ކްލަބް މޯލްޑިވްސް: ފިއުލް ސަޕްލައި އާއި ފެނަކަ ދެވަނަ ބުރަށް
ކްލަބް މޯލްޑިވްސް: ފިއުލް ސަޕްލައި އާއި ފެނަކަ ދެވަނަ ބުރަށް

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ގުރޫޕް އީގައި ފިއުލް ސަޕްލައި މޯލްޑިވްސް އަދި ގުރޫޕް އެފް އިން ފެނަކަ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ކްލަބް މޯލްޑިވްސް: ފިއުލް ސަޕްލައި އާއި ފެނަކަ ދެވަނަ ބުރަށް
ކްލަބް މޯލްޑިވްސް: ފިއުލް ސަޕްލައި އާއި ފެނަކަ ދެވަނަ ބުރަށް

ގުރޫޕް އީގައި ފިއުލް ސަޕްލައި މޯލްޑިވްސް އިން ރޭ ވަނީ އިމިގްރޭޝަން ގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައިފަ އެވެ. ފިއުލް ސަޕްލައިގެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ޖުމާން އެވެ.

އެ މެޗުން މޮޅުވެ ފިއުލް ސަޕްލައި ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. އެ ގުރޫޕްގައި އެ ޓީމާ އެންމެ ކައިރީގައި އޮތް ދިރާގަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އިމިގްރޭޝަން އާއި ހައުސިން މިނިސްޓްރީ އަށް ޕޮއިންޓެއް ނުލިބެ އެވެ. ހައުސިން މިނިސްޓްރީ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ގުރޫޕް އެފްގައި ފެނަކަ ވަނީ، ޕްރިޒަންގެ މައްޗަށް 4-0 އިން މޮޅުވެފަ އެވެ. ފެނަކައިގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަޔާޒު އަހްމަދު (އަޔާ) އެވެ. އަނެއް ދެ ލަނޑު ޖެހީ ޔަޝްފާދު ހަބީބް (މުލަކޭ) އާއި ހުސައިން ޝަރީފެވެ.

ޕްރިޒަންގެ މައްޗަށް މޮޅުވުމުން ފެނަކައިން ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ދެވަނަ އަށް ވާދަކުރާ ޕްރިޒަން އާއި ރާއްޖެ އޮންލައިން އަށް ލިބިފައި ވަނީ ކޮންމެ ޓީމަކަށް ތިން ޕޮއިންޓެވެ. އެ ގުރޫޕްގައި ހިމެނޭ އޭވިއޭޝަން ވަނީ މުބާރާތުން ކަޓައިފަ އެވެ.

ގުރޫޕް ޑީގައި ބީއެމްއެލް ވެސް ރޭ ވަނީ ދެވަނަ މެޗުގައި ގައުމީ ފެން ކުންފުނި (އެމްޑަބްލިއުއެސްސީ)ގެ މައްޗަށް 5-0 އިން މޮޅުވެ މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ދަމަހައްޓައިފަ އެވެ. ބީއެމްއެލްގެ ފުރަތަމަ މެޗުގައި އެ ޓީމު ބަލިވީ އެޗްޑީސީ އަތުންނެވެ. ބީއެމްއެލްގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ. އަނެއް ދެ ލަނޑު ޖެހީ ޝާމިން މުހައްމަދު ނަސީރު އާއި އަހްމަދު މަހްދޫމް އެވެ.

ވަރަށް ވާދަވެރިކޮށް އޮތް ގުރޫޕް ޖީގައި އެމްޕީއެލް އިން ވަނީ ރޭ ސިވިލްކޯޓްގެ މައްޗަށް 4-1 އިން މޮޅުވެފަ އެވެ. އެމްޕީއެލްގެ ލަނޑުތައް ޖެހީ އަހްމަދު ހުސައިން، ހަސަން އިބްރާހިމް، ނާއިހް މުފީދު އަދި އަހްމަދު ނިޒާމެވެ. ސިވިލް ކޯޓްގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ސާއިފް އެވެ.