01 ޑިސެމްބަރ 2021 - 10:28

ޔޯކްޝަޔާ، އިންގްލެންޑް (ޑިސެމްބަރު 1) - އޮސްޓްރޭލިއާ އަދި ނިއު ޒިލެންޑުގައި 2023 ވަނަ އަހަރު ބާއްވާ ފީފާ އަންހެން ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑުން ލެތުވިއާ ކޮޅަށް 20 ލަނޑު ޖަހައި، ރެކޯޑެއް ހަދައިފި އެވެ.

އިންގްލެންޑުން ވަނީ ލެތުވިއާއާ ދެކޮޅަށް ކުޅުނު އަވޭ ލެގުގައި މިދިޔަ އޮކްޓޯބަރު މަހު 10-0 އިން ކާމިޔާބުކޮށްފަ އެވެ. ރޭގެ ނަތީޖާއަކީ އިނގިރޭސި އަންހެން އަދި ފިރިހެން ޓީމުން ވެސް މިހާތަނަށް ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. މީގެ ކުރިން އަންހެން ޓީމު ވޯލްޑް ކަޕް ކޮލިފައިންގައި 2005 ވަނަ އަހަރު 13-0 އިން ރަށުން ބޭރުގައި ހަންގޭރީ ބަލިކުރިއިރު، ފިރިހެން ޓީމު ވަނީ 1982 ވަނަ އަހަރު ކުރީގެ އަޔަލެންޑް 13-0 އިން ބަލި ކޮށްފަ އެވެ.
އިންގްލެންޑުގައި ކުޅުނު މެޗުގައި 10 ކުޅުންތެރިއަކު ވަނީ ލަނޑު ޖަހައިފަ އެވެ. އަދި ހަތަރު ކުޅުންތެރިން ރޭގެ މެޗުގައި ހެޓްރިކް ހެދި އެވެ. އެއީ އާސެނަލް އަށް ކުޅޭ ބެތަނީ މީޑް އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ އަލޭސިއާ ރޫސޯ އަދި މެންޗެސްޓާ ސިޓީއަށް ކުޅޭ އެލަން ވައިޓާއި ލޯރެން ހެމްޕެވެ.
ކޮލިފައިން ގްރޫޕް ސްޓޭޖުގައި އިންގްލެންޑަށް ބާކީ ހަތަރު މެޗު އޮތްއިރު އެ ޓީމު އެއްވަނައިގައި އޮތީ ހަ މެޗުން ވެސް މޮޅުވެގެންނެވެ. މި ހަ މެޗުން އެ ޓީމު 53 ލަނޑު ޖަހާފައިވާއިރު، ބައިކޮޅަށް ގޯލެއް ނުވަދެ އެވެ. ލެތުވިއާގެ އިތުރުން އިންގްލެންޑް ވަނީ ލަކްޒެމްބާގު ކޮޅަށް ވެސް 10 ލަނޑު ޖަހައި، ނޯތު މެސެޑޯނިއާ އަތުން 8-0 އިން މޮޅުވެފަ އެވެ.
ގުރޫޕުގެ ދެވަނައިގައި އޮތް އޮސްޓްރިއާ ވަނީ ރޭ 8-0 އިން ލަކްޒެމްބާގް ބަލިކޮށްފަ އެވެ. އަދި ނޮދާން އަޔަލެންޑުން ނޯތު މެސެޑޯނިއާ ބަލިކުރީ 11-0 އިންނެވެ. އޮސްޓްރިއާ އާއި، ތިންވަނައިގައި އޮތް ނޮދާން އަޔަލެންޑަށް ވެސް ލިބިފައި ވަނީ 13 ޕޮއިންޓެވެ.