އެމްޑަބްލިޔުއެސްސީގެ ހިދުމަތްތަކަށް ހިޔާ ފްލެޓް ސަރަހައްދުގައި ހެލްޕް ޑެސްކެއް
އެމްޑަބްލިޔުއެސްސީގެ ހިދުމަތްތަކަށް ހިޔާ ފްލެޓް ސަރަހައްދުގައި ހެލްޕް ޑެސްކެއް

ހިޔާ ފެލްޓުތަކުގައި ދިރިއުޅޭ މީހުންނަށް އެމްޑަބްލިއުއެސްސީގެ "ހެލްޕް" ޑެސްކެއް އެ ސަރަހައްދުގައި ބަހައްޓައިފި އެވެ.

މި ޑެސްކު ހުންނާނީ ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރުގެ ތިރީގަ އެވެ. މި ޑެސްކުން ފެން ބިލާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނަށް ހޯދޭނެ އެވެ.

މީގެ އިތުރުން ފްލެޓުތަކުގެ ފެން މީޓަރުތައް އެމްޑަބްލިއުއެސްސީގައި ރަޖިސްޓްރީ ކުރުމާއި އެ ކުންފުނީގެ ލީނިއަންސީ ޕޮލިސީގެ ދަށުން، ބަހާލައިގެން ބިލު ދެއްކުމުގެ ހިދުމަތަށް ވެސް މި ޑެސްކު މެދުވެރިކޮށް އެދެވޭނެ އެވެ. މީޓަރުތައް ރަޖިސްޓްރީ ކުރަން ބޭނުންވާ ކަސްޓަމަރުން، ފްލެޓުގެ ވެރިފަރާތުގެ އައިޑި ކާޑާއި ފްލެޓް އެގްރީމަންޓުގެ 29 ވަނަ ސަފުހާ ގެނައުމުން ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެޕާޓްމަންޓުތަކުގައި ފެން ލީކެއް އުޅޭ ނަމަ އެކަން ދެނެގަންނާނެ ގޮތާއި ދެން ކަންތައް ކުރަންވީ ގޮތް ވެސް މި ހެލްޕު ޑެސްކުން ކިޔައިދޭނެ އެވެ.

މި ހެލްޕް ޑެސްކުން ހިދުމަތް ދޭނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށެވެ.

ހިޔާ ފްލެޓުތަކުގެ ފެން ބިލާ ގުޅޭ މައުލޫމާތު 7962395 އަށް ގުޅައިގެން ނުވަތަ ވައިބަ ކޮށްގެން ވެސް ހޯދޭނެ އެވެ.

ބައެއް ފްލެޓުތަކުގައި އާދަޔާ ހިލާފަށް ފެން ބިލު ބޮޑުކަމަށް ދައްކާއިރު މިއީ އެތަނުގައި ބޭނުން ކޮށްފައި ހުރި ފެން މީތަރުތަކެއްގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ. މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާ ކަމަށާއި މައްސަލަ ޖެހިފައި ހުރި މީޓަރުތައް ހުރި ފްލެޓުތަކަށް ފެން ބިލް ފޮނުވާނީ މައްސަލަ އެއްކޮށް ހައްލުވުމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.