01 ޑިސެމްބަރ 2021 - 10:42

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ބިލިއާޑް މުބާރާތް، ލިޓަސް ގައުމީ ބިލިއާޑް މުބާރާތް މިރޭ ފަށަން ތާވަލުކޮށްފި އެވެ.
ޖުމްލަ ހަ ކެޓަގެރީއަކުން އެތުލީޓުން ވާދަކުރާ މުބާރާތުގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު 150،000 އަށް ވުރެ މައްޗަށް އަރަ އެވެ. މިއީ ރާއްޖޭގެ ބިލިއާޑް މުބާރާތެއްގައި މިހާތަނަށް ހުށަހަޅާ އެންމެ އަގު ބޮޑު ފައިސާގެ އިނާމެވެ.
- ޓީމު އިވެންޓް
- ފިރިހެން ފުރަތަމަ ޑިވިޝަން
- އަންހެން ޑިވިޝަން
- ފިރިހެން ދެވަނަ ޑިވިޝަން
- ޑަބަލްސް
- މިކްސް ޑަަބަލްސް
ގައުމީ ރޭންކިންގެ އެންމެ ކުރީގައި ހިމެނޭ 32 ކުޅުންތެރިންނާ އެކު ފިރިހެން ފުރަތަމަ ޑިިވިޝަން ކުޅުމަށް ހަމަޖެހިފައި ވަނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. މި 32 ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކު މުބާރާތުގައި ވާދަ ނުކުރާނަމަ، ކުޅުންތެރިން ހަމަވަންދެން ރޭންކިން ތަރުތީބުން ޖާގަ ދޭނެ އެވެ.
ފިރިހެން ފުރަތަމަ ޑިިވިޝަނުގައި ވާދަނުކުރެވޭ ކުޅުންތެރިން ވާދަކުރާނީ ފިރިހެން ދެވަނަ ޑިވިޝަނުގަ އެވެ. މި އިވެންޓް ވެސް ކުޅޭނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފިރިހެން ދެ ޑިވިޝަނުގެ ވެސް ފައިނަލް މެޗު ފިޔަވައި ހުރިހާ މެޗެއް ވެސް ކުޅޭނީ ރޭސް ޓު 7 ފްރޭމަށެވެ. ފައިނަލް މެޗު ކުޅޭނީ ރޭސް ޓު 11 ފްރޭމަށެވެ.
އަންހެން އިވެންޓް ވެސް 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިޔަށް ދާއިރު، މި އިވެންޓުގެ ފައިނަލް މެޗު ފިޔަވައި ހުރިހާ މެޗެއް ވެސް ކުޅޭނީ 5 ފްރޭމަށެވެ. ފައިނަލް މެޗު ކުޅޭނީ 7 ފްރޭމަށެވެ. ޑަބަލްސް އިވެންޓު ކުރިޔަށް ދާނީ، އަންހެން އަދި ފިރިހެން ޑަބަލްސް ޕެއާތައް އެއްކޮށް، 10 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. މި އިވެންޓުގެ ފައިނަލް މެޗު ފިޔަވައި ހުރިހާ މެޗެއް ވެސް ކުޅޭނީ ރޭސް ޓު 7 ފްރޭމަށެވެ. ފައިނަލް މެޗު ކުޅޭނީ ރޭސް ޓު 9 ފްރޭމަށެވެ.
މިކްސްޑް ޑަބަލްސް އިވެންޓް ކުރިޔަށް ދާނީ މުބާރާތުގައި ބައިވެރިވި ހުރިހާ މިކްސް ޑަބަލްސް ޕެއާތައް އެއްކޮށް، 8 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. މި އިވެންޓުގެ ފައިނަލް މެޗު ފިޔަވައި ހުރިހާ މެޗެއް ވެސް ކުޅޭނީ ރޭސް ޓު 5 ފްރޭމަށެވެ. ފައިނަލް މެޗު ކުޅޭނީ ރޭސް ޓު 7 ފްރޭމަށެވެ.
ޓީމު އިވެންޓްގައި ވާދަކުރުމުގެ ފުރުސަތުދީފައި ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޓީމުތަކަށެވެ. ކޮންމެ ޓީމެއްގައި ވެސް ބިދޭސީ ކުޅުންތެރިޔަކު ޖެހުމުގެ ހުއްދަ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ވަނީ ދީފަ އެވެ.
ގައުމީ މުބާރާތުގެ އަންހެން އަދި ދިރިހެން ފުރަތަމަ ޑިވިޝަނަށް ވެސް ފައިސާގެ އިނާމު ކަނޑައަޅާފައި ވަނީ ހަމަހަމައަށެވެ.