ސްވިޒަލެންޑުގެ ހުރިހާ ރައްޔިތުންނަށް އަސާސީ މުސާރައެއް ދިނުމަށް ފާހެއް ނުވި
ސްވިޒަލެންޑުގެ ހުރިހާ ރައްޔިތުންނަށް އަސާސީ މުސާރައެއް ދިނުމަށް ފާހެއް ނުވި

ޒިއުރިކް (ޖޫން 5) - ސްވިޒަލެންޑުގެ ހުރިހާ ރައްޔިތުންނަށް ކޮންމެ މަހަކު ވެސް އަސާސީ މުސާރައެއް ދިނުމަށް ފެނޭތޯ ބެލުމަށް ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުން އެ ގޮތަށް ފާހެއް ނުވި އެވެ.

ސްވިޒަލެންޑުގެ ޖީއެފްއެސްގެ ލަފާ ކުރުންތަކުގެ އަލީގައި އެ ގައުމުގެ ޓީވީތަކުން ބުނެފައި ވަނީ އެންމެންނަށް ވެސް އަސާސީ މުސާރައެއް ދިނުމަށް ފެންނަ ކަމަށް ނެގި ވޯޓުގައި 78 ޕަސެންޓް މީހުން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށެވެ. ވޯޓަށް ހުށަހަޅާފައި ވަނީ ވަޒީފާ އަދާކުރިއަސް ނުކުރިއަސް އެ ގައުމުގެ ކޮންމެ މީހަކަށް މަހަކު ވަކި ވަރެއްގެ އެލަވަންސެއް ދިނުމަށެވެ. ވަކި އަދަދެއް ކަނޑައަޅާފައި ނުވި ނަމަވެސް މި ކަމަށް ލޮބީ ކުރި ފަރާތްތަކުން ބާރު އަޅާފައި ވަނީ ބޮޑު މީހަކަށް މަހަކު 2،500 ސްވިސް ފްރޭންކް (2،555 ޑޮލަރު) ދިނުމަށެވެ. އަދި ކުޑަ ކުއްޖަކަށް 625 ސްވިސް ފްރޭންކް ދިނުމަށެވެ. ސްވިޒަލެންޑަކީ މި ބާވަތުގެ ވޯޓެއް ނެގި ފުރަތަމަ ގައުމެވެ.

ސްވިޒަލެންޑުގެ ކޮންމެ މީހަކަށް އަސާސީ މުސާރައެއް ދިނުމަށް އެ ގައުމުގެ އެއްވެސް ސިޔާސީ ފަރާތަކުން ތާއީދުކޮށްފައެއް ނުވެ އެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް މި ކަމަށް ކެމްޕޭން ކޮށްފައެއް ނުވެ އެވެ. މި ވޯޓަށް އަހަން ޖެހުނީ މި ކަމަށް ތާއީދުކުރާ ފަރާތްތަކުން އެއްލައްކަ މީހުންގެ ސޮއި ހޯދައިގެން ޚިޔާލު ހޯދުމުގެ ވޯޓަކަށް ދާން އެދުމުންނެވެ.

ރައްޔިތުންނަށް އަސާސީ މުސާރައެއް ދިނުމަކީ ބައެއް ގައުމުތަކުން މިހާރު ތަޖްރިބާކުރަމުން އަންނަ ކަމެކެވެ. ފިންލޭންޑް ސަރުކާރުން މިހާރު ދަނީ އެންމެ މަދުން އާމްދަނީ ލިބޭ 8،000 މީހަކަށް ސަރުކާރުން ވަކި އެލަވަންސެއް ދިނުމަށް ވިސްނަމުންނެވެ. އަދި ހޮލެންޑުގެ ސިޓީއަކުން ވެސް ދަނީ މި ބާވަތުގެ ޕައިލެޓް ޕްރޮޖެކްޓެއް އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ތައްޔާރުވަމުންނެވެ.