އޮމިކްރޮންގެ ބިރަށް ލޮކްޑައުން ކުރާކަށް ނުޖެހޭ: ބައިޑަން
އޮމިކްރޮންގެ ބިރަށް ލޮކްޑައުން ކުރާކަށް ނުޖެހޭ: ބައިޑަން

ވޮޝިންޓަން (ނޮވެމްބަރު 30) - ކޮވިޑުގެ އާ ވޭރިއަންޓް، އޮމިކްރޮންގެ ބިރަށްޓަކައި މި ވަގުތު ލޮކްޑައުން ކުރުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ނޯތު އެމެރިކާ އިން އޮމިކްރޮން ވޭރިއަންޓް ފެނުނުތާ އެއްދުވަސް ފަހުން، ދެއްވި ބަޔާނުގައި ބައިޑަން ވިދާޅުވީ ވެކްސިން ޖަހައި އަދި މާސްކް އަޅައިގެން އުޅޭ ނަމަ އޮމިކްރޮންގެ ބިރަށްޓަކައި ލޮކްޑައުން ކުރުމަކީ މިހާރު ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ކެނެޑާ އިން މިހާރު ވަނީ އޮމިކްރޮން ފެނިފަ އެވެ. އޮމިކްރޮން އަށް، އެމެރިކާގެ އުތުރުން އޮންނަ، ކެނެޑާ އިން ޕޮޒިޓިވްވެފައި ވަނީ ނައިޖީރިއާ އިން ދިޔަ ދެ މީހުންނެވެ. އެމެރިކާ އިން ވަނީ އެފްރިކާގެ އަށް ގައުމަކުން ދަތުރުކުރާ މީހުން އެތެރެވުން މަނާކޮށްފަ އެވެ. އެއީ ސައުތު އެފްރިކާ، ބޮޓްސްވާނާ، ޒިމްބާބުވޭ، ނެމީބިއާ، ލެސޯތޯ، އީސްވާތީ، މޮޒަމްބީކް އަދި މަލާވީ އެވެ. އިނގިރޭސި ވިލާތުން ވެސް ވަނީ އެފްރިކާގެ ދެކުނުގެ ގައުމުތަކުން ދަތުރުކުރާ މީހުންނަށް އެ ގައުމުގެ ބޯޑަރު ބަންދުކޮށްފަ އެވެ.

ބައިޑަން ވިދާޅުވީ އޮމިކްރޮން ވެސް އެމެރިކާ އިން ފެންނާނެކަން އެއީ ޔަގީންވާ ކަމެއް ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައިޑަން ވަނީ އެންމެން ވެސް މާސްކް އަޅައިގެން އުޅުމަށް އިލްތިމާސް ކުރައްވައިފަ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި އޮތް ތޭންކްސްގިވިން އިވެންޓެއްގައި ބައިޑަން މާސްކް ނާޅުއްވާ އުޅުއްވާ ފޮޓޯތަކެއް އާއްމުވުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.