އުފާވެރި ހިތާމަ
އުފާވެރި ހިތާމަ

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

"އަދިވެސް ހިތް ނުފުރެނީތަ؟" އަނެއްކޮޅުން ފޯނު ނެގުމާއެކު އަހަރެން ހަޅޭއްލަވައިގަތީމެވެ. "ނާއްޕެއަކީ މިހާރު މަގޭ ހަސްބަންޑެއް ނޫނޭ. މަގޭ އެއްވެސް މީހެއް ނޫން. މަށަށް ވަރިހަމަ އޭނަ ކޮންމެ މީހަކާ އިނަސް. ދައްތަ ހުރިހާ ފަންޏެއްހަދާފަ، މަ ވަރިކުރުވާފަ، އެހެން މީހަކާ ނާއްޕެ މެރީ ވެސް ތި ކުރުވީ. މިހާރު ދެން ނެތެއްނު މަ ރުޅިއަރުވަން ކިޔާނެ އެއްޗެއް ވެސް. ކިތައް އަހަރުތަ މި ވީ؟ ތިން އަހަރާ ބައި. މަ އަދިވެސް މިހިރީ ސިންގަލްކޮށޭ، މަރުވަންދެން ވެސް ހުންނާނީ މިހެން."

ހުރިހާ އެއްޗެއް ފައްޗަކަށް އަމުނައިލީމެވެ. ގާތުން ހިނގައިފައިދިޔަ މީހުންނަށް ވެސް އަޑު އިވޭ ވަރަށެވެ. އެއްޗެއް ބުނަން ރިފާއަކަށް ފުރުޞަތެއް ނުދެމެވެ. އެއީ އެ ގޮތަށް ރިފާޔާ ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. އަހަރެންގެ ހިތުގައިވާ ހުރިހާ އުދާހެއް ބޭރުކޮށްލެވުނު ނަމައޭ ފަހުން ހިތަށްއެރިއެވެ. މާ އަވަހަށް އަހަންނަށް ރޮވުނީއެވެ. ރިފާއަށް އެ ކަން ވިސްނުމުގެ ކުރިން ފޯނު ކަނޑައިލަން މަޖުބޫރުވީއެވެ. ފޯނު ނިއްވައިލައިފައި ދަބަހަށް ލީމެވެ. ހުރިހާކަމެއް ހިނގީ އޮފީހުން ގެއަށް އައި މަގުމަތީގައެވެ. އަވި ގަދަ ދުވަހެކެވެ. އަހަރެން ބަލާ ބޭބެއަކަށް ނާދެވުނެވެ. ނާދެވުނީކީ ނޫނެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިފައި ގަސްތުގައި އޭނަ ނައީއެވެ. ވަކި ހިސާބަކަށް ގޮސްފައި ހިތަށްއެރިއެވެ. ގެއަކަށް ނުދާނަމެވެ. ގޮއްސިއްޔާ ހުރިހާ ރުޅިއެއް އޮއްސައިލެވޭނީ ފުރަތަމަ ފެންނަ މީހެއްގެ ބޮލަށެވެ.

