05 ޑިސެމްބަރ 2021 - 11:30

އެސްޓީއޯ އިން ތެޔޮ ވިއްކުމުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް، އޭސީސީ އަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައިގައި ކުރާ ތުހުމަތުތަކަކީ "ކަނޑައެޅިގެން ހުސް ދޮގު" ކަމަށާއި އެފަދަ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް، މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، 2018 ވަނަ އަހަރު އޭނާ މަގާމާ ހަަވާލުވެ ވަޑައިގަތް އިރު އެސްޓީއޯއިން ތެޔޮ ގަންނަމުން އައީ އަމިއްލަ ޓްރޭޑަރުން މެދުވެރިކޮށް ވަރަށް އަގު ބޮޑުކޮށް ކަމަށެވެ. އެކަން ބަދަލު ކުރަން މެދުއިރުމަތީގެ ގައުމުތަކުގެ ނޭޝަނަލް އޮއިލް ކުންފުންޏެއް ކަމަށްވާ އޮމާންގެ ނޭޝަނަލް އޮއިލް ކުންފުނި އޯކިއު މެދުވެރިކޮށް ތެޔޮ ގަންނަން ކޮންޓްރެކްޓެއް ހަދަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމްރަށް ކުރާ ތުހުމަތުގައިވާ ގޮތުން އެސްޓީއޯގެ ބޯޑު މެންބަރު ޝިމާދު އިބްރާހިމާ ދެމެދު އެއްބަސްވެ، ތެޔޮ ގަންނަން އެއްބަސްވުން ހެދުމުގައި "ކޮމިޝަން" ދޭ ކުންފުނިތަކާ އެކު އެއްބަސްވާން ނިންމާފައިވާ ކަމަށް އޭސީސީ އަށް ހުށަހެޅި މައްސަލައިގައިވެ އެވެ. ޝިމާދަކީ ކުރިން ވިލާގެ ފައިނޭންސް އެގްޒެކެޓިވް ޑައިރެކްޓަރަށް ވެފައި ވިލާއިން ޒަމާނުއްސުރެ ތެޔޮ ގެންނަނީ އޮމާންގެ ނޭޝަނަލް ތެޔޮ ކުންފުނި، އޯކިއު އިން ކަމަށް ވާތީ، އެ ކުންފުންޏާ ގާތް ގުޅުންތަކެއް ޝިމާދާ އެކު އޮތް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތު ކުރެ އެވެ.
މީގެ އިތުރުން އިތުރު ކޮމިޝަނެއް ނެގުމަށް މަޝްވަރާތައް ކުރީ ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ގާސިމް އިބްރާހިމްގެ ދަރިފުޅު، ސިއާދު ގާސިމާ އެކު ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. އޯކިއުއާ އެކު ވީ އެއްބަސްވުމުގައިވާ ގޮތުން ކޮންމެ ތެޔޮ ޝިޕްމަންޓަކުން ނުވަ ޕަސެންޓް ކޮމިޝަނުގެ ގޮތުގައި ނަގައި، އެ ފައިސާ ނަގުދު ޑޮލަރުން ނެގުމަށް ސިއްރު އެއްބަސްވުމެއް ހެދި ކަމަށް ވެސް އޭސީސީ އަށް ހުށަހެޅި މައްސަލައިގައިވެ އެވެ.
އެހެން ނަމަވެސް މި ހުރިހާ ތުހުމަތުތަކެއް އަމްރު ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ، މިފަދަ އެއްވެސް ބައްދަލުވުންތަކެއް ހިނގާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިކަމުގައި ވިލާގެ ކުންފުނިތަކާ އެސްޓީއޯ ގުޅުވީ ކީއްވެގެން ކަމެއް ނުވިސްނޭ ކަމަށެވެ.
އަމްރު މަގާމާ ހަވާލުވުމުގެ ކުރިން 2017 ވަނަ އަހަރު ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި ސައުދީ އަރަބިއްޔާގެ އަރަމްކޯއާ އެކު އެސްޓީއޯއިން އެއްބަސްވުމެއް ހަދާފައިވެ އެވެ. އެހެން ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އަރަމްކޯ އިން ތެޔޮ ރާއްޖެ އަށް ގެންނަން ނުފަށާ ކަމަށް އަމްރު ވިދާޅުވި އެވެ. މިކަމުގެ ސަބަބުން އަބަދުވެސް ތެޔޮ ގެންނަން ޖެހެނީ ސެކަންޑްރީ މާކެޓުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެ ކޮންޓްރެކްޓް ވޯކެއް ނުކުރޭ. ކޮންޓްރެކްޓާ އެއްގޮތަށް ތެލެއް ނުގެނެވޭ. ކޮންޓްރެކްޓްގައި އޮންނަ ގޮތުން އަރަމްކޯއިން ތެޔޮ ގެންނަން ޖެހެނީ އެ މީހުންގެ ބޯޓުން. އެ މީހުން އޮފާ ކުރާ ބޯޓަކީ ބޮޑު ސިންގާ ހަ ބޯޓެއް. އެހެންވެ އެއެއް ކައިރިއެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޖެޓްފިއުލް ގެންނަ އިރު އެމްއޭސީއެލް އިން އެ ބޯޓަށް ގޮސް އެކަންކަން ބަލަން ބޭނުންވާ އިރު އެކަން އެގޮތަށް ކުރަން އަރަމްކޯއިން އެއްބަސްނުވި ކަމަށެވެ. އެހެންވެ އެމްއޭސީއެލް އިން އަރަމްކޯ މެދުވެރިކޮށް ޖެޓްފިއުލް ގަންނަން ހުއްދަ ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު [މަގާމާ] ހަވާލުވެފައި ދިޔައިން ސިންގަޕޫރުގައި ހުންނަ އަރަމްކޯގެ އޮފީހަށް ވެސް. އެ ކޮންޓްރެކްޓް ވޯކް ކުރޭތޯ ބަލަން. އެކަމަކު އެއްގޮތަކަށް ވެސް އެކަމެއް ނުވި،" އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ، އަރަމްކޯއާ އެކު އެސްޓީއޯއިން ވީ އެއްބަސްވުން 2019 ވަނަ އަހަރަށް ހަމަވުމާ އެކު އަނެއްކާ ވެސް ބިޑަށް ހުޅުވާލީ ކަމަށެވެ. ބިޑުން އެންމެ ކުޑަ އަގެއް ހުށަހެޅީ ދުބާއީ ނެޝަނަލް އޮއިލް ކުންފުނީންނެވެ. އެ ކުންފުންޏާ އެކު އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް އެސްޓީއޯއިން ހެދި އެވެ.
