30 ނޮވެމްބަރ 2021 - 19:06

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާގެ ހަގީގަތް އެ މަނިކުފާނަށް އެނގޭނެ ފަދަ ހެކިތަކެއް ދައުލަތުން ހުށަހެޅި ނަމަ މަނީ ލޯންޑަރިންގެ ކުށުގައި އެ މަނިކުފާނަށް ކުރި ހުކުމުގެ އިސްތިއުނާފުގެ ހުކުމުގެ ރައުޔު ތަފާތުވީސް ކަމަށް، ޔާމީން މިނިވަންކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރި ނަމަވެސް، މިއަދު ސުޕްރީމް ކޯޓުން ނިންމީ އެ ހުކުމް ބާތިލް ކަމަށެވެ.
މަނީ ލޯންޑަރިންގެ ގާނޫނުގައި އޮންނަނީ ވަކި މުދަލަކީ ނުވަތަ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކުކުރެވޭ ހާލަތުގައި ވެސް އެ ފައިސާ އަތުގައި ބެހެއްޓުމަކީ މަނީ ލޯންޑަރިން ކަމަށެވެ.
"އެކައުންޓަށް ޖަމާވި ފައިސާގެ އަސްލު ހަގީގަތް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެނގޭނެ ހެކިތަކެއް ޝަރީއަތަށް ހުށަހެޅިފައިހުރި ނަމަ، ނުވަތަ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކުތަކުން އަމަލުކުރަންޖެހޭ ގަވާއިދާ އެއްގޮތަށް ބޭންކްތަކުން އަމަލުކޮށްފައިވާ އިޖުރާއަތުގެ ތެރޭގައި މާލީ އިދާރާތަކުގައި ރެކޯޑުކުރެވިފައި ހުންނާނެ ކަމަށް ގަބޫލުކުރެވޭ މި ބުނެވުނު ޒާތުގެ ހެކި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ހުށަހެޅިފައިވީނަމަ، އަހުރެންގެ މި ރައުޔު ތަފާތުވީހެވެ." މިއަދު ތިން ގަޑިއިރުން އިއްވި 131 ސަފުހާގެ ހުކުމުގައި އަނެއް ދެ ފަނޑިޔާރުން އިއްތިފާގުވި، ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވި އެވެ.
ޔާމީނަށް ކުރި ހުކުމް ބާތިލު ކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، އެމްއެމްޕީއާރްސީން އެސްއޯއެފަށް ޖަމާކުރި ޗެކުގެ ނަންބަރާއި ބޭންކް ސްޓޭޓްމަންޓުން ފެންނަ ނަންބަރާ ތަފާތުވެފައި ވާއިރު އެއީ ކޮން ފައިސާއެއްކަން ކަށަވަރު ކުރުމަށް އެކަށީގެންވާ ވަރަށް ތަހުގީގު ކޮށްފައެއް ނުވެ އެވެ.
"މި މައްސަލައަށް ބަލާއިރު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާވި އެއް މިލިޔަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަން ކަށަވަރެއް ނުވެ އެވެ. އެ ފައިސާ ޖަމާވެފައިވަނީ އެސްއޯއެފް ކިޔާ ކުންފުންޏަކުންނެވެ. މި މައްސަލައިގައި ކުރެވިފައިވާ ތަހުގީގުގައި އެ ކުންފުންޏާ ގުޅޭ ތަހުގީގެއް އެދެވޭ ގޮތުގައި ކޮށްފައިވާކަމުގައި ނުބެލެވެ އެވެ."
ދައުލަތުގެ މައްސަލަތައް ވެސް ހުކުމުގައި ފާހަގަ ކުރި އެވެ. އެ ފައިސާގެ އަސްލު ހޯދަން ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފު (މޮހޯ) އަދި މ. ލޭންޑްއޮފްގާޑްން، އަހުމަދު އިޝްފާހް އަލީގެ ހެކިބަަސް ކްރިމިނަލް ކޯޓުން ނުނެގުމުން، އެ މީހުންގެ ހެކިބަހަށް އެ ކޯޓުން ބުރަދަނެއް ހޯދަން މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރި އެވެ. އެގޮތަށް މަސައްކަތް ކުރި ނަމަ އެއީ އިސްތިއުނާފީ މަރުހަލާގައި ދައުލަތަށް ފަހި ނުކުތާއެއްގެ ގޮތުގައި ފާހަގަ ކުރެވޭނެ ކަމަށް ހުކުމުގައި ވެ އެވެ.
ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ޝަފަހީ ދެ ހެކިންނަކީ އެ މީހުންގެ ހެކިބަހަށް ބުރަދަނެއް ދިނުމަށްޓަކައި އިތުރު ހެކި ބޭނުންވާ ދެ މީހުންކަމުގައި ވާއިރު، އެފަދަ ހެކިތަކެއް މި މައްސަލައިގައި ހުށަހަޅާފައި ނުވާކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ.
ޗެކު ނަމްބަރުތަކުގައި ފުށުއެރުންތަކެއް ހުރެގެން މުޅި މައްސަލަ ބާތިލު ކުރި އިރު މިއީ ދަށު ކޯޓުގައި މައްސަލަ ބެލި އިރު އަދި ހައި ކޯޓުން ވެސް މައްސަލަ ބެލި އިރު ފާހަގަކުރެވިފައި އޮންނަން ޖެހޭ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
މި ހުކުމާ އެކު މިވަގުތު ޔާމީން މިިނިވަންވި ނަމަވެސް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެހެން ދެ މައްސަލައެއްގައި ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާ ދަށު ކޯޓުގައި އެބަ އޮތެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތަކީ ފަނޑިޔާރު މަހާޒެވެ.