އާ ވޭރިއަންޓާ ހެދި ރިސޯޓަކަށް މިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ
އާ ވޭރިއަންޓާ ހެދި ރިސޯޓަކަށް މިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ

އެފްރިކާ އިން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓްގެ ސަބަބުން، ރާއްޖޭގެ މަތީ ފެންވަރުގެ ރިސޯޓަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ އެ ރިސޯޓަށް ދެކުނު އެފްރިކާގެ ޖޮހެނަސްބާގް އިން 300 ޓޫރިސްޓުން އިއްޔެ އަންނަ ގޮތަށް ހަމަޖައްސައި، ބޮޑު އަގުގައި މުޅި ރިސޯޓް އޮތީ ފަސް ދުވަހަށް މިދިޔަ މެއި މަހު ބުކްކޮށްފަ އެވެ. އެކަމަކު، ސަރުކާރުން މީގެ ދެ ދުވަސް ކުރިން ކުރި އިއުލާނާ ގުޅިގެން އެ ޓޫރިސްޓުން އައުން ވަނީ ކެންސަލް ކޮށްފަ އެވެ.

"ޖޮހެނަސްބާގްގެ ވަރަށް މަތީ ފެންވަރުގެ ކުންފުންޏަކުން މުޅި ރިސޯޓް ބުކްކޮށް އެ ކުންފުނީގެ 300 މުވައްޒަފުން އިއްޔެ އަންނަ ގޮތަށް ހަމަޖެހިފައި އޮތީ. އެ މީހުން އަންނަ ގޮތަށް އޮތީ ދެ މަތިންދާބޯޓުގައި މާފަރުން މި ރިސޯޓަށް،" މައުލޫމާތު އެނގިހުރި މީހަކު، "މިހާރު" އަށް ކިޔައިދިނެވެ. އޭނާ ބޭނުން ވަނީ ރިސޯޓުގެ ނަމާއި ލިބުނު ގެއްލުންތަކުގެ ތަފުސީލުތައް މި ހަބަރުގައި ނުހިމަނާށެވެ.

"މި ދެންނެވީ މުޅި ރިސޯޓް ހަމަ އެއްކޮށް އެކްސްކްލޫސިވްކޮށް ހިފި ވާހަކަ. ރޫމްތަކަށް އެކަނި ވެސް އެއީ މިލިއަނަކަށް ވުރެ ގިނަ ޑޮލަރު. އަދި ރިސޯޓްގައި ތިބެގެން ކުރާ އެހެން ހޭދަތައް ހިމަނައިފިއްޔާ މި ގެއްލުނީ ވަރަށް ބޮޑު އެއްޗެއް."

ކޮވިޑްގެ އާ ވޭރިއަންޓެއް އެފްރިކާގެ ގައުމުތަކުން ފެނުމާ ގުޅިގެން، ދުނިޔޭގެ ބައެއް ގައުމުތަކުން ވެސް ވަނީ، އެ ސަރަހައްދުގެ ބައެއް ގައުމުތަކުގެ މީހުން ބޯޑަރު ހުރަސްކުރުން މަނާކޮށްފަ އެވެ. ރާއްޖެ އިން ވެސް އެކަން އެގޮތަށް ދެމެހެއްޓި އިރު، ސައުތު އެފްރިކާގެ ޓޫރިސްޓުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

"ކުރިއަށް މިއޮތް ފަސް ދުވަސް އޮންނާނީ މި ރިސޯޓް އެއްކޮށް ހުސްކޮށް. އަޅުގަނޑުމެންނަށް މި ފަސް ދުވަހަށް ކުއްލިއަކަށް މީހުންނެއް ނުވެއް ހޯދޭނެ،" އޭނާ ބުންޏެވެ.

ކޮވިޑާ ގުޅިގެން މުޅި ދުނިޔޭގެ ދަތުރުފަތުރު އެއްކޮށް ހުއްޓިފައި އޮތުމަށް ފަހު މަޑުމަޑުން ބޯޑަރުތައް ހުޅުވަން ފެށިތާ އަދި ހައެއްކަ މަސް ނުވެ އެވެ. އަލަށް ފެނުނު ވޭރިއަންޓާ ގުޅިގެން ބޯޑަރުތައް އަނެއްކާ ވެސް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ހީވެފައި އޮތް އިރު، ޑަބްލިޔުއެޗްއޯ އިން ލަފާ ދީފައި ވަނީ، ބޯޑަރު ބަންދުނުކޮށް މި ވޭރިއަންޓާ ކުރިމަތިލުމަށެވެ. ސަބަބަކީ، ކުރިން ތަޖުރިބާ ކުރި ހާލަތު އަނެއްކާ ވެސް ކުރިމަތިވެއްޖިއްޔާ އިގްތިސާދީ ގޮތުން ގައުމުތައް އިނދަޖެހިދާނެތީ އެވެ.

އެފްރިކާގެ ގައުމުތަކަކީ ރާއްޖެ އަށް އެހާ ބައިވަރު ޓޫރިސްޓުން އަންނަ ސަރަހައްދެއް ނޫނެވެ. ރާއްޖެ އަށް މަހެއްގެ މައްޗަށް އެ ސަރަހައްދުން އަންނަނީ ދޮޅު ހާހެއްހާ ޓޫރިސްޓުންނެވެ.