އަމްރު ވިދާޅުވީ، އެ އެގްރީމަންޓް ހަމަވުމުން އޮމާންގެ ނޭޝަނަލް އޮއިލް ކުންފުނި، އޯކިއު އާ އެކު އެގްރީމެންޓަކާ ހަމައަށް އައިސް ތެޔޮ އެތެރެ ކުރަން ފެށީ ކަމަށެވެ.
އޭނާ ވިދާޅުވީ، އޮމާންގެ އޯކިއު ކުންފުނި އެނގެނީ ވިލާ މެދުވެރިކޮށް ނޫން ކަމަށާއި އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭހުން 2018 ވަނަ އަހަރުގެ ކުރިން ގޭސް ގަންނަމުން އައީ ލަންކާގެ އޯކިއު އޭޖެންޓު މެދުވެރިކޮށް ކަމަށެވެ. އެހެންވެ އޭރުއްސުރެ އޯކިއުގެ ކޮންޓެކްޓް އެސްޓީއޯގައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން މިފަހަރު ހުޅުވާލީ ދުބާއީ ނޭޝަނަލް އޮއިލް ކޮމްޕެނީ އާއި އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ އާއި އަރަމްކޯ އަށާއި އޮމާން ނޭޝަނަލް އޮއިލް ކޮމްޕެނީ އަށް. އެގޮތަށް އަގު ހުށަހެޅި އިރު އެންމެ ކުޑަ އަގެއް ހުށަހެޅީ އޮމާން ނެޝަނަލް އޮއިލް ކޮމްޕެނީން،" އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ 2014 އާއި 2015 ހިސާބުގައި ތެލުގެ އަގަށް އާއި ބަދަލާ އެކު އޭރު ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 17ރ. އާއި 16ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެހެން ނަމަވެސް ނޭޝަނަލް އޮއިލް ކުންފުންޏެއްގެ އަތުން ތެޔޮ ގަންނަން ފެށުމުން ތެލުގެ އަގު ވަރަށް ބޮޑަށް ހެޔޮކުރެވިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ވަގުތު ދުނިޔޭގެ ބާޒާރުގައި 2014 ވަނަ އަހަރު ހިސާބުގައި ތެލުގެ އަގު އުފުލުނު އިރު ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 10ރ. އާއި 12ރ. ދޭތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ތެޔޮ ގަންނަން ލިބޭ ވަރު މިހާރު ހެޔޮ،" އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ، މަގާމާ ހަވާލުވި ފަހުން ތެޔޮ ގެންނަނީ ގައުމުތަކުގެ ނެޝަނަލް އޮއިލް ކުންފުނިތަކުން ކަމަށާއި ތާޑް ޕާޓީތަކުން އަގު ބޮޑުކޮށް ތެޔޮ ގަތުން ހުއްޓާލި ކަމަށެވެ.
"ނޭޝަނަލް އޮއިލް ކުންފުނިތަކުން ތެޔޮ ގަތުމުން އަގުހެޔޮކޮށް ލިބުމާއި، ސަޕްލައި ގެރެންޓީ ލިބުމާއި، ކޮލިޓީ ރަނގަޅުވޭ،" އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ، އެންމެ ފުރަތަމަ މަގާމާ ހަވާލުވި އިރު ތެޔޮ ހުސްވެދާނެ ކަމުގެ ބިރު ވެސް ވަރަށް ބޮޑު ކަމަށެވެ. ސަބަބަކީ ބައެއް ފަހަރު ތެޔޮ ގެނައުން ޑިލޭ ކުރާތީ އެވެ.
އަމްރު ވިދާޅުވީ، ކުރި ތުހުމަތުތަކުގައި އެއްވެސް ކަހަލަ ހަގީގަތެއް ނެތުމުން އެހާ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި އޮތުމުން އެކަމުގައި ދައުވާ ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި އަޅާނެ ފިޔަވަޅުތަކާ މެދު އެސްޓީއޯގެ ބޯޑާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެވަރުގެ ބޮޑު ދޮގެއް ފެތުރީމަ އަޅުގަނޑުމެން އެބަޖެހޭ ކޮންމެވެސް ބަޔަކު ޒިންމާދާރު ކުރުވަން. އަޅުގަނޑުމެން އެބަ ގެންދަން ބޯޑާ މަޝްވަރާ ކުރަމުން. އޭގައި ގޮތްތަކެއް ނިންމާނެ،" އޭނާ ވިދާޅުވި އެވެ.