02 ޑިސެމްބަރ 2021 - 06:16

މިދިޔަ މަހު ބޭއްވި ދިވާލީ ޕާޓީއެއްގެ ތެރެއިން ސޯޝަލް މީޑިއާގައި އާންމުވި ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ވީޑިއޯއެއްގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ރަންބީރަށް އަމާޒުވެއްޖެ އެވެ.
އޭގައި ފެންނަނީ ގިނަ ބަޔަކު ވެސް ތިބި ތަނެއްގެ ތެރޭގައި ރަންބީރްގެ ކުރީގައި ހުރެގެން އާލިއާ ސިޑިއަކުން ފައިބާ އިރު އޭނަ ލައިގެންހުރި ހެދުމުގެ ދިގު ފައިސްބައި ބިން މަތީގައި ކޭއްތޭ އިރު، ރަންބީރު ދާން ތަން ހެދުމުގެ ގޮތުން އާލިއާގެ ހެދުމުގެ ފަސްބައިގައި ފައިން ޖަހައި، ތިރިއަށް ސޮއްސުވާލާ ތަނެވެ.
މި ވީޑިއޯ އަށް ކޮމެންޓްކުރި ވަރަށް ގިނަ ބަޔަކު ބުނީ ލޯބިވެރިޔާގެ ހެދުމުގައި ގަސްތުގައި ފައިން ޖެހުމަކީ ރަންބީރުގެ ހިތުގައި އާލިއާ އަށް އެއްވެސް ގަދަރެއް، އިހުތިރާމެއް ނެތް ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ ފިރިހެންވަންތަ ފިރިހެނެއްގެ ފަރާތުން ފެންނާނެ ޒާތުގެ އަމަލެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
އެހެންވެ އެ ވީޑިއޯ އަށް ކޮމެންޓްކުރި ވަރަށް ގިނަ ބަޔަކު ބުނެފައި ވަނީ އާލިއާ އަށް އެންމެ ރަނގަޅުވާނީ ރަންބީރް ކަހަލަ މީހަކު ދޫކޮށްލުން ކަމަށެވެ. އަދި އެއީ ލޯބިވެރިޔަކަށް އަދި ފިރިޔަކަށް ވެސް ކަމުދާ ކަހަލަ މީހެއް ނޫންކަން ވީޑިއޯ އިން ފެންނަ އަމަލުން ސާބިތުކޮށްދޭ ކަމަށާއި ރަންބީރާ ކައިވެނި ނުކޮށް އާލިއާ އަވަހަށް ސަލާމަތްވުން ބުއްދިވެރި ކަމަށް ވެސް ބައެއް ބުނެފައިވެ އެވެ.
އާލިއާ، 28، އާއި ރަންބީރް، 39، ލޯބީގެ ގޮތުން ގުޅުނީ 2018 ގަ އެވެ. އޭރު ވެސް ބައެއް ފޭނުން ވަނީ ރަންބީރަކީ އާލިއާ އަށް އެކަށީގެންވާ މީހެއް ނޫން ކަމަށާއި އުމުރުގައި ވެސް ބޮޑު ފަރަގެއް ހުރުމުން ރަންބީރް ބައިވެރިޔަކަށް ހެދުން ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ.
ދެ ތަރިންގެ ކައިވެނީގެ ވާހަކަ ވެސް މި ފަހުން ވަރަށް ގަދައަށް ދެކެވި މި މަހުގެ ތެރޭގައި ކައިވެނި ކުރާނެ ކަމަށް ކުރިން ބެލުނަސް، އެފަދަ ޕްލޭނެއް މިހާރު ނެތްކަން ވަނީ ކަށަވަރުކޮށްފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އާލިއާ އާއި ރަންބީރް ކައިވެނި މިހާރު ވަނީ އަންނަ އަހަރުގެ ޖުލައި އަށް ފަސްކޮށްފަ އެވެ. ދެ ތަރިން އެކީގައި ކުޅެފައިވާ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" ވެސް އަންނަ އަހަރުު ރިލީޒް ކުރާނެ އެވެ. އެކަމަކު އަދިވެސް ރަސްމީކޮށް ތާރީހެއް އިއުލާނެއް ނުކުރެ އެވެ.