ގަންގާނަ
ގަންގާނަ

ހުޅަނގު މޫސުމުގެ ގަންގާނަ ލައިގަތީ ވިލްދާން ގެއިން ނުކުމެނުކުމެ ހުއްޓާއެވެ. އުޑުމަތި އެހާ ބަނަކަމެއް ވިލްދާނަކަށް ކުރިން ނުވެސް އެނގެއެވެ. ވަގުތަކީ ރޭގަނޑުކަމަށް ވެފައި، އެ ވަރަށް ސަމާލުކަން ވެސް ނުދެވުނީއެވެ. ވިލްދާން ކުޑަދޮރުން ބޭރު ބަލައިލި ވަގުތު ވިދައިލިއެވެ. ގުގުރައިލިއެވެ.

"ދިޔައީ ދުވަސް." މަޑުމަޑުން ވިލްދާނަށް ބުނެވުނެވެ.

އިރުކޮޅަކު ދޮރު ކައިރީގައި މަޑުކުރުމަށް ފަހު، ބޮޑުކޮޓަރީގެ ސޯފާގައި ވިލްދާން އިށީނދެލިއެވެ. ފަހަރެއްގައި ވާރޭ ހުއްޓައިލައި، ބޭރަށް ނުކުމެވިދާނެކަމުގެ އުންމީދުގައެވެ. ނަގޫރޯޅީގެ ނަގޫ ފައިބައިފައި ހުރީ ގޭތެރެއަށްކަމެއް، އޭރަކު ވިލްދާނަކަށް ނޭނގެއެވެ. އެ ވަގުތު ހަމީދު ގުޅިއެވެ. އޭނައަށް ދިމާވީ މާ ނަސީބު ދެރަ ގޮތެކެވެ.

"މަގުމަތީގަ ތާށިވެފަ. ކަލޭ ކޮބާ؟" ހަމީދު އެހިއެވެ.

"ނަސީބަކުން ގޭގަ،" ވިލްދާން ޖަވާބުދިނެވެ. "ހިޔެއް ނުވޭ ހުއްޓާނެހެނެއް. އެކަމަކު އަދި ވިއްސަކަށް މިނެޓު ބަލަމާ! މިރޭ އެބަ ޖެހޭ މީޓްކުރަން. މާދަމާ މީޓިންއަށް ދާންވާ އިރަށް ޕްރެޒެންޓޭޝަން ނިންމަންޖެހޭނެއްނު. ޕެން މިކޮޅަށް ވައްޓާލެވޭނެތަ؟"

"މި ތަނުން ނުކުމެވިގެންތާ ތި ކަން ވެސް ވާނީ،" ޖަވާބުގައި ހަމީދު ބުންޏެވެ. "ހިނގާބަލަ އިރުކޮޅެއް ބަލަމާ!"

ވާހަކަދައްކައި ނިންމައިލުމަށް ފަހު ވިލްދާން ޓީވީ ރިމޯޓު ނެގިއެވެ. ޓީވީ ހުޅުވަން ފިތަށް އޮބައިލިއެވެ. ރިމޯޓު މަސައްކަތެއް ނުކުރިއެވެ. ދެން ހަނދާންވިއެވެ. ރިމޯޓުގެ ބެޓެރި ހުލިވިތާ ދެ ދުވަހެއް ވެއްޖެއެވެ. ކުރީ ރޭ ވެސް ބެޓެރި ގަންނަން ހަނދާންނެތުނީއެވެ. ކަންނެތްވެފައި އިން ވަރުން ތެދުވެގެން ގޮސް ޓީވީ ހުޅުވާލަކަށް ވިލްދާން ބޭނުމެއް ނުވިއެވެ. ރިމޯޓު ބާއްވައިފައި ފޯނު ނެގިއެވެ. ވައިފައި ޖައްސައިލިއެވެ. އެ ކަން ވެސް ކާމިޔާބެއް ނުވިއެވެ. ވައިފައި ރައުޓަރަށް ވެސް ހުރީ މައްސަލައެއް ދިމާވެފައެވެ. ދޭތެރެއަކުން ނިންވައިފައި ޖައްސަން ޖެހެއެވެ. އެއީ ވެސް ކުރަން ތާވަލުގައި ނޯޓުކުރެވިފައިވާ ކަމެކެވެ. އެ ވަގުތު ނާހިދު ކޮޓަރިން ނުކުތެވެ. އުމުރުން ހަތަރު އަހަރުގެ ނާހިދަކީ، ވިލްދާނާއި މަލްސާގެ ހަމަ އެކަނި ދަރިފުޅެވެ. ނާހިދު އަތުގައި މަލްސާގެ ފޯނު އޮތެވެ. އޭރު ވެސް ނާހިދު ހުރީ ހިތްހަމަނުޖެހިފައެވެ. އައި ގޮތަށް އައިސް ސޯފާގައި އިށީނދެފައި ފޯނާ ކުޅެން ފެށިއެވެ. އޭނަ އުޅެނީ ކޮންމެވެސް ކަމެއް ނުވެގެންނެވެ. އެ މަންޒަރު ބަލަން ވިލްދާން އިނެވެ.

