29 ނޮވެމްބަރ 2021 - 12:24

ބީއެމްއެލް އެޕްލިކޭޝަންގައި އަނެއްކާ ވެސް މައްސަލަތައް ޖެހި، އާންމުންގެ ޝަކުވާ ގިނަވެއްޖެ އެވެ.
ބީއެމްއެލްގެ މޮބައިލް އެޕަށް މައްސަލަތައް ކުރިމަތިވާން ފެށީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެންނެވެ. އެ މައްސަލަ ކުރިމަތިވުމާ އެކު، އެޕްގެ ހުރިހާ ހިދުމަތެއްހެން ހުއްޓި އާންމުންގެ ޝަކުވާތައް އިތުރުވާން ފެށި އެވެ. އޭގެ ފަހުން ވެސް އެތައް ފަހަރަކު އެޕް ޑައުންވެ ހިދުމަތްތަކަށް ބުރޫ އެރި އެވެ. ދޭތެރެދޭތެރެއިން މައްސަލަ ދިމާވުމަށް ފަހު ރަނގަޅުވެ އެވެ.
ބީއެމްއެލްގެ އެޕް މިއަދު ވެސް ވަނީ ޑައުންވެފަ އެވެ. އެކަމާ ގުޅިގެން އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މައްސަލަތައް ދިމާވަނީ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތާ ގުޅިގެން ކަމަށެވެ. ބީއެމްއެލް އިން ބުނީ ކޯ ބޭންކިން ސިސްޓަމްގެ އަޕްޑޭޑް މަސައްކަތަކީ އުނދަގޫ އަދި އެހާ ބޮޑު މަސައްކަތަކެއް ކަމަށެވެ.
"އެހާ ބޮޑު މަސައްކަތަކަށް ވުމާ އެކު މިކަމުގެ ސަބަބުން ހިދުމަތްތައް މެދުކެނޑިގެން ދިއުމަކީ ދުނިޔޭގެ ކޮންމެ ބޭންކަކަށް ވެސް ކުރިމަތިވެދާނެ ކަމެއް. ބޭންކްގެ އަންދާޒާ އަކީ މި އަޕްގްރޭޑްގެ ސަބަބުން ސިސްޓަމްތައް މެދުކެނޑިގެން ދާނީ ކުޑަ މިންވަރަކަށް،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.
ބޭންކުގެ އެޕްލިކޭޝަން ބޭނުން ނުކުރެވުމުގެ ސަބަބުން ހިދުމަތް ހޯދުމުގައި އުނދަގޫތައް ދިމާވެ އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ވެސް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކަށް ވަނީ ހޮސްޕިޓަލާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް ގޮސް ފައިސާ ދެއްކުމުގައި އުނދަގޫތައް ކުރިމަތިވެފަ އެވެ. މީގެ އިތުރުން ފިހާރަތަކަށް ފައިސާ ދެއްކުމުގައި ވެސް ބޮޑެތި އުނދަގޫތައް އާންމުންނަށް ވަނީ ދިމާވެފައިވެ އެވެ.
ބީއެމްއެލް އިން ބުނީ އެޕްލިކޭޝަނަށް ދިމާވާނެ މައްސަލަތަކަށް ހުރިހާ އެންމެން ވެސް ތައްޔާރަށް ތިބުމަށް އެދޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް އެ ބޭންކުން ބުނެ އެވެ. ބޭންކުން ބުނީ މި މައްސަލަތައް ހައްލުކުރަން ކެނޑިނޭޅި އެބަ މަސައްކަތް ކުރާ ކަމަށެވެ.
ބޭންކުގައި ތިން ލައްކައެއްހާ ކަސްޓަމަރުން ތިބި އިރު ބީއެމްއެލް މޯބައިލް އެޕްލިކޭޝަނަކީ އާންމު ހިދުމަތްތައް ހޯދުމުގައި ދިވެހިން ވަރަށް ބޮޑަށް ބަރޯސާވެފައިވާ އެޕްލިކޭޝަނެކެވެ. ހާއްސަކޮށް ކޮވިޑަށް ފަހު މާލީ މުއާމަލާތްތައް ހިންގުމުގައި ދިވެހިން ޑިޖިޓަލް ވަސީލަތްތައް ބޭރުން ކުރާ ވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު ވެސް އޮންލައިންކޮށް 73 މިލިއަން ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.