01 ޑިސެމްބަރ 2021 - 20:56

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި ހަދަމުން އަންނަ ޕޮލިސް އެކެޑެމީ ކުރިއަށް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެންނަން ނިންމައިފ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނު މަހާވަރާ އެކު މިއަދު ހަވީރު އެތަނުގެ މަސައްކަތް ބައްލަވައިލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެކެޑެމީގައި މިހާރު ނިމިފައި ހުރި ފެސިލިޓީތަކާ އެކު އެތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ.

"ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ގެ ނަން ދީފައިވާ ތަން އެއްކޮށް ނިންމައި، ރަސްމީކޮށް ހުޅުވާނީ އަންނަ އަހަރު ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެން ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
"މިއަދު މަސައްކަތް ގޮސްފައިވާ މިންވަރަށް ބަލާއިރު ޓާގެޓަކީ ވީހާ ވެސް އަވަހަކަށް ތަން ރަސްމީކޮށް ހުޅުވުން. އެގޮތުން، ޓާގެޓްކުރަނީ މިތަން ކުރިއަށް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް،" ސީޕީ ވިދާޅުވި އެވެ. "އެކަމަކު މުޅި ތަން ކޮމްޕްލީޓްކޮށް ރަސްމީކޮށް ހުޅުވަން އަޅުގަނޑުމެން ނިންމާފައި ވަނީ މާޗް މަހު."
އޭނާ ވިދާޅުވި ގޮތުގައި، ރަސްމީކޮށް ތަން ހުޅުވާނީ އެތަނުގައި ފަށާ ފުރަތަމަ ޓްރޭނިން ބެޗާ ވެސް އެކީގަ އެވެ.
"މިހާރު މިތަނުގެ ގޮސްފައިވާ ހިސާބަށް ބަލާއިރު ފުދޭ ވަރެއްގެ ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަގަކުރަން،" ސީޕީ ހަމީދު ވިދާޅުވި އެވެ.
ދެހާސް ސަތާރައިގެ އަމަލީ މަސައްކަތް ފެށި މަޝްރޫއުގެ މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ގާތްވެފަ އެވެ. މިއީ ގިނަ ފެސިލިޓީތަކެެއް އެކުލެވޭ ގޮތަށް ހަދާ ތަނެކެވެ. އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ހަރަދުކުރާ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ.
މިތަނުގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނެ އެވެ.
އަދި މިތަނަކީ ގާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާތަކަކާއި ތައުލީމީ މުސައްސަސާތަކުގެ ކަންކަމަށް ވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.
އިންޑިއާ ސަފީރު ވިދާޅުވި ގޮތުގައި މި ފެސިލިޓީ އަކީ ރާއްޖޭގައި އިންޑިއާ އިން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓެވެ. އަދި އައްޑޫގެ ވަރަށް ގިނަ ޕްރޮޖެކްޓަތަކާ ވެސް އިންޑިއާ އިން ހަވާލުވެފައިވާތީ މި މަޝްރޫއުތަކުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ ފުލުހުންގެ ފެސިލިޓީ ނިމުމާ އެކު އެތަން ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކުރާނެ އެވެ.