"ކިހިނެއްވީ ދަރިފުޅާ؟" ވިލްދާން ސުވާލުކުރިއެވެ.

"މަންމަ ކީއްވެގެންތަ ފޯނު ލޮކްކުރީ؟" ހިތްހަމަނުޖެހިފައި ނާހިދު އެހިއެވެ. "ދެން ނުކުޅެވޭނެ ގޭމެއް ވެސް."

"ލޮކްކުރީއޭ؟" ހައިރާންވެފައި ވިލްދާނަށް ބުނެވުނެވެ. "ނުވާނެ އެހެނެއް. ދައްކަބަލަ ފޯނު. މަންމައަކީ ފޯނު ލޮކްކުރާ މީހެއް ނޫނެއްނު!"

ނާހިދު ފޯނު ދިނެވެ. ވިލްދާން ބަލައިލި އިރު ފޯނު އޮތީ ބޮޑުތަޅު އަޅުވައިފައެވެ. އިނގިލީގެ ނިޝާނުން ނޫން ގޮތަކަށް ނުހުޅުވޭ ގޮތް ހަދައިފައެވެ. ވިލްދާން ހައިރާންވީ ފޯނު ތަޅުލައިފައި އޮތީމައި އެކަންޏެއް ނޫނެވެ. އިނގިލީގެ ނިޝާނުން ފޯނު ހުޅުވޭ ގޮތް ހެދުމަށް ޓަކައި ކަންތައްތަކެއް ކުރަންޖެހޭނެއެވެ. މަލްސާ އެކަންޏެއް އެ ކަމެއް ނުކުރެވޭނެއެވެ. ފޯނަށް އެއްޗެއް އަޅަން ޖެހުނަސް މަލްސާ ގޮވަނީ ވިލްދާނަށެވެ. ވީމާ، ވިލްދާންގެ އެހީއެއް ނެތި މަލްސާ ފޯނު ތަޅުލީ ކިހިނެއް ހެއްޔެވެ؟ އެ ކަމުގައި އޭނައަށް އެހީވީ ކާކު ހެއްޔެވެ؟

"ގޮސް މަންމަ ކައިރީގަ ބުނޭ!" ފޯނު ދެމުން ވިލްދާން ބުންޏެވެ.

