތަކީ ބިލިއާޑުގެ ކުރިމަގަށް އެޅި ބިންގަލެއް: ނާސިފް
ގައުމީ މުބާރާތަކީ ބިލިއާޑުގެ ކުރިމަގަށް އެޅި ބިންގަލެއް: ނާސިފް

ރޭ ފެށި ފުރަތަމަ ގައުމީީ ބިލިއަޑް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާސިފް ވިދާޅުވީ، ރާއްޖޭގެ ބިލިއާޑުގެ ތާރީހުގައި މިވަރުގެ މުބާރާތެއް މީގެކުރިން ބާއްވާފައި ނުވާނެ ކަމަށެވެ.

"މި ބިންގަލާއެކީގައި މުސްތަގުބަލުގައި ޕޫލް ބިލިއާޑްގެ ކުޅިވަރު ގެންދެވޭނެ ހަރުފަތްތައް ހަމަ ޔަގީނުން ވެސް އިތުރު ވެގެންދާނެ،" ނާސިފް ވިދާޅުވި އެވެ. "މި ބިންގަލަކީ ރާއްޖޭގެ ބިލިއާޑް އިންޓަނޭޝަނަލް ލެވަލްއާ ހަމައަށް ގެންދަން އަޅާ ބިންގަލެއް."

އޭނާ ވިދާޅުވީ 10 ވަރަކަށް އަހަރު ކުރިން ބިލިއާޑް އެސޯސިއޭޝިއޭޝަން ރަޖިސްޓްކޮށްގެން ހިންގަމުން އައީ ވަރަށް ދަތިކޮށް ކަމަށެވެ. ހަތަރު ބޯޑާ އެކު މުބާރާތްތައް ކުރިއަށް ގެންދިއުމުގައި ވެސް ދަތިތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ އާއި މާލޭގައި ވެސް މިހާރު ވަނީ ބިލިއަޑުގެ ވަސީލަތްތަކެއް ހުރި ސެންޓަރުތަކެއް ގާއިމުކޮށްފަ އެވެ. ނާސިފް ވިދާޅުވީ އެ ވަސީލަތްތަކަކީ ބިލިއާޑް އިތުރަށް ފުޅާކުރުމަށް ތަނަވަސް ވެގެން ދިޔަ ފުރުސަތެއް ކަމަށެވެ. ބިލިއާޑްގެ ވަސީލަތްތައް ގާއިމުކޮށް ދިނުމުގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އަދާކުރެއްވި ދައުރު ނާސިފް ފާހަގަކުރެއްވި އެވެ.

މި ފަހަރުގެ ގައުމީ މުބާރާތް ހަ ކެޓަގެރީއަކަށް އެމްޕީބީއޭ އިން ވަނީ ބަހާލައިފަ އެވެ. އެއީ ޓީމު އިވެންޓް، އަންހެން ޑިވިޝަން، ފިރިހެން ފުރަތަމަ ޑިވިޝަން އަދި ފިރިހެން ދެވަނަ ޑިވިޝަން، ޑަބަލްސް އަދި މިކްސް ޑަބަލްސް އެވެ.

"ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް"ގެ ނަމުގައި ބާއްވާ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ބިލިއާޑް މުބާރާތެވެ. މި މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި އެކަނިި ވެސް 150،000 އަށް ވުރެ ގިނަ ރުފިޔާ ހޭދަކުރަން އެމްޕީބީއޭ އިން ވަނީ ނިންމައިފަ އެވެ.

މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވީ، އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ. މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު އަބްދުސައްތާރު ވިދާޅުވީ ބިލިއާޑުގެ ގައުމީ އަންހެން ސްކޮޑެއް އެމްޕީބީއޭ އިން އެކުލަވާލާފައިވުމަކީ މުޅި ރާއްޖޭގެ ކުޅިވަރު ކޮމިޔުނިޓީ އަށް ލިބިގެންދާނެ ހާއްސަ އުފަލެއް ކަމަށެވެ.

"އޮލިމްޕިކްސްގެ ވެލިއުއެއް ގޮތުގައި މިއަދު ވަރަށް ބޮޑަށް ބާރު އަޅާ ކަމެއް ޖެންޑާ އީކްއަލިޓީ އަކީ. އެހެންވީމަ އަޅުގަނޑުމެން ވެސް ދެކެން ބޭނުންވާ ދުވަހެއް ޕޫލް ބީލިއަޑްގެ ގައުމީ އަންހެން ޓީމެއް ދިވެހި ރާއްޖެ ތަމްސީލު ކުރަން އިންޓަނޭޝަނަލް މުބާރާތްތަކަށް ދިއުމަކީ،" އަބްދުއްސައްތާރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ނޮން އޮލިމްޕިކް ކުޅިވަރުތަކަށް ވެސް ގައުމުތަކުގެ އޮލިމްޕިކް ކޮމިޓީތައް މެދުވެރިކޮށް އެހީ ތެރިކަން ފޯރުކޮށް ދިނުމަށް ބާރުއަޅާއި އިންޓަނޭޝަނަލް ކުޅިވަރު އޮގަނއިޒޭޝަންތަކުގައި ވަކާލަތު ކުރަމުންދާ ކަމަށެވެ.

"އެކަމަށް ފެހި ސިގްނަލެއް ލިބޭ ގޮތަށް އޮތީ. އެހެންވީމަ ތިޔަ އެސޯސިއޭޝަނަށް އެ އެހީތެރިކަން ލިބޭނެ ވާހަކަ ދަންނަވާލަން،" އަބްދުއްސައްތާރު ވިދާޅުވި އެވެ.