10 ޑިސެމްބަރ 2016 - 18:55

އަންނަ އަހަރު ޗައިނާގައި ބާއްވާ ކުރެހުމުގެ މައުރަޒެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި އާޓިސްޓުންނަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.
އެ ސެންޓަރުން ބުނީ ޗައިނާގެ ބެއިޖިންގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 އިން އޮކްޓޯބަރު މަހުގެ 15 އަށް ބާއްވާ "ހަތް ވަނަ ބެއިޖިން އިންޓަނެޝަނަލް އާޓް ބިއެނާލް 2017" ގައި ބައިވެރިވުމުގެ ފުރުސަތު ދޭން ހަމަޖެހިފައި ވަނީ ރާއްޖޭގެ ހަތަރު އާޓިސްޓަކަށް ކަމަށެވެ.
މި މައުރަޒު އޮންނާނީ ބެއިޖިންގެ ނެޝަނަލް އާޓް މިއުޒިއަމްގަ އެވެ.
މައުރަޒުގައި ބައިވެރިވާން ޝައުގުވެރިވާ އާޓިސްޓުންނަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހޯމަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މައުޒަރުގެ ތީމަކީ "ދަ ސިލްކްރޯޑް އެންޑް ވޯލްޑްސް ސިވިލައިޒޭޝަންސް" އެވެ.
އެންސީއޭ އިން ބުނީ މައުޒަރުގައި ބައިވެރިވާން އެދި ހުށަހަޅާ އާޓިސްޓުންގެ ތެރެއިން ހަތަރު އާޓިސްޓަކު ހޮވާނީ އެ ސެންޓަރުން ހަދާ އިވެލުއޭޝަނަކަށް ފަހު ކަމަށެވެ.
ދެހާސް ތިން ވަނަ އަހަރު ތައާރަފު ކުރި "ބެއިޖިން އިންޓަނެޝަނަލް އާޓް ބިއެނާލް" އަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮތް ޗައިނާއިން ގާއިމު ކުރަން މަސައްކަތް ކުރަމުން އަންނަ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކްރޫޓްގެ ހަގީގީ ތަސައްވުރާ ހަމައަށް ވާސިލްވާން ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައިގެން ބާއްވާ މައުޒަރެކެވެ.
އަދި މީގެ ބޭނުމަކީ ތަފާތު ގައުމުތަކުގެ ތަފާތު ހިޔާލު އޭގެ ތެރެއިން ދައްކާލުމެވެ.