ނާހިދު ފޯނު ހިފައިގެން މަންމައަށް ގޮވަމުން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ވިލްދާން ގަނޑުވެފައި އިނީއެވެ. މަލްސާއާއި ވިލްދާންގެ ވެސް އުމުރަކީ ނަވާވީސް އަހަރެވެ. މަލްސާއަކީ ކަސްރަތީ ހަށިގަނޑެއްގެ ވެރިޔެކެވެ. ކެއުމަށް ފަރުވާތެރިވާ، ރީތިކޮށް ހުންނަން ލޯބިކުރާ އަންބެކެވެ. މަލްސާއަށް ބަލައިލުމުން ހީވާނީ ނަވާރަ އަހަރުގެ ޒުވާން އަންހެންކުއްޖެއްހެންނެވެ. އޭގެ އިތުރަށް މަލްސާއަކީ މާލޭ ކުއްޖެކެވެ. ގެ ހުރީ އުސްކޮށް ހަދައި ލިފުޓު ހަރުކޮށްފައެވެ. ފަސްވަނަ ބުރީގައި ހުންނަ ދެ އެޕާޓުމަންޓު ވެސް މަލްސާގެ ބައްޕަ ހުންނަނީ މަލްސާއަށް ދީފައެވެ. އެއް އެޕާޓުމަންޓުގައި މަލްސާ ދިރިއުޅޭ އިރު އަނެއް ތަން ހުންނަނީ ކުއްޔަށްދީފައެވެ. މަލްސާ އަދާކުރަނީ، ވިލްދާނަށް ވުރެ ބޮޑު މުސާރައެއް ލިބޭ ވަޒީފާއެކެވެ. ގޮތެއް ނެތީ ވިލްދާނަށެވެ. ކައިވެނި ރޫޅިއްޖެއްޔާ ވިލްދާން ޖެހޭނީ ކުލީ ކޮޓަރިއަކަށް ބަދަލުވާށެވެ. ނުވަތަ ރަށަށް ދާށެވެ. އެ ހިސާބުން ވިލްދާނަށް ޗޮކެއްކަނޑައިލެވުނެވެ. ހިތަށްއެރިއެވެ. އެހާ ހިސާބަށް ވިސްނުން ގެންދާކަށް އަދި ނުވެއެވެ. މި އުޅެނީ ފޯނު ތަޅުލައިގެންނެވެ. ވަރިފަށަށް އަރައިގެނެއް ނޫނެވެ. މަލްސާ އެހެން މީހަކާ ހިތާވެގެނެއް ވެސް ނޫނެވެ. ނާހިދު މާ ބޮޑަށް ފޯނާ ކުޅޭތީ ވެސް ފޯނު ތަޅުލަފާނެއެވެ. މަލްސާއަކީ އުޅުން ހުރި، ރަނގަޅަށް ތަރުބިއްޔަތުކޮށްފައިވާ ކުއްޖެކެވެ. ކައިވެންޏަށް ހަ އަހަރު ވެއްޖެއެވެ. ދުވަހަކު ވެސް ހިލޭ ފިރިހެނެއްގެ މައްސަލައެއް ނުޖެހެއެވެ. ވިލްދާނަކީ މަލްސާގެ ފުރަތަމަ އަދި ހަމަ އެކަނި ލޯތްބެވެ.

ފޯނު ތަޅުލީ ސަބަބު އޮޅުންފިލުވަން ވިލްދާން ބޭނުންވިއެވެ. އެކަމަކު މަލްސާ ގާތުގައި އަހާކަށް ނުކެރުނެވެ. އަހާނެ ގޮތެއް ވެސް ނޭނގުނެވެ. ވިލްދާންގެ ފޯނު ވެސް އޮންނަނީ ތަޅުލައިފައެވެ. މަލްސާ ސުވާލެއް ނުކުރެއެވެ. ވިސްނަން އެތައް އިރަކު ވިލްދާނަށް އިނދެވުނެވެ. އެންމެ ފަހުން ވާރޭ ވެސް ނުހުއްޓުމާ އެކު ބޭރަށްދިޔުން ކެންސަލުކުރިއެވެ.

"ކޮން ކަމަކާ ވިސްނާ ރެޔެއް؟" މަލްސާ ބުނި އަޑު އިވުނެވެ.

ވިލްދާނަށް ނިދަން އޮވެވުނީ ފަންގިފިލައަށް ބަލަހައްޓައިގެން، ދެ ލޯ ދެ ކާށްޓަށް ހަދައިގެންނެވެ. އެއީ ވިލްދާން އޮންނަ ގޮތެއް ނޫނެވެ. އޭނަ އޮންނަނީ އެއް އަރިޔަށް ނުވަތަ ބަނޑުންނެވެ.

"އަހަންނެއް ނުވިސްނަން." ބަންޑުންޖެހިލަމުން ވިލްދާން ބުނެލިއެވެ.

ވެއިޓަރު ހޫނު ދެ ކޮފީތަށި ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ. މޭޒުމަތީގައި ހުރި ދަޅު ތެރެއިން ހަމީދު ދެ ހަކުރު ޕަކެޓު ނެގުމަށް ފަހު އެއް ޕަކެޓު ވިލްދާނަށް ދިއްކޮށްލިއެވެ. ވިލްދާން އެއަކު ނުހިފައެވެ. ދުރަށް ނަޒަރު ހުއްޓައިލައިގެން އިނީއެވެ. ހަމީދު މަޑުމަޑުން ވިލްދާންގެ ޖީބަށް ހަކުރު ޕަކެޓު ވައްޓައިލިއެވެ. ވިލްދާން ކުޑަކޮށް ސިއްސައިގެންދިޔައެވެ.

"ކީއްތިކުރީ؟" ހަކުރު ޕަކެޓު ނަގަމުން ވިލްދާން ބުންޏެވެ.

"ޝުކުރުކޮށްބަލަ ޕެކެޓު ކަނޑާލާފަ ޖީބަށް އޮއްސާނުލިކަން،" އަތުގައިއޮތް ހަކުރު ޕަކެޓު ކަނޑައިލަމުން ހަމީދު ބުންޏެވެ. "ކިހިނެއްވެގެން ލޯޑިން އަރާފަ ތި އިންނަނީ؟"

ވިލްދާން ހަކުރު ނާޅާ ކޮފީތަށިން އެތިފޮދެއް ރަހަބަލައިލިއެވެ. ހަމީދަކީ ވިލްދާންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއްވެސް ކަމެއް އޭނަޔާ ހިއްސާކުރާކަށް ވިލްދާން ޖެހިލުމެއް ނުވެއެވެ. ކޮންމެވެސް ކަހަލަ ރަނގަޅު ހައްލެއް ހަމީދު ހޯދައިދީފާނެކަމަށް ބަލައިފައި، އަކުރުން އަކުރަށް ވީ ގޮތް ވިލްދާން ކިޔައިދިނެވެ.

"މަލްސާއަކީ އެ ކަހަލަ ކުއްޖެއްތަ؟" ހަމީދު ސުވާލުކުރިއެވެ. "އެހެން ނޫނަސް ކޮންމެހެން ކީއްކުރަން ފިންގަޕްރިންޓް ލޮކެއް ލާންވީ؟ އޭނައަށް ވެސް އެނގޭނެ ދޯ ދަރިފުޅު ފޯނު ނުހުޅުވުނީމަ ދެން ދާނީ ކަލޭ ކައިރިއަށްކަން. އޭރުން ފަނިވާނެކަން. މާ ރަނގަޅެއްނު ހުރި އެއްޗެއް ޑިލީޓުކޮށްލިއްޔާ. އެއްޗެއް ހުއްޓެކޭ ނޫން މި ބުނީ."

"ތީ ވެސް ތެދެއް،" ވިލްދާން ބޯޖަހައިލައިފައި ބުންޏެވެ. "ދެން ކީއްކުރަންހޭ ލޮކްކުރީ؟ އޭނަ އެ އުޅެނީ އަހަރެން ލައްވާ ޝައްކުކުރުވަންތަ؟"

"މަށަށް ކިހިނެއް އެނގެނީ؟" ހަމީދު ބުންޏެވެ. "އޭނަ ކައިރީގަ އަހާބަލަ!"

މެންދުރު ކާން ގެއަށް ގޮސްފައި ވެސް އެ ވާހަކަ އަހާކަށް ވިލްދާނަކަށް ނުކެރުނެވެ. ޝައްކުކުރަނީހެން މަލްސާއަށް ހީވެދާނެތީއެވެ. ވިލްދާނާ އެކުގައި މަލްސާ ކާން އިން އިރު ވެސް، އިރުއިރުކޮޅާ މަލްސާ ފޯނަށް ބަލައިލައެވެ. އެއީ ކުރިން ވެސް މަލްސާ ކުރާ ކަމެކެވެ. އެ ކަމާ ވިލްދާން ކުރިން ވެސް ސުވާލެއް ނުކުރެއެވެ. ޗެޓުން ވާހަކަދައްކަނީ ކާކާތޯއެއް ނާހައެވެ. ވީމާ، ކުއްލިއަކަށް އެ ސުވާލު ކޮށްފިއްޔާ ދެން ވާނީ ކިހިނެއްބާއޭ ވިލްދާން ހިތަށްއެރިއެވެ. ވިލްދާން ގަސްތުކުރީ މަލްސާއަށް ނާންގާ އެ ފޯނު ފާސްކުރާށެވެ.

މަލްސާގެ ފޯނަށް ވިލްދާން ފާރަލާން ފެށިއެވެ. ހޭލީއްސުރެ އެންމެ މިނެޓަކަށް ވެސް މަލްސާ ފޯނު ދޫކޮށެއްނުލައެވެ. ކޮންމެ ތާކަށް ދިޔަސް ދަނީ ފޯނު ހިފައިގެންނެވެ. މަލްސާ ދުވަހަކު ވެސް ފޯނު ހިފައިގެން ފާހާނާއަކަށް ނުވަދެއެވެ. ވިލްދާން މަސައްކަތްކުރީ އެ ދަނޑިވަޅު އަތުޖެހޭތޯއެވެ. ފޯނު ތަޅުނުލެވެނީސް މަލްސާ ފާހާނާއަށް ވަދެގެން ނޫނީ ވިލްދާންގެ މަސައްކަތް ކާމިޔާބެއް ނުކުރެވޭނެއެވެ. މަލްސާ ވަރަށް ކުޅަދާނައެވެ. ކިތަންމެ ކުޑަ އިރުކޮޅަކަށް ފޯނު ދޫކޮށްލިޔަސް ފޯނު އޮންނަނީ ތަޅުލައިފައެވެ.

ވިލްދާން އިންތިޒާރުކުރީ އެ ފޯނުން ދަރިފުޅު ގޭމުކުޅެން އިންނަ، މަލްސާ ކައިރީގަ ނީންނަ ދަނޑިވަޅަކަށެވެ. އެ ދަނޑިވަޅެއް ވެސް ނައެވެ. އެހެންޏާ ނުވާ ވަރަށް މަލްސާގެ ފޯނަށް މަލްސާ ފާރަވެރިވާކަން ވިލްދާނަށް ފާހަގަކުރެވުނެވެ. ދަރިފުޅު ގޭމުކުޅެން އިންހާ އިރު މަލްސާ އިނީ ދަރިފުޅު ކައިރީގައެވެ. ވިލްދާން ނިންމީ ތިންވަނަ މަގު އިހުތިޔާރުކުރާށެވެ. އެއީ އެންމެ އުނދަގޫ އެންމެ ނުރައްކާތެރި މަގެވެ. އެހެން ވިޔަސް، އެ ކަން ކޮންމެވެސް ކޮޅެއްގައި ޖައްސަން ވިލްދާން ބޭނުންވިއެވެ.

ގަޑިން ރޭގަނޑު އެގާރަގަޑި ބައިވިއެވެ. ނިދިކަމަށް ހަދައިގެން އޮތް ވިލްދާން އޮތީ ހޭލައެވެ. މަލްސާގެ ގުގުރީގެ އިންތިޒާރުގައެވެ. ވިލްދާނާއި މަލްސާއަކީ އެއްވަރަށް ގުގުރިދަމާ ދެމީހުންނެވެ. އެ ރޭ ބާރަޖެހި އިރު ވެސް މަލްސާ ގުގުރިއެއް ނުދެމިއެވެ. އެ ކަމާ ވިސްނަން އޮއްވައި އުންމީދުކުރި މިޔުޒިކު އިވެން ފެށިއެވެ. ވިލްދާން އިރުކޮޅަކު އޮތުމަށް ފަހު މަޑުމަޑުން ތެދުވިއެވެ. މަލްސާގެ ފޯނު ހިފައިގެން އައިސް އިނގިލި ޖައްސައި ފޯނު ހުޅުވުމުށް ފަހު ހާވަން ފެށިއެވެ. އެއް ފަހަރު ފޯނަށް ބެލިއްޔާ އަނެއް ދެ ފަހަރު މަލްސާއަށް ބަލަމުންނެވެ. މަލްސާގެ މެސެޖުތަކުގެ ތެރޭގައި ޝައްކުވާ ކަހަލަ އެއްވެސް މެސެޖެއް ނެތެވެ. ގުޅައިފައި ހުރި ނަންބަރުތަކަށް ބެލުމުން ވެސް ނުކިއްސަރު ކަމެއް ފާހަގައެއް ނުވިއެވެ. ފޮޓޯތައް ބަލަން ފެށިއެވެ. ފޮޓޯ ހުރި ފޯލުޑަރުގެ ތެރެއިން އެކަތީގައި، އިނގެރޭސިން "ލަވް" ޖަހައިފައި އޮތެވެ. އެ ވަގުތު ވިލްދާންގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ.

"ފެނިއްޖެ؟" މަލްސާ ބުނި އަޑު އިވުނެވެ.

ނުނިމޭ