ކޮފީޝޮޕަކަށް ވަދެ، ވީހާ ވެސް އެކަހެރި މޭޒެއް ކައިރީގައި އިށީނީމެވެ. ކަޅު ކޮފީއަކަށް އެދުނީމެވެ. މާޒީއާ މެދު ވިސްނާކަށް ބޭނުމެއް ނޫނެވެ. ނުވިސްނައެއް ނީނދެވުނެވެ. ފިރިހެނުންނަކީ ކޮންކަހަލަ ބައެއް ހެއްޔެވެ؟ އެ މީހުން އެންމެ މޮޅަށް ކުރާ ކަމަކީ ދޮގުހެދުމެވެ. ވަކި މީހެއް ނޫނެވެ. ކުރީގެ ފިރިމީހާއެވެ. އެ ހިސާބުން ނިމުނީކީ ނޫނެވެ. އަހަރެންގެ ބައްޕައަކީ ވެސް ދޮގުހަދާ މީހެކެވެ. ބޭބެ އާއި ފިރިހެން ކޮއްކޮ ވެސް ދޮގުހަދަން ވަރަށް ކުޅަދާނައެވެ. އަހަންނަށް ފެންނަ ހިސާބުގައި އެއްވެސް ފިރިހެނަކު ނޫޅޭނެ ނަމައޭ ހިތަށްއެރިއެވެ. އެފްބީގައި އަހަންނާ ދިމާއަށް ކޮންމެވެސް އެއްޗެއް ނާފިޢު ބުނެނުލާ ދުވަހެއް ނުދެއެވެ. އަހަރެންގެ މާތްކަން ވެސް ހިސާބަށް ވުރެ ބޮޑީއެވެ. ނާފިޢުގެ ނަން، އަހަރެންގެ އެފްބީ ޕޭޖުން ފުހެނުލާންވީ ކީއްވެގެން ހެއްޔެވެ؟ އައި ރުޅީގައި ފޯނު ނެގިއިރު ފޯނު އޮތީ ނިއްވައިލިގޮތަށެވެ. ފޯނު ޖެއްސީމެވެ. އައިންތުގެ ފަސް މެސެޖު ފުލުފުލުގައި އައެވެ. އައިންތަކީ، އެއްބަނޑުއެއްބަފާ ކޮއްކޮއެވެ. އަހަރެންދެކެ އެންމެ ލޯބިވަނީ އޭނައެވެ. ގެޔަށް އައުން ލަސްވެއްޖެއްޔާ އޭނަ ގުޅާނެއެވެ. އައިންތުއަށް ގުޅައިލީމެވެ.

"ރިފާ ގުޅީތަ؟" އަހަރެން ސުވާލުކުރީމެވެ. "ކީކޭ ކިއީ؟"

"މަށަކަށް ނުގުޅާ،" އައިންތު ހުރީ ވަރަށް ހަމަޖެހިފައެވެ. "ދޮންތަ ކީއްކޮށްގެން ތި އުޅެނީ؟ އޭނައަށް ސަޔެއް ދިނީތަ؟"

"އޭނަ މަށަށް ގުޅައިގެން އެއްކަލަ ފާޑަށް ދިމާކުރަން ފެށީ،" އަހަރެންގެ ރުޅިގަނޑު އޭރު ވެސް މައިތިރިއެއް ނުވެއެވެ. "ދެ ފަހަރަށް ގުޅާފަ ބޭއްވީމަ މަ ކުރިކަމަކީ ގުޅާފަ ހެޓަކަށް ހަޅޭއްލަވައިލީ. އެހެންޏަ! އޭނައަށް ހަޅޭއްލެވެންޏާ މަށަށް ވެސް ލެވޭނެއްނު."

އައިންތު ހޭންފެށިއެވެ. އަހަރެން ކުރާ އެއްވެސް ކަމެއް އައިންތަކަށް ގޯހެއް ނުވާނެއެވެ. ލޯތްބަކީ އެއީއެވެ. އިރުކޮޅަކުން ގެއަށް ދާން އެއްބަސްވެފައި ފޯނު ބޭއްވީމެވެ. ނުދަންނަ ނަންބަރަކުން ވެސް އަހަންނަށް މެސެޖެއް އައިސްފައި އޮތެވެ. އެ ވަގުތު ވެސް ހިތަށްއެރިއެވެ. އެ ވާނީ ރިފާއަށެވެ. މެސެޖު ނުކިޔާ އަހަރެންގެ ރުޅިގަނޑު ކައްކަން ފެށީމެވެ. އަހަންނާ ދިމާއަށް އޭނަ ބުނާ ކޮންމެ އެއްޗަކަށް ހަތަރެތި ބުނާނެ ހިތްވަރު ލިބެންދެނެވެ. ދެން މެސެޖަށް ފިއްތައިލީމެވެ.

"ލިބިގެން ތި އުޅޭ ހިތާމައިގަ އަހަރެން ވެސް ބައިވެރިވަން،" އިމްރާން ފޮނުވި މެސެޖުގައި އިނގެރޭސިން ލިޔެފައި އޮތެވެ. "އެކަމަކު ނުބައި ނަންބަރަކަށް ތި ގުޅުނީ. މީ ދައްތައެއް ނޫން. އަންހެނެއްގެ ނަންބަރެއް ވެސް ނޫން."

