01 ޑިސެމްބަރ 2021 - 14:24

ކުއާލަ ލަމްޕޫރު (ޑިސެމްބަރު 1) - މެލޭޝިއާގައި މި މަހު ބާއްވާ ސްކްއޭޝް މުބާރާތުގައި ބައިވެރިވާ އިޒްރޭލުގެ އެތުލީޓުންނަށް ވިސާ ދޭން ދެކޮޅު ހެދުމުން އެ މުބާރާތް ކެންސަލްކޮށްފި އެވެ.
ވޯލްޑް ޓީމް ޗެމްޕިއަންޝިޕް ފިރިހެނުންގެ މުބާރާތް މެލޭޝިއާގައި ބާއްވަން ހަމަޖެއްސީ ޑިސެމްބަރު 7-12 އަށެވެ. އެ މުބާރާތުގައި 26 ސްކޮޑް ބައިވެރިވެ އެވެ.
ވޯލްޑް ސްކްއޭޝް ފެޑެރޭޝަން (ޑަބްލިއުއެސްއެފް) އިން ބުނީ ބައެއް ގައުމުތަކުގެ އެތުލީޓުންނަށް ވިސާ ދޭން މެލޭޝިއާ އިން ދެކޮޅު ހެދުމުގެ ސަބަބުން މުބާރާތް ކެންސަލްކޮށްފައިވާ ކަމަށެވެ. ޑަބްލިއުއެސްއެފްގެ ރައީސް ޒެނާ ވޫލްޑްރިޖް ވިދާޅުވީ ސްކްއޭޝް މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ވިސާ ހަމަޖެއްސުމަށް މެލޭޝިއާގެ އެންމެ އިސް ފަރާތްތަކާ ގުޅައިގެން ވެސް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.
"މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެއްވެސް ގައުމަކަށް ބައިވެރިވުމުގެ ފުރުސަތު ނުލިބުމަކީ ޑަބްލިއުއެސްއެފް އިން އެދޭ ގޮތެއް ނޫން،" ޒެނާ ވިދާޅުވި އެވެ.
ޑަބްލިއުއެސްއެފް އިން ބުނީ ސްކްއޭޝް މުބާރާތް ކެންސަލް ކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ކޮވިޑުގެ އާ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޮން ފެތުރުން ވެސް ހިމެނޭ ކަމަށެވެ. މި އަހަރު ކުރީކޮޅު ނިއު ޒީލެންޑުގައި ބާއްވަން ހަމަޖެއްސި ސްކުއޭޝް މުބާރާތް މެލޭޝިއާ އަށް ބަދަލުކުރީ ވެސް ކޮރޯނާވައިރަހުގެ ސަބަބުން ދަތުރުކުރަން ކުރިމަތިވި ދަތިތަކާ ހެދި އެވެ.
ވިސާ ހަމަޖައްސައި ނުދީފި ނަމަ ސްވިޒަލެންޑުގައި ހުންނަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އިޒްރޭލުގެ ސްކްއޭޝް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
މެލޭޝިއާގައި 2019 ވަނަ އަހަރު ބާއްވަން ހަމަޖެއްސި ޕެރަ ސްވިމިން ޗެމްޕިއަންޝިޕުގައި ބައިވެރިވާ އިޒްރޭލުގެ އެތުލީޓުންނަށް ވިސާ ދިނުމަށް ވެސް އެ ގައުމުން ވަނީ ދެކޮޅު ހަދައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ މުބާރާތް މެލޭޝިއާގައި ބޭއްވުމުގެ ފުރުސަތު ނުދޭން ފަހުން ވަނީ ނިންމައިފަ އެވެ. މެލޭޝިއާގެ ލަންގްކާވީގައި 2015 ވަނަ އަހަރު ބޭއްވި ވިންޑް ސާފިން މުބާރާތަކަށް ވެސް ވަނީ އިޒްރޭލުގެ ސާފަރުންނަށް ވިސާ ދޭން ދެކޮޅު ހަދައިފަ އެވެ.
މެލޭޝިއާ އާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ.
އާބާދީގައި 60 ޕަސެންޓް މުސްލިމުން ހިމެނޭ މެލޭޝިއާ އަކީ މެދުއިރުމަތީގެ މައްސަލައިގައި ފަލަސްތީނަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެކެވެ.