10 ޑިސެމްބަރ 2016 - 23:46

ލަންޑަން (ޑިސެމްބަރު 10) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި 3-1 އިން ސްޓޯކް ސިޓީ ބަލިކޮށް އާސެނަލް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އާސެނަލް ލީގުގެ އެއް ވަނަ އަށް އެރީ ދެ ވަަނައިގައި އޮތް ޗެލްސީ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެންނެވެ. އާސެނަލަށް 15 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ 34 ޕޮއިންޓް ހަމަކޮށްފައިވަނީ 14 މެޗުންނެވެ. އާސެނަލަށް ކުރި ލިބެނީ ޖެހި ގޯލުންނެވެ.
ލީގުގެ އެއް ވަނަ އަށް އަރަން ޗެލްސީ މާދަމާ ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗުން ބޭނުންވަނީ މަދުވެގެން އެންމެ ޕޮއިންޓެކެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލަނޑުޖެހީ ސްޓޯކުންނެވެ. މެޗުގެ 29 ވަނަ މިނިޓްގައި ސްޓޯކަށް ލީޑު ނަގައިިދިނީ ލިބުނު ޕެނަލްޓީ އަކުން ޗާލީ އެޑަމް އެވެ. މި ޕެނަލްޓީ އަކީ އާސެނަލްގެ އޭރިއާ ތެރެއިން އެ ޓީމުގެ ގްރޭނިޓް ޝާކާ ސްޓޯކުގެ ޖޯ އެލަން އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލަށް އެއްވަރުކޮށްދިނީ ތިއޯ ވޮލްކޮޓެވެ. މެޗުގެ 42 ވަނަ މިނިޓްގައި ވޮލްކޮޓް މި ލަނޑު ޖެހީ ހެކްޓަ ބެލެރިން ދިން ބޯޅައަކުންނެވެ. މިއީ އަނިޔާގެ ސަބަބުން އެއް މަސް ވަންދެން ކުޅުމާ ދުރު ހުރުމަށް ފަހު ބެލެރިން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ. ބެލެރިން ކުޅެން އެރުވީ ފުރަތަމަ ހާފްގައި އެ ޓީމުގެ ޝްކޮރްޑަން މުސްތާފީ އަށް އަނިޔާވުމުންނެވެ. ވޮލްކޮޓްގެ މި ލަނޑަކީ ކްލަބް ފުޓްބޯޅައިގައި އޭނާ ކާމިޔާބުކުރި 100 ވަނަ ލަނޑެވެ.
ދެ ވަނަ ހާފް ފެށިގެން ހަތަރު މިނިޓް ތެރޭ އާސެނަލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ 49 ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކުރީ މި ސީޒަނުގައި ގިނަ ގޯލުތަކެއް ކާމިޔާބު ކުރަމުން އަންނަ މެސުޓް އޮޒިލް އެވެ.
އާސެނަލްގެ ފަހު ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި އަލެކްސް އިވޯބީ އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 75 ވަނަ މިނިޓްގަ އެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ލީގުގެ އެއް ވަނަ އަށް އެރުމަށް ވުރެ އެ މަގާމު ދެމެހެއްޓުމަކީ އުނދަގޫ ކަމެއް ކަަމަށެވެ.
"ފުރަތަމަ މެޗުން ބަލިވިޔަސް ދެން އާސެނަލް ފެނުނީ ތަފާތުކޮށް. ލީގުގެ ވާދަވެރިކަން ބޮޑުއިރު އެއް ވަނަ އަށް އެރުމަކީ ފަސޭހަކަމަށް ވެދާނެ. އެންމެ އުނދަގޫ މަސައްކަތަކީ އެ މަގާމު ދެމެހެއްޓުން." ވެންގާ ބުންޏެވެ.
މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ވެޓްފޯޑް ވަނީ 3-2 އިން އެވަޓަން ބަލިކޮށްފަ އެވެ. ބާންލީ 3-2 އިން ބޯންމައުތު އަތުން މޮޅުވިއިރު، ހަލް ސިޓީ އާއި ކްރިސްޓަލް ޕެލަސްގެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އަދި ސްވަންސީ ސިޓީ ވަނީ 3-0 އިން ސަންޑަލެންޑް ބަލިކޮށްފަ އެވެ.