ކޮވިޑްގެ އާ ވެރިއަންޓާ ކުރިމަތިލާންވީ ބޯޑަރުތައް ބަންދު ނުކޮށް: ޑަބްލިއުއެޗްއޯ
ކޮވިޑްގެ އާ ވެރިއަންޓާ ކުރިމަތިލާންވީ ބޯޑަރުތައް ބަންދު ނުކޮށް: ޑަބްލިއުއެޗްއޯ

ކޮވިޑްގެ އާ ވޭރިއަންޓް "އޮމިކްރޮން" ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅަކީ އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން މަނާކުރުން ނޫން ކަމަށާއި އެކަމާ ދެކޮޅަށް ސައިންސްޓިފިކް ގޮތުން މަސައްކަތްކުރުން ކަމަށް ޑަބްލިޔުއެޗްއޯ އިން އެފްރިކާ ސަރަހައްދަށް ކަނޑައަޅާފައިވާ ވެރިޔާ މަޓްޝިޑިސޯ މޮއެޓީ އިއްޔެ ވިދާޅުވެއްޖެ އެވެ.

"ދުނިޔޭގެ އެކި ސަރަހައްދުތަކުން އޮމިކްރޮން ވޭރިއަންޓް ފެނުމާ އެކު، އެފްރިކާއަށް އަމާޒުކޮށް މި އަޅާ، ދަތުރުކުރުން މަނާކުރުމުގެ ފިޔަވަޅުތަކަކީ ދުނިޔޭގެ އެއްބައިވަންތަކަމަށް ދެވޭ ހަމަލާއެއް،" ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓާ ޖެނެރަލް މަޓްޝިޑިސޯ މޮއެޓީ ވިދާޅުވި އެވެ.

"ކޮވިޑް-19 ފެތުރުން ކުޑަކުރުމުގައި ދަތުރުފަތުރަށް އަޅާފައިވާ ފިޔަވަޅުތަކުން ކުޑަ އަސަރެއް ކޮށްފާނެ. ނަމަވެސް މިއީ އާންމު ދިރިއުޅުމަށް ބޮޑު ބުރައެއް އުފުލަން ޖެހިދާނެ ކަމެއް،" ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނުގައި ބުންޏެވެ.

އދ. ގެ އިދާރާއިން ބުނީ، ފިޔަވަޅުތަކެއް އަޅާ ނަމަ އެއީ ބޭކާރު ފިޔަވަޅުތަކަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެއީ ސައިންޓިފިކް ގޮތުން ސާބިތުވާ ކަންކަމަށް އަޅާ ފިޔަވަޅުތަކަށް ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޮމިކްރޮން ސްޓްރެއިންއާ އެކު މިހާރު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކާ މެދު ސުވާލު އުފެދިފަ އެވެ.

އޮމިކްރޮން ވެރިއަންޓުގެ ހަގީގަތް ދެނެގަންނަން ސައިންސްވެރިން ބުރަކޮށް މަސައްކަތްކުރަމުން ދާއިރު މި ވޭރިއަންޓް ފެނުނު ދެކުނު އެފްރިކާގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި އޮމިކްރޮން ސްޓްރެއިން ޖެހިފައިވާ މީހުންގެ ކިބައިން ފެންނަނީ ވަރުބަލިކަން ފަދަ އާދައިގެ އަލާމާތްތަކެވެ.

އޮމިކްރޮން ވޭރިއަންޓް ފެތުރޭތީ ދެކުނު އެފްރިކާގެ ގައުމުތަކަށް ދަތުރުކުރުން ވަނީ ވަރަށް ގިނަ ގައުމުތަކުން މަނާކޮށްފަ އެވެ.