30 ނޮވެމްބަރ 2021 - 07:51

ދިވެހިންނަށް އަމާޒުކޮށްގެން، އެހެން ދީންތައް ފަތުރައި ދީނީ އެއްބައިވަންތަކަމާ ދެކޮޅަށް ހިންގާ ވެބްސައިޓްތަކާއި ޕޭޖްތަކާއި އެޕްލިކޭޝަންތަކާއި ޗެނަލްތައް ހުއްޓުވަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެކަން 72 ގަޑިއިރު ތެރޭ ތަންފީޒުކުރަން ފުލުހުން އަންގައި އިންޒާރު ދީފި އެވެ.
ޣައިރު ދީންތަކަށް ދިވެހިން ވެއްދުމުގެ ބޭނުމުގައި ދިވެހި ބަހުން ކޮންޓެންޓް ހަދައިގެން ހިންގާ ސޯޝަލް މީޑިއާ އާއި އާންމުކޮށް އިންޓަނެޓްގައި ހިންގާ ހަރަކާތްތަކެއް ހުއްޓުވަން ފުލުހުން ކޯޓުން ހޯދި އަމުރަށް ފަހު، އިންޓަނެޓްގެ ހިދުމަތް ފަރާތްތަކަށް އަންގާފައި ވަނީ އަމުރު ތަންފީޒުކޮށް އެކަން 72 ގަޑިއިރު ތެރޭ ލިޔުމުން އެންގުމަށެވެ.
އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކުގެ ތެރެއިން މި އެންގުމާ އެއްގޮތަށް މި މުއްދަތުގެ ތެރޭގައި އަމަލު ނުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
އަމުރު ތަންފީޒުކުރަން 72 ގަޑިއިރު ދީ އެކަން އަންގާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެހެންވެ މި މުއްދަތު މާދަމާ ހަމަވާނެ އެވެ.
ދީނާ ދެކޮޅު ކޮންޓެންޓް ރާއްޖޭގައި ބްލޮކް ކުރަން ފުލުހުން އަމުރު ހޯދާފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނު ބުނާ ގޮތުން ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި ދީނީ ގޮތުން ހިލާފް އުފެދޭ ވާހަކަ ދެއްކުމާއި އެފަދަ އަމަލުތައް ކުރުމާއި އެފަދަ ކަމެއް ކުރަން އުޅުމަކީ ވެސް މަނާ ކަމެކެވެ. މީގެ އިތުރުން އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތަކާއި އެ ދީންތައް ކުރިއަރުވާ ލިޔުންތައް އާންމުންގެ ތެރޭގައި ގެންގުޅުމާއި އެފަދަ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބެހުން ނުވަތަ ފެތުރުމަކީ ވެސް މަނާ ކަމެކެވެ.