01 ޑިސެމްބަރ 2021 - 15:50

ފުލުހުންގެ އިދާރީ ހިންގުމަށް މިއަދުން ފެށިގެން ގެނައި ބަދަލުގެ ސަބަބުން، އާއްމުންނަށް ދޭ ހިދުމަތްތަކަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް އެ އިދާރާއިން ރޭ ބުނެފި އެވެ.

އަލަށް އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެ އިދާރާގެ ހިންގުމަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް މިއަދު އަމަލުކުރަން ފަށާފައިވެ އެވެ.
އެކަމުގެ ތަފްސީލް ދެއްވަމުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އިދާރީ ބަދަލުތައް ގެނައި އިރު އެންމެ ބޮޑަށް ބަލާފައިވާނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ކަމަށެވެ. އެހެންވެ އެ ބަދަލުތަކުގެ ފައިދާ ގިނަ ބަޔަކަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ ޓްރެފިކް ކަންތައްތައް ޓްރެފިކް ފުލުހުން ބަލަހައްޓަމުން ދިޔައިރު، އެކި އަވަށްތަކުގެ ގޭބިސީގައި ހިނގާ ކުދިކުދި ކަންކަމާއި މަގުމަތީީގެ ރައްކާތެރިކަމާ ގުޅޭ ކަންތައްތައް މިހާތަނަށް ކުރަމުން ދިޔައީ މާފަންނާއި ގަލޮޅުގައި ހުންނަ ވިލީ ފުލުހުންނެވެ.
ނަމަވެސް އަލަށް ގެނައި ބަދަލުން، ބޮޑެތި ކުށްތައް ފިޔަވައި އެ އަވަށެއްގައި ހިނގާ ހުރިހާ ކަމެއް ބަލަހައްޓާނީ އެ އަވަށެއްގެ ޕޮލިސް ސްޓޭޝަނުންނެވެ.
"އަޅުގަނޑުމެން މި ގެންނަ ބަދަލަކީ މާލޭގައި އުޅޭ ރައްޔިތުންނަށް މިހާރު ދެމުން އަންނަ ހިދުމަތް ރަނގަޅުކުރެވޭނެ ގޮތަކަށް ބަލައި މިންގަނޑުތަކަށް ބަލައި ގެންނަ ބަދަލެއް،" އަބްދުﷲ ވިދާޅުވި އެވެ.
ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅަނީ ކުދި ކުށްތަކުގެ ކެޓަގަރީގައި ހިމެނޭ މައްސަލަތަކެވެ. އެ ކަންކަން ތަހުގީގުކުރުމާއި ޝަރީއަތާ ހިސާބަށް ގެންދިއުމަށް ގިނަ ވަގުތު ހޭދަވެ އެވެ.
އަބްދުﷲ ވިދާޅުވީ ކުދި ކުށްތަކުގެ 500 އެއްހާ މައްސަލަ މަހެއްގެ މައްޗަށް ފުލުހަށް ހުށަހަޅާ ކަމަށެވެ.
އޭނާ ވިދާޅުވީ ބައެއް މައްސަލަތައް ތަހުގީގުކުރުމުގައި ލަސްވާ ކަމަށެވެ.
"އެއްޗެއް ވަގަށް ނެގީމާ ރިކަވާ ކުރަން ފްރޮންޓްލައިންގައި ތިބޭ މީހުންނާއި ތަހުގީގުކުރާ މީހުން ގުޅިގެން އެކީގައި ކުރަން ފެށީމާ ވަރަށް ބޮޑަށް ބެލެވޭ ރިކަވަރީ ރޭޓް ގިނަ ވެގެންދާނެ ކަމަށް. ސައިކަލު ހޯދުމަކީ މިހާރު ވެސް ވަރަށް ފޯކަސްކޮށްގެން ކުރާ ކަމެއް. އެކަކު ގިނަ މައްސަލަ ބެލުމަށްވުރެ ދެ މީހަކު ދެ ކޮޅަށް ލައިގެން އެ ދެމީހުންގެ ދަށަށް ލައިގެން ކުރީމަ އަންނާނެ ވަރަށް ބޮޑު ފަސޭހައެއް،" ރަޝީދު ވިދާޅުވި އެވެ.
"ތަހުގީގުގައި އިންސާފު ހޯދަން، ޝަރީއަތަށް ގޮސް، ކުށްކުރާ ފަރާތަށް ދޭންޖެހޭ އަދަބެއް ދިނުން ނޫނީ ވިކްޓިމަށް އިންސާފު ލިބުމުގައި ތަހުގީގުތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ މަދުކޮށްގެން ސުޕަވައިޒަރަކަށް ހުންނަ މައްސަލަތައް ވެސް މަދުވީމަ،"
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ސުލްތާން އަހުމަދު ބިޝާރު ވިދާޅުވީ ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ދަށުން ތަރުތީބުވެގެން ދިއުމުން އެއް މަސައްކަތް އަނެއް މަސައްކަތާ ގުޅޭނެ ކަމަށެވެ. ކޮންމެ ޕޮލިސް ސްޓޭޝަނެއް މަސައްކަތްކުރާނެ ރަނގަޅު އޮނިގަނޑެއް ހަމަޖެހި، އެކަން ތަރުތީބުވެގެން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖެނެރަލް ޕޮލިސް ސްޓޭޝަނެއްގެ އޮނިގަނޑު ތެރޭގައި ރެސްޕޮންސް އެންޑް ޕެޓްރޯލް އަދި ތަހުގީގީ ދާއިރާ އަދި ނެއިބަހުޑް ޕޮލިސިންގެ މަސައްކަތްތައް ހިމެނެ އެވެ.
"މާލޭގައި އޮތް ކުށުގެ ހާލަތާއި ތަރުތީބުވެފައި އޮންނަ ގޮތަށް އެހެނިހެން ފަންކްޝަންތައް ކުރާ ގޮތް ބަދަލުވެގެންދޭ. އެ ބަދަލާއެކު ފްރޮންޓްލައިން ޕޮލިސިންގެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ރިސޯސަސް ފޯރުކޮށްދެވިގެންދާނެ. އާ އޮނިގަނޑުން މަސައްކަތްކުރެވިގެންދާއިރު ރައްޔިތުންނަށް ދެމުންދާ ހިދުމަތުގައި ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ގަބޫލުކުރެވޭ،" ސުލްތާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ކަމެއް ދިމާވި ނަމަވެސް ކޮންމެ ޕޮލިސް ސްޓޭޝަނަކަށް ވެސް މައްސަލަ ހުށަހެޅޭނެ ކަމަށެވެ. އެކަމަކު، ކުދި މައްސަލަތައް ދެން ބަލާނީ ވިލީ ޕޮލިސް ސްޓޭޝަނުންނެވެ. އެގޮތަށް ބަދަލު ގެނައުމުން ވިކްޓިމަށް ދޭ ރެސްޕޮންސް ހަރުދަނާވެ، ވިކްޓަމް ބޭސްޑް ތަހުގީގުތަކަށް ވަރަށް ބޮޑަށް ބިނާކުރެވޭނެކަން ސުލްތާން ފާހަގަކުރެއްވި އެވެ.
"މަލްޓި ސްކިލްޑް ފުލުހުން ވާނެ، އިންވެސްޓިގޭޝަނާއި ޕެޓްރޯލް އެއްކޮށް ދިޔައީމަ ކުރިމަގުގައި ތަޖުރިބާހުރި، ފުލުހުންގެ މަސައްކަތް އެނގޭ، އެކަން ދަންނަ ބަޔަކު އެނގިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.