މެސެޖު ނިންމައިފައި އިމްރާންގެ ނަން ޖަހައިފައި އޮތެވެ. އޭގައި ބުނެފައިވާ އެއްޗެއް، އެންމެ ފުރަތަމަ އަހަންނަކަށް ނުވިސްނުނެވެ. ހިތަށްއެރިއެވެ. އަހަރެން ނުބައި ނަންބަރަކަށް ނުގުޅަމެވެ. ފޯނު ނިއްވައިލައިފައި އޮންނަތާ ކިތަންމެ އިރެކެވެ. އިމްރާންގެ ފޯނަށް އަހަރެން ނުގުޅާ ވާހަކަ މެސެޖެއްގައި ލިޔެލީމެވެ. އެކަމަކު މެސެޖު ފޮނުވާހިތެއް ނުވިއެވެ. ފިރިހެނުންގެ ގޮތް އެނގޭތީއެވެ. ފުރަތަމަ ގުޅާނީ އޮޅިގެންނެވެ. އެ އަށް ޖަވާބު ދީފިއްޔާ ކަންތަކާ ޖެހުނީއެވެ. އެއްވެސް ފިރިހެނަކާ ވާހަކަދައްކާހިތެއް ނެތެވެ. ކުއްލިއަކަށް އެ ނަންބަރަށް ސަމާލުކަން ދެވުނެވެ. އިމްރާންގެ ނަންބަރާއި ރިފާގެ ނަންބަރާ ވަރަށް އެއްގޮތެވެ. ތަފާތީ އެންމެ ނަންބަރެކެވެ. ކުރެވުނު މޮޔަކަންތައް ވިސްނުނީ އެ ހިސާބުންނެވެ. ރިފާކަމަށް ހީކޮށް އަހަންނަށް ގުޅުނީ އިމްރާނަށެވެ. އެ ވަރުން ވެސް، އިމްރާންގެ ފަރާތުން މާފަށް އެދޭހިތެއް ނުވިއެވެ.

"ހުރިހާކަމެއް އޯކޭތަ މިހާރު؟" އަނެއްކާ ވެސް އިމްރާންގެ މެސެޖެއް ލިބުނެވެ.

އަހަރެން ޖަވާބެއް ނުދެމެވެ. ގެއަށް ވަންއިރު ގެއަކު ކަރަންޓެއް ނެތެވެ. އަނެއްކާ ވެސް ގެއިން ނުކުތީމެވެ. އެ ހޫނުގައި ކެތް ނުވާނެތީއެވެ. ފޯނު ރަނގަބީލުވާން ފެށިއެވެ. އެއީ އިމްރާންގެ ކޯލެކެވެ. ހީކުރި ގޮތް ވީއެވެ. ފޯނުގެ ރަނގަބީލުގެ އަޑު ކަނޑައިލީމެވެ. އެކަމަކު ފޯނު ނެގީމެވެ.

"ކިހާ ބޮޑު އުނދަގުލެއް،" އަހަރެން ބުނީމެވެ. "އެނގިއްޖެއްނު މަށަށް އޮޅިގެންކަން ގުޅުނީ."

"ސޮރީ އިނގޭތޯ،" އިމްރާން ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ތި ނަންބަރުން ތިން ފަހަރަށް ގުޅާފައޮތީމަ ގުޅާލީ. ސޮރީ."

އިމްރާން ފޯނު ކަނޑައިލިއެވެ. އަހަރެން ފޯނު ބަލައިލީމެވެ. އިމްރާންގެ ނަންބަރަށް ތިން ފަހަރު "ފިތިފައި" އޮތެވެ. އަހަންނަށް ނޭނގިއެވެ. އަހަންނަކީ ވަރަށް ހަނދާން ގަދަ މީހެކެވެ. މުޅީން ވެސް ފޯނު ކުރަނީ ނަންބަރު ޖަހައިގެންނެވެ. އޮޅިގެން އިމްރާނަށް ގުޅުނީ އެއް ނަންބަރު ނުބައިކޮށް ޖެހިގެންނެވެ. އެއީ ދުވަހަކު ވެސް ވީ ކަމެއް ނޫނެވެ. އެއްވެސް ކުށަކާނުލައި ދެ ފަހަރަށް އިމްރާނަށް ހަޅޭއްލެވުނީއެވެ. އަހަންނާ ދިމާއަށް ރިފާ ވެސް އެއްޗެހިކިޔަނީ އަހަރެންގެ ކުށެއް ނެތީހެވެ. ވީއިރު، އޭނަޔާ އަހަރެންގެ ތަފާތަކީ ކޮބައިހެއްޔެވެ؟ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. މީހުން ބުނެއެވެ. ތިމާ ރުޅިއަންނަ މީހާ ތިމާއަށް ކަންތައް ކުރާ ގޮތަށް، ތިމާއަށް ވެސް އެހެން މީހުންނަށް ކަންތައް ކުރެވޭނެއެވެ. މަޑުމަޑުން އަހަރެން ކިހާ ބަދަލުވެއްޖެ ހެއްޔެވެ؟ ރުޅި ގަދަވެއްޖެއެވެ. މާފަށްއެދޭކަށް ބޭނުމެއް ނުވެއެވެ. ކުރިން އަހަންނަކީ އެ ކަހަލަ މީހެއް ނޫނެވެ. އަހަންނަށް އަހަރެން ގެއްލުނީއެވެ.

