30 ނޮވެމްބަރ 2021 - 19:44

ފުލުހުންގެ އިދާރީ ހިންގުމަށް މާދަމާއިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.
މި ފަހުން އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެ އިދާރާގެ ހިންގުން އަންނަނީ ހަރުދަނާކުރަމުންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އިދާރީ ހިންގުމުގެ ތެރެއިން މާދަމާއިން ފެށިގެން އެންމެ ބޮޑު ބަދަލެއް އަންނާނީ ޓްރެފިކް ޕޮލިހާއި މާލޭގެ އަވަށްތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަން (ވިލީ ޕޮލިސް) ތަކަށެވެ.
ޓްރެފިކް ޕޮލިސްގެ ނަން "ރޯޑް ޕޮލިސް" ގެ ނަމަށް ބަދަލުވެގެންދާނެ އެވެ. އަދި އެކި ސަރަހައްދުތަކުގައި ހިންގާ ކުދި ކުށްތައް، ޕޮލިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރުމުގެ ބަދަލުގައި ތަހުގީގުކުރާނީ އެ ސަރަހައްދެއްގެ ޕޮލިސް ސްޓޭޝަނަކުންނެވެ.
ނަމަވެސް ކޮންމެ ޕޮލިސް ސްޓޭޝަނަކަށް ވެސް މައްސަލަ ހުށަހެޅޭނެ އެވެ.
މިކަމާ ގުޅޭގޮތުން ރަސްމީކޮށް ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކުރީ ފުލުހުންގެ މުއައްސަސާއަށް އިސްލާހީ ބަދަލުތައް ގެނައުމަށެވެ. އެ ގާނޫނާ އެއްގޮތަށް މުޅި މުއައްސަސާގެ ކަންކަން ބަދަލުކުރާނެ ކަމަށް ފުލުހުންގެ ލީޑަޝިޕުން އޮތީ ޔަގީންކަން ދީފަ އެވެ.