29 ނޮވެމްބަރ 2021 - 18:44

ހަމަހަމަކަން ގާއިމުކުރެވޭނީ އެންމެންގެ ހައްގުތައް ވެސް ބަލައިގަނެގެން ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭޝިއާ ސަރަހައްދުގެ އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ އަދި ތަރައްގީ ވަމުން އަންނަ ޖަޒީރާ ގައުމުތަކުގެ ޓްރަސްޓް ފަންޑް ވޯކްޝޮޕް ފައްޓަވައި ދެއްވަމުން ޝާހިދު ވިދާޅުވީ، ހުރިހާ ފަރުދުންގެ ހައްގުތައް ބަލައިގަތުމަކީ މިނިވަންކަމާއި އަދުލު އިންސާފާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމުގެ ބިންގާ ކަމަށެވެ. އަދި އެންމެންގެ ހައްގުތަކަށް އިހުތިރާމު ކުރުމަކީ އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ދައުރުގައި އޭނާ އެންމެ އިސްކަން ދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން ވެސް ފާހަގަކުރެއްވި އެވެ.
"ހިއުމަން ރައިޓްސް ކައުންސިލް (އެޗްއާރްސީ) ގެ ކުރިމަތީގައި ހުރިހާ އަޑުތަކެއް އިއްވައި، ހުރިހާ މެންބަރު ގައުމުތަކަށް ތަމްސީލު ކުރުމުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމުގައި ދެކެން. މި ކަމުގެ ހެއްކަކީ އިންސާނީ ހައްގުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އެޗްއާރުސީން ފާސްކޮށްފައިވާ މުހިންމު ދެ ގަރާރެއް މި އަހަރުގެ ތެރޭގައި ފާސްވުން،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މި ދެ ގަރާރު ފާސްވުމުން އެ ކައުންސިލްގައި ހިމެނޭ އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ އަދި ތަރައްގީ ވަމުން އަންނަ ޖަޒީރާ ގައުމުތަކުގެ އަޑުތަކުން މަންފާ ލިބުނު ކަމަށް ގަބޫލުކުރެއްވެ އެވެ.
ޝާހިދުގެ އިތުރުން މި ވޯކްޝޮޕްގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި އެޗްއާރްސީގެ 15 ވަނަ ދައުރުގެ ރައީސް ފީޖީގެ ނަޒްހަތު ޝަމީމް ޚާން އަދި އެޗްއާރްސީ އެންޑް ޓްރީޓީ މެކެނިޒަމްސް ޑިވިޝަންގެ ޑިރެކްޓަރު މަހަމޭން ސީސޭ-ގުރޯވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ މާޗު 24، 2017 ގައި ފާސްކޮށްފައިވާ އެޗްއާރުސީގެ ގަރާރާ ގުޅިގެން ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ. އެ ގަރާރުގައި، ޓްރަސްޓް ފަންޑަށް ހިތްވަރު ދީ، މާޗު، 2022 ގައި ޓްރަސްޓް ފަންޑަށް 10 އަހަރު ފުރުމުގެ ކުރިން އެފްރިކާ، އޭޝިއާ ޕެސިފިކް އަދި ކެރީބިއަން ހިމެނޭހެން ތިން ޖިއޮގްރަފިކަލް ސަރަހައްދުގައި ސިލްސިލާ ވޯކްޝޮޕްތަކެއް ބޭއްވުމަށް ބާރުއަޅާފައި ވެ އެވެ.
މި ވޯކްޝޮޕްތަކުގެ މަގްސަދަކީ ޓްރަސްޓް ފަންޑްގެ ކާމިޔާބީތަކުގެ މައްޗަށް ރިއާޔަތް ކުރުމާއި އިތުރަށް ރަނގަޅު ކުރަންވީ ކަންކަން ފާހަގަކުރުމާއި އަދި އެޗްއާރުސީ އާއި އޭގެ މެކޭނިޒަމްތަކުގައި ކުޑަކޮށް ތަރައްގީ ވެފައިވާ އަދި ތަރައްގީ ވަމުން އަންނަ ޖަޒީރާ ގައުމުތަކުން ބައިވެރިކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ތަމްރީނާއި ގާބިލުކަން އިތުރު ކުރުމަށް ހިންގާ ހަރަކާތްތަކުގެ އަގުވަޒަން ކުރުމެވެ.
މިއީ އޭޝިއާ ސަރަހައްދުގެ ކުޑަކޮށް ތަރައްގީ ވެފައިވާ އަދި ތަރައްގީ ވަމުން އަންނަ ޖަޒީރާ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ހަތަރު ވަނަ އަދި އެންމެ ފަހުގެ ވޯކްޝޮޕެވެ.