ކަށީގައި ހިފައިފައިވާ އާދައަކާ ދުރަށް ދިޔުމަކީ ފަސޭހަކަމެއް ނޫނެވެ. ކިތަންމެ ބޭނުންވިޔަސް ވެހެވެ. އަހަރެން ޖެހުނީ އަހަންނަށް ވާން އަލުން ދަސްކުރާށެވެ. ކަންދިމާކުރި ގޮތުން، އިމްރާނަށް އެއްޗެހިކިޔުނު ދުވަހާ ޖެހިގެން އައި ދުވަހު، ރިފާ އެކްސިޑެންޓެއް ވިއެވެ. މާ ބޮޑު އަނިޔާއެއް ނުވެއެވެ. ހޮސްޕިޓަލުގައި އެޑުމިޓެއް ވެސް ނުކުރެއެވެ. ޓީޗަރެއް ކަމުގައި އަހަރެން ބެލީ، އަހަރެން އެންމެ ފޫހިވި މީހާއެވެ. އަހަރެންދެކެ އެންމެ ރުޅިއަންނަ މީހާއެވެ.

"އަވަސް ޝިފާއަކަށް އެދެން." އިނގެރޭސިބަހުން މެސެޖެއް ލިޔެފައި ފޮނުވައިލީމެވެ.

ރިފާގެ ޖަވާބެއް ނާދެއެވެ. އަންނާނެކަމަކަށް އަހަރެން އުންމީދެއް ވެސް ނުކުރަމެވެ. އެ ކަމަކީ، ރިފާގެ އެކުވެރިކަމުގެ ބޭނުމުގައި ކުރި ކަމެއް ނޫނެވެ. އޭނަގެ ހަމްދަރުދީ ބޭނުންވެގެން ކުރި ކަމެއް ވެސް ނޫނެވެ. އަހަރެންގެ ސިކުނޑިއަށް ލުޔެއް ހޯދަން ކުރި ކަމެކެވެ. އެ ލުއި ލިބުނެވެ. ދެވަނަ މެސެޖެއް ފޮނުވީ އިމްރާނަށެވެ.

"ސޮރީ!" އަހަރެން ހަމައެކަނި ލިޔުނީ އެހެންނެވެ.

"ކަމެއް ނެތިއްޔާ އާދެބަލަ ލައިބްރަރީއަށް،" އިމްރާންގެ މެސެޖެއް ލިބުނެވެ. "ހެލްޕެއް ބޭނުން."

އޮފީސް ނިންމައިފައި ދަމުން ލައިބުރަރީއަށް ވަދެލީމެވެ. އިމްރާން އުޅެނީ ފޮޓޯ މައުރަޒެއް އިންތިޒާމު ކުރުމުގެ މަސައްކަތުގައެވެ. އަހަރުމެން ދެ މީހުން ފުރަތަމަ ބައްދަލުވި ގޮތަކީ އެއީއެވެ. ދެ މީހުން ދިމާވުމުން، ވާހަކަދެއްކުމުގެ ބަދަލުގައި ދެ މީހުން ވެސް ފެށީ ހޭށެވެ. އެއީ ބީރައްޓެހިކަމެއް ނެތް، މާނައިން ފުރިގެންވީ ވަގުތުކޮޅެކެވެ. އަލަށް ދިމާވި ނަމަވެސް، އަހަރެންގެ ހިތަށް 'ފިނިކަމެއް' އިހުސާސް ކުރެވުނެވެ. ފޯނުކޯލުގެ ވާހަކަ އިމްރާނެއް ނާހައެވެ. ނާހާތީ އަހަރެން ވެސް ކިޔައެއް ނުދެމެވެ. އަހަރުމެންގެ ގުޅުން ފެށުނީ ދެ އެކުވެރިން ފަދައިންނެވެ. އެކަކުއަނެކެއްގެ އުސޫލުތަކަށާއި ބޭނުންތަކަށް އިޙުތިރާމުކުރާ ދެ އެކުވެރިންނެވެ. އަނެކާގެ މާޒީ ކޮނުމާއި، "ތަޙުޤީޤު" ނުކުރާ ރަޙުމަތްތެރިންނެވެ. ވެދާނެއެވެ. އަހަރެން ފަދައިން އިމްރާނަކީ ވެސް މާޒީގައި ހިތި ތަޖުރިބާތަކެއް ކޮށްފައިވާ މީހެކެވެ.

އިމްރާނަކީ، އުމުރުގެ ގޮތުން ބަލާއިރު އަހަންނަށް ވުރެ ހަ އަހަރު ދޮށި މީހެކެވެ. އެހެންނަމަވެސް، މިޒާޖު ދާދި އެއްގޮތެވެ. މާ ރީތި މީހެއް ނޫނެވެ. އޯގާތެރި، ހީވާގި މީހެކެވެ. ވަރަށް މުއްސަނދި މީހެކެވެ. ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވާއިރު ފަސް އަހަރުގެ ފިރިހެންކުއްޖަކު ވެސް ހުރެއެވެ. ފޮޓޯ ނެގުމަކީ އިމްރާންގެ ހޮބީއެކެވެ. ހިލޭސާބަހަށް މަސައްކަތް ކުރުމަށް އޭނަ ލޯބިކުރެއެވެ. އެކަކަށްއަނެކަކު ދަސްވަމުންދިޔަ ވަރަކަށް އަހަރުމެންގެ ޝައުޤުވެރިކަން އިތުރުވިއެވެ. އިމްރާން ވަރަށް ހެވެވެ. އަހަންނަށް ވަގުތު ދެއެވެ. އަހަރެން ދައްކާ ވާހަކަ އަޑުއަހައެވެ. ލަފާ ގަބޫލުކުރެއެވެ. އަހަރެން ދައްކާ ވާހަކައިގައި ވެސް ބުރަދަނެއް ހުންނަކަން، ފުރަތަމަ ފަހަރަށް އަހަންނަށް އިހުސާސްކޮށްދިނީ އިމްރާނެވެ. ކައިވެނިކުރަން ބޭނުންވާ ވާހަކަ ބުނެފައި ވެސް، ވިސްނާނެ ވަރަކަށް ވިސްނަން ވަގުތު ދިނެވެ. އަހަރުދުވަހަށް ފަހު އަހަރެން ދަޢުވަތު ގަބޫލުކުރީމެވެ.

އަހަރެން ވަރިކޮށްފައި ނާފިޢު ދިޔުމަކީ، އޭގެ އަސަރު އަހަރުތަކަކަށް ދެމިގެންދިޔަ ފުން ހިތާމައެކެވެ. ރިފާގެ ފަރާތުން އެ ހިތާމަ ދެ ގުނައަށް އިތުރުވިއެވެ. އެހެންނަމަވެސް، ރިފާ ކަހަލަ ފަހަރިއަކު ނުލިބުނު ނަމަ، އިމްރާން ކަހަލަ ފިރިއަކު އަހަންނަކަށް ނުލިބުނީހެވެ. ހިތާމައެއްކަމަށް އަހަންނަށް ހީވި ހާދިސާއަކީ، އުފާވެރި މަންޒިލެއް ކަނޑައެޅިފައިވާ ދަތުރެއްކަމެއް ކުޑަކޮށް ވެސް ހިތަކަށްނާރައެވެ. އެކަކުއަނެކަކާ ސަމާސާކޮށް، ބާލީހުން ތަޅާފޮޅައި ނިންމައިފައި ވަރުބަލިވެގެން އަހަރުމެން އޮށޯވެގެން ތިބިއިރު، އަހަރެންގެ ހިތް ތަކުރާރުކޮށް ބުނަމުންގެންދިޔައެވެ. ލޯތްބަކީ މިއީއެވެ. އުފަލަކީ މިއީއެވެ. ހިތްހަމަޖެހުމަކީ ވެސް މިއީއެވެ.

ނިމުނީ