30 ނޮވެމްބަރ 2021 - 18:01

ތިމާވެއްޓާ ރައްޓެހި މިނީ ބަހާއި ޗާޖިން ސްޓޭޝަން ގާއިމްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އަދި ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާ އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޝައުނާ ވިދާޅުވީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ ހިލޭ އެހީގެ ދަށުން އިލެކްޓްރިކް މިނީ ދެ ބަސް ގަނެ ޗާޖިން ސްޓޭޝަނެއް ގާއިމްކުރާނެ ކަމަށެވެ. އެއީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ނެޓްޒީރޯގެ އަމާޒަށް ވާސިލްވުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ސަސްޓެއިނަބްލް ޓްރާންސްޕޯޓު ސިސްޓަމެއް ގާއިމްކުރުމަށާއި ހުޅުމާލޭގައި އެހެން މީހުންނަށް ވެސް ބޭނުންކުރެވޭ ބައިސްކަލް ސްކީމެއް ގާއިމްކުރަން ވަނީ ނިންމައިފަ އެވެ.
ޝައުނާ ވިދާޅުވީ އެ ސްކީމުގައި 200 ބައިސްކަލް ހިމެނޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށާއި އަޅުގަނޑުމެން މިހާރު އެއަށް ބަރޯސާވާ ސައިކަލާއި ކާރު ނޫން އެހެން އުޅަނދަަކަށް އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބޭނުންކުރުމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް މި ފަށައިގަންނަނީ،" އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވީ އޭނާއަށް އެންމެ ގިނަ ސުވާލު އަމާޒުވަނީ ވެސް މިނީ ބަހާ ގުޅޭގޮތުން ކަމަށެވެ. ނަމަވެސް ބަޖެޓުގެ ދަތިކަމާ ހެދި އެކަން ވެގެން ނުދިޔައީ ކަމަށާއި އޭގެ ފެށުމެއްގެ ގޮތުން ހިލޭ ދެ ބަސް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ތިމާވެއްޓާ ރައްޓެހި ބަސްތަކެއް ގެނައުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ފިނޭންސް މިނިސްޓްރިއާ ވެސް އިއްޔެ ބައްދަލުކުރައްވައިފަ އެވެ.