01 ޑިސެމްބަރ 2021 - 07:48

ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާ ވެކްސިނުން ބޫސްޓާ ޑޯޒް ޖަހައިދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ދަމަނަވެށިން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ކޮވިޑު-19 ބޫސްޓާ ޑޯޒު ޖެހުމަށް އޮންލައިންކޮށް ނަމްބަރު ދޫކުރަން ފަށާފައިވާއިރު އެޗްޕީއޭ އިން ބުނީ އޭޑީކޭ އިން ބޫސްޓާ ޑޯޒް ޖަހަން ބޭނުން ނަމަ، އެޕޮއިންޓްމަންޓް ދޫކުރާނީ ކިއުބީ މެދުވެރިކޮށް ކަމަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލާއި ދަމަނަވެށިން ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހާ ނަމަ، އެޕޮއިންޓްމަންޓް ދޫކުރާނީ އެޗްޕީއޭގެ book.hpa.gov.mv އިންނެވެ.
އެޕޮއިންޓްމަންޓް ނުހައްދާ ގޮސްގެން މި ތަންތަނުން ބޫސްޓާ ޑޯޒް ޖަހައި ނުދޭނެ އެވެ. އެކަމަކު އެޕޮއިންޓްމަންޓަކާ ނުލައި އައިޖީއެމްއެޗުން ކޮންމެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އާ ދެމެދު ބޫސްޓާ ޑޯޒް ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނި ނަމަވެސް މިއަދު އެ ހޮސްޕިޓަލުން ވެސް އެގޮތަށް ވެކްސިން ޖަހައެއްނުދެ އެވެ.
ކޮވިޑްގެ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން މިހާރު އަންނަނީ ބޫސްޓާ ޑޯޒް ދެމުންނެވެ. މިހާތަނަށް 10،331 އަށްވުރެ ގިނަ މީހުން ބޫސްޓަ ޑޯޒު ޖަހާފައިވެ އެވެ.
މި ހަފްތާ ތެރޭގައި ސިއްހީ އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ އަދި އެއާޕޯޓްގެ ޕްރޮންޓްލައިން މުވައްޒަފުންނަށް ބޫސްޓާ ޑޯޒް ދޭން ފަށާނެ އެވެ. އިތުރު ކެޓަގަރީތަކަށް ބޫސްޓާ ޑޯޒު ޖަހަން ފަށާނީ ޑިސެމްބަރު މަހުގެ މެދު ތެރޭގަ އެވެ.
މިހާރު ބޫސްޓާ ޑޯޒް ޖަހައިދެމުން އަންނަ ކެޓަގަރީތަކުން ވީހާ ވެސް އަވަހަށް ބޫސްޓާ ޑޯޒް ޖެހުމަށް އެޗްޕީއޭ އިލްތިމާސްކުރާއިރު މިހާރު ވެސް 363،580 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.