ލަންކާގައި ކައްކަން ބޭނުންކުރާ ގޭސް ސިލިންޑަރުތައް ގޮވަނީ
ލަންކާގައި ކައްކަން ބޭނުންކުރާ ގޭސް ސިލިންޑަރުތައް ގޮވަނީ

ކޮލަމްބޯ (ނޮވެމްބަރު 29) - ލަންކާގައި ކައްކަން ބޭނުންކުރާ ގޭސް ސިލިންޑަރުތައް ގޮވާ ބަދިގެތަކަށް ގެއްލުން ލިބޭ މައްސަލަތައް ބަލަން ފަށައިފި އެވެ.

ޕާލަމެންޓުގެ ބަހުސްގައި މެންބަރަކު ވަނީ މިފަދަ އެއް ހާދިސާއެއްގައި މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާ އަށް މިހާރު ވަނީ އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ފޮސިލް ފިއުލް އާއި އެހެން އަސާސީ ތަކެތީގެ ދަތިކަން ވަނީ ބޮޑުވެފަ އެވެ. ސަބަބަކީ ބޭރު ފައިސާގެ ރިޒާވް ދަށްވުމެވެ.

އިދިކޮޅު މެންބަރުން ޕާލަމެންޓުގައި ބުނެފައި ވަނީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީީ) ސިލިންޑަރުތައް ގޮވަނީ އަގުބޮޑު ބިއުޓޭންގެ ބަދަލުގައި އަގުހެޔޮ ބާވަތެއް ކަމަށްވާ ޕްރޮޕޭން މާގިނައިން ބޭނުންކޮށްފައި ހުރުމުގެ ސަބަބުންނެވެ. އެހެންވެ ގިނަ އަދަދެއްގެ ގޭސް ސިލިންޑަރުތައް ގޮވަމުންދާތީ ސަރުކާރުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ކޮންޒިއުމާ އެފެއާޒް މިނިސްޓަރު ލަސަންތާ އަލަގިޔަވަންނާ ޕާލަމެންޓުގައި ވިދާޅުވި އެވެ.

"މަދު ދުވަސްކޮޅެއްގެ ތެރޭގައި ގޭސް ފުޅި ގޮވުމުގެ ވަރަށް ގިނަ ހާދިސާތައް ހިނގާފައިވޭ،" އޭނާ ވިދާޅުވި އެވެ. "ކޮންމެ ދުވަހަކު 10-15 ބަދިގެ ގޮވާ މަންޒަރު ބަލާކަށް ނުތިބެވޭނެ. އެހެންވެ އެކަން ބަލަން އެންގީ."

ލަންކާގެ ކޮންޒިއުމާ އެފެއާޒް އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ ޕްރޮޕޭންގެ ނިސްބަތް އިތުރުވުމުން ސިލިންޑަރުގައި ޕްރޮޝަރު ބޮޑުވެ ލީކުވެގެން ގޮވަނީ ކަމަށެވެ. ލަންކާ ސަރުކާރުގެ ގޭސް އެޖެންސީ ލިޓްރޯ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ އެޖެންސީން ބުނެފައި ވަނީ ސިލިންޑަރު ގޮވަނީ ގޭސް ބޭނުންކުރުމުގައި ފަރުވާ ކުޑަވުމާއި އުނދުންތަކުގައި ހުންނަ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

ލަންކާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ގޭސް ސިލިންޑަރެއް ގޮވައިގެން 19 އަހަރުގެ އަންހެނަކު މިދިޔަ ހަފުތާގައި ވަނީ މަރުވެފަ އެވެ. އެކަމަކު ފުލުހުން ބުނެފައި ވަނީ އެ އަންހެން މީހާ މަރުވީ ގޭސް ފުޅިއެއް ގޮވައިގެން ނޫން ކަމަށެވެ.

ލަންކާގެ ފުރަތަމަ އޮއިލް ރިފައިނަރީ ވެސް މި މަހު ވަނީ ބަންދުކޮށްފަ އެވެ. މިއީ ވޭތުވެދިޔަ 52 އަހަރުތެރޭ އެ ތަން ބަންދުކުރި ފުރަތަމަ ފަހަރެވެ. ރިފައިނަރީ ބަންދުކުރީ ކްރޫޑް އޮއިލް އިމްޕޯޓްކުރާނެ ޑޮލަރު ނެތުމުގެ ސަބަބުންނެވެ. ޑޮލަރު ނެތުމުގެ ސަބަބުން ލަންކާ އިން ވަނީ ބައެއް ބާވަތުގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ބާވަތްތައް އިމްޕޯޓްކުރުން މަނާކޮށްފަ އެވެ. ލަންކާގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވީ އެހެންވެ އެވެ. ބައެއް ސުޕަމާކެޓްތަކުން ތަކެތި ވިއްކަނީ މީހަކަށް ވަކި މިންވަރަކަށެވެ. އަސާސީ ބައެއް ކާބޯތަކެތީގެ އަގު މި މަހު ކުރީކޮޅު ވަނީ ދެ ގުނަ މައްޗަށް ޖެހިފަ އެވެ.