އިނގިރޭސިންގެ ދަށުން ވަކިވެ ބާބެޑޯސް ޖުމްހޫރިއްޔަތަކަށް
އިނގިރޭސިންގެ ދަށުން ވަކިވެ ބާބެޑޯސް ޖުމްހޫރިއްޔަތަކަށް

ބްރިޖްޓައުން (ނޮވެމްބަރު 29) - އިނގިރޭސި ރަސްކަމުގެ ބާރުގެ ދަށުން ބާބެޑޯސް ޖުމްހޫރިއްޔަތަކަށް މިއަދު ބަދަލުވެއްޖެ އެވެ.

ކެރީބިއަންގެ ގައުމުގެ އެންމެ އިސްވެރިޔާގެ މަގާމުން އިނގިރޭސި ރާނީ އެލިޒަބަތު ވަކިވެ އެ ގައުމުގެ ރައީސްކަމާ ގަވަރުނަރު ޖެނެރަލް ޑޭމް ސަންޑްރާ މޭސަން މިއަދު ވަނީ ހަވާލުވެވަޑައިގެންފަ އެވެ.

"ރިޕަބްލިކް ބާބޮޑޯސް މިހާރު ވަނީ އަމިއްލަ ދަތުރު ފަށާފައި،" ބާބެޑޯސްގެ ފުރަތަމަ ރައީސްގެ ގޮތުގައި ދެއްވި ފުރަތަމަ ތަގްރީރުގައި މޭސަން ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ގައުމު ބޮޑެތި ހުވަފެންތައް ދެކެންޖެހޭނެ."

ބާބެޑޯސް ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ އުފާފާޅު ކުރުމުގެ ގޮތުން ބާބެޑޯސް އިން ވަނީ ކޮވިޑުގެ ކާފިއު އަށް ވަގުތީ ގޮތުން ލުއިދީފަ އެވެ.

އާބާދީގައި 285،000 މީހުން ހިމެނޭ އަދި ރީތި ގޮނޑުދޮށްތައް ލިބިފައިވާ ގައުމަށް އިނގިރޭސިންގެ ބާރުގެ ދަށުން މިނިވަންކަން ލިބިފައި ވަނީ 1966 ވަނަ އަހަރު